Advertisement

ގައްދޫ ކައުންސިލުން ބުނީ ޖަލްސާ ބޮއިކޮޓް ނުކުރާ ކަމަށް

21 ފެބުރުވަރީ 2024 - 15:29 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރައީސް ގައްދޫއަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް


ގައްދޫ ކައުންސިލުން ބުނީ ޖަލްސާ ބޮއިކޮޓް ނުކުރާ ކަމަށް

21 ފެބުރުވަރީ 2024 - 15:29 0

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގދ. ގައްދޫއަށް ވަޑައިގަނެ، ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ކައުންސިލުން ބައިވެރިވި ކަމަށާއި، އިންތިޒާމުތަކުގައި ވެސް އިސްކޮށް ހަރަކާތްތެރިވި ކަމަށް ގައްދޫ ކައުންސިލުން ބުނެފި އެވެ.

"އަދަދު" ނޫހާ ވަހަކަ ދައްކަމުން ގައްދޫ ކައުންސިލު މެމްބަރު، އައިމިނަތު ފަރުހާނާ މިއަދު ވިދާޅުވީ ރައީސަށް މަރުހަބާ ކިޔައި ހުރިހާ ކަމެއް އިންތިޒާމުކުރުމުގައި އެ ކައުންސިލުގެ މެމްބަރުންނާއި ރައީސް މުހައްމަދު އަހުމަދު ވެސް އިސްކޮށް އުޅުއްވި ކަމަށެވެ.

އެގޮތުން ޖަލްސާގައި ބައިވެރި ނުވަނީ ގައްދޫ ކައުންސިލުގެ ރައީސް މުހައްމަދު އަހުމަދާއި، ނައިބު ރައީސްގެ އިތުރުން އަދި އެއް މެމްބަރަކު ކަމަށް ފަރުހާނާ ވިދާޅުވި އެވެ. ރައީސާއި ނައިބު ރައީސް ޖަލްސާގައި ބައިވެރިވެވަޑައިނުގަތީ ކީއްވެގެން ކަން ނޭނގޭކަން ފާހަގަކުރަމުން ފަރުހާނާ ވިދާޅުވީ، ބައިވެރި ނުވި ކައުންސިލު މެމްބަރު މިވަގުތު ރާއްޖޭގައި ނެތް ކަމަށެވެ.

"އަޅުގަނޑު ވެސް މަރުހަބާ ދަންނަވަން ވެސް ދިޔައިން. ޖަލްސާގަ ވެސް ބައިވެރިވިން. ބައިވެރިނުވަނީ ރައީސާ ނައިބު އަދި އެއް މެމްބަރަކު. އެއީ ކީއްވެކަމެއް އަޅުގަނޑަކަށް ވެސް ނޭނގެ،" ފަރުހާނާ ފާހަގަކުރި އެވެ.

ފަރުހާނާ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒަށް މަރުހަބާ ކިޔަން ބަނދަރު މައްޗަށް ދިއުމަށް އަންގައި، ކައުންސިލުން އިއުލާނެއް ގެޒެޓުކުރުމުގެ މަގުސަދަކީ ވެސް ހުރިހާ ރައްޔިތުންނަށް ރައީސް ވަޑައިގަންނަވާކަން އަންގައި، އެންމެ ފުރިހަމައަށް ހުރިހާ ކަމެއް އިންތިޒާމުކުރުން ކަމުގަ އެވެ.

"އިއުލާނު ވެސް އަޅުގަނޑުމެން ގެޒެޓުކުރީ އެންމެ ފުރިހަމައަށް ހުރިހާ ކަމެއް ގެންދިއުމަށް. ހުރިހާ ގެއަކަށް އަޅުގަނޑުމެން ދައުވަތު ކާޑު ވެސް ފޮނުވިން،" ފަރުހާނާ ވިދާޅުވި އެވެ.

ގައްދޫއަށް ކުރެއްވި ދަތުރުގައި އެމަނިކުފާނު ބޭއްވި ޖަލްސާއެއްގައި އެ ރަށު ކައުންސިލުގެ މެންބަރުން ބައިވެރިނުވާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުއިއްޒު ވަނީ އެ ރަށު ކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"މިއަދާ ހަމައަށް އައިއިރުގަ އަޅުގަނޑުމެންނާ ސިޔާސީ ގޮތުން މުޅިން ހިޔާލު ތަފާތު ޕާޓީ، އެމްޑީޕީގެ ކައުންސިލުތަކުގެ ރައީސުން، މޭޔަރުން ހުރިހާ ރަށެއްގަ ވަރަށް ފުރިހަމައަށް ބައިވެރިވެވަޑައިގަތް. އެއީ އެކަންކަން ވާންޖެހޭނެ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް ގައްދޫ ކައުންސިލު ރައީސް، މުހައްމަދު އަހުމަދަށް ތަކުރާރުކޮށް ގުޅި ނަމަވެސް، ފޯނަށް ޖަވާބު ނުދެއްވާތީ ރައީސްގެ ބަހެއް އަދި ނުލިބެ އެވެ.