21 ފެބުރުވަރީ 2024 - 13:37 0
މަރިޔަމް އަފާ ނިޒާމް
ރައީސް މުއިއްޒު ގައްދޫއަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް
21 ފެބުރުވަރީ 2024 - 13:37 0
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިއަދު ގދ. ގައްދޫއަށް ވަޑައިގަތުމުގެ ކުރިން، އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ރައްޔިތުން ނުކުތުމަށް އަދި އެ ރަށު ކައުންސިލުން ގެޒެޓެއްކޮށްފި އެވެ.
ރައީސް މުއިއްޒަށް މަރުހަބާ ކިޔުމަށް އެދި ގައްދޫ ކައުންސިލުން ގެޒެޓުގައި އިއުލާނު ކުރީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގަތީ މިއަދު ހެނދުނެވެ.
ގައްދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ފެބްރުވަރީ 21، ވާ ބުދަ ދުވަހު ގައްދުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވާތީ، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގައްދޫގެ އެންމެހައި ރައްޔިތުން އެދުވަހުގެ ހެނދުނު 9:30 އަށް ގައްދޫ ދެކުނު ބަނދަރު ގިޑިގެ ސަރަހައްދަށް އައުމަށް އެދޭ ކަމަށެވެ.
ރައީސްގެ ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ ގައްދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާތީ ހެނދުނު 10:45 އަށް ގދ. އަތޮޅުމަދަރުސާ އަށް އައުމަށް ވެސް އެ އިއުލާނުގައި ވަނީ ދައުވަތު އަރުވާފަ އެވެ.
ގައްދޫން ރައީސަށް މަރުހަބާ ދަންނަވަން ގާތްގަނޑަކަށް 341 މީހުން ދިޔައިރު، އެ ރަށުގައި ދިރިއުޅެނީ ޖުމުލަ 1،255 މީހުން ކަމަށް ބޯހިމެނުމުން ދައްކަ އެވެ. އެހެންކަމުން ރައީސްއަށް މަރުހަބާ ކިޔުމަށް ނުކުތީ ރަށުގެ 24 ވަރަކަށް ޕަސެންޓު މީހުންނެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގައްދޫގެ ތިން ފޮށިން ރައީސް މުއިއްޒަށް ލިބިވަޑައިގަތީ 529 ވޯޓެވެ. އަދި ކުރީގެ ރައީސް ސޯލިހަށް 342 ވޯޓު ލިބިވަޑައިގަތެވެ.
ގައްދޫއަށް ކުރެއްވި ދަތުރުގައި އެމަނިކުފާނު ބޭއްވި ޖަލްސާއެއްގައި އެ ރަށު ކައުންސިލުގެ މެންބަރުން ބައިވެރިނުވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"މިއަދާ ހަމައަށް އައިއިރުގަ އަޅުގަނޑުމެންނާ ސިޔާސީ ގޮތުން މުޅިން ހިޔާލު ތަފާތު ޕާޓީ، އެމްޑީޕީގެ ކައުންސިލުތަކުގެ ރައީސުން، މޭޔަރުން ހުރިހާ ރަށެއްގަ ވަރަށް ފުރިހަމައަށް ބައިވެރިވެވަޑައިގަތް. އެއީ އެކަންކަން ވާންޖެހޭނެ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.
Comment