Advertisement

މި އަހަރުތެރޭ އޭޓީއާރުގެ ތިން ބޯޓު ރާއްޖެ ގެނެވޭނެ: މޯލްޑިވިއަން

21 ފެބުރުވަރީ 2024 - 14:09 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ޯމޯލްޑިވިއަންގެ އޭޓީއާރު ބޯޓުތަކެއް. މި އަހަރު އިތުރު ތިން އޭޓީއާރު ފްލީޓަށް އިތުރުވާނެ ކަމަށް މޯލްޑިވިއަން އިން ބުނޭ --- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މި އަހަރުތެރޭ އޭޓީއާރުގެ ތިން ބޯޓު ރާއްޖެ ގެނެވޭނެ: މޯލްޑިވިއަން

21 ފެބުރުވަރީ 2024 - 14:09 0

ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ ފްލީޓަށް އޭޓީއާރު މަރުކާގެ މުޅިން އާ ތިން ބޯޓު، މި އަހަރު ތެރޭގައި އިތުރުކުރެވޭނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ގައުމީ އެއާލައިނުގެ ފްލީޓު ޒަމާނީކުރުމަށް އައިލެންޑް އޭވިއޭޝަނުން ފަށާފައިވާ މަޝްރޫއުގެ ދަށުން މުޅި ފްލީޓް އެއްކޮށް އޭޓީއާރަށް ބަދަލުކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އެއާލައިނުން މިހާރުވެސް އަންނަނީ ފްރާންސްގެ އޭޓީއާރު ކުންފުނިން އޭޓީއާރު 600-72ގެ ދެ ބޯޓާއި އޭޓީއާރު 600-42 ގެ ބޯޓެއް ގަނެ، އުދުހުންތަކުގައި ބޭނުންކުރަމުންނެވެ.

މި އަހަރުތެރޭގައި އޭޓީއާރުގެ އިތުރު ބޯޓުތަކެއް ގެނައުމުގެ މަސައްކަތް ވެސް މޯލްޑިވިއަން އިން އަންނަނީ ކުރަމުންނެވެ.

އެގޮތުން އޭޓީއާރު 600-42 ގެ ދެ ބޯޓަށް މިދިޔަ ސެޕްޓެމްބަރު މަހު އޯޑަރު ދީފައިވާއިރު ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 'އެސްޖީއެއާޝޯ 2024' ގެ ތެރެއިން އިއްޔެ، އޭޓީއާރު 600-42 ގެ އިތުރު ދެ ބޯޓު ގަތުމުގެ އެއްބަސްވުމެެއްގައި އެކުންފުނިން ވަނީ ސޮއިކޮށްފަ އެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް، އަހުމަދު މުޝްއިލް ސޮބާހު "އަދަދު" އަށް މިއަދު ވިދާޅުވީ ސެޕްޓެމްބަރު އޯޑަރުކުރި ދެ ބޯޓުގެ ތެރެއިން އެއް ބޯޓު އަންނަ އޭޕްރީލް މަހުގައި ގެންނަން ނިންމާފައިވާއިރު އެ އެއްބަސްވުމުގެ ދަށުން، ދެވަނަ ބޯޓު ޑެލިވަރީ ކުރާނީ އަންނަ އަހަރު ކަމަށެވެ. ނަމަވެސް ސިންގަޕޫރު އެއާޝޯގެ ތެރެއިން އިއްޔެ އޯޑަރުކުރި ދެ ބޯޓު މި އަހަރު ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މި އަހަރު ތެރޭ އޭޓީއާރު 600-42 މަރުކާގެ ތިން ބޯޓު ގެނެވޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭޓީއާރް މަތިންދާބޯޓުތަކަކީ މޯލްޑިވިއަންގައި މިހާރު ބޭނުންކުރާ ޑޭޝް މަރުކާގެ މަތިންދާބޯޓުތަކާ އަޅާބަލާއިރު ތެލާއި މެއިންޓެނަންސް ހަރަދު އެތައް ގުނައެއް މަދު މަތިންދާބޯޓުތަކެކެވެ. އަދި ނިސްބަތުން ތިމާވެއްޓަށް ގެއްލުން ކުޑަ އެއާކްރާފްޓުތަކެއް ވެސްމެ އެވެ.

އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ފްލީޓު އާ ކުރުމުގެ މަސައްކަތުގެ އިތުރުން ބައިނަލްއަގުވާމީ ދަތުރުތަކަށް، ލޯންގް ހައުލް ފްލައިޓުތައް ބޭއްވުމަށް ވައިޑް ބޮޑީ އެއާކްރާފްޓު ހޯދުމުގެ މަސައްކަތް ވެސް މޯލްޑިވިއަން އަންނަނީ ކުރަމުންނެވެ. އެގޮތުން ބޮއިން 8-787 ޑްރީމްލައިނާ މަރުކާގެ ބޯޓަކާއި އެއާބަސް އޭ-330 މަރުކާގެ ބޯޓެއް ކުއްޔަށް ނަގަން އެއާލައިނުން ވަނީ ނިންމާފަ އެވެ.