Advertisement

އެމަނިކުފާނުގެ ޖަލްސާގަ ބައިވެރިނުވުމުން ގައްދޫ ކައުންސިލަށް ރައީސް މުއިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

21 ފެބުރުވަރީ 2024 - 12:20 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ރައީސް މުއިއްޒު ގައްދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ޖަލްސާގައި ކައުންސިލުން ބައިވެރިނުވުމުން ހިތާމަ ކުރާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


އެމަނިކުފާނުގެ ޖަލްސާގަ ބައިވެރިނުވުމުން ގައްދޫ ކައުންސިލަށް ރައީސް މުއިއްޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

21 ފެބުރުވަރީ 2024 - 12:20 1

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގދ. ގައްދޫއަށް ވަޑައިގައިން ބޭއްވި ޖަލްސާގައި އެ ރަށު ކައުންސިލުން ބައިވެރިނުވުމުން އެކަމަށް އެމަނިކުފާނު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ގައްދޫގައި މިއަދު އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަރަށް ގިނަ ކައުންސިލުތަކަކާއި ބައްދަލުކުރެއްވި ކަމަށެވެ. ނަމަވެސް، ގައްދޫ ކައުންސިލުން ލިބުނު އެއްބާރުލުން ކުޑަ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދާ ހަމައަށް އައިރުގަ މި ފެށި ދަތުރުތަކުގަ ވަރަށް ގިނަ ކައުންސިލުތަކަކާ ބައްދަލުވެއްޖެ. ނަމަވެސް މި ރަށުގެ ކައުންސިލުގެ އެއްބާރުލުން ތަންކޮޅެއް ކުޑަކޮށް މި ލިބުނީ. ވަރަށް ހިތާމަކުރާ ކަމެއް،" ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މީގެ ކުރިން ދިޔަ ރަށްތަކުން ވެސް އިދިކޮޅު ޕާޓީ، އެމްޑީޕީގެ ކައުންސިލަރުންނާއި ބައްދަލުކުރެއްވި ކަމަށާއި، އެ ބޭފުޅުން ޖަލްސާތަކުގައި ބައިވެރިވެ އެއްބާރުލުން ދޭކަން ރައީސް ފާހަަގަކުރެއްވި އެވެ.

"މިއަދާ ހަމައަށް އައިއިރުގަ އަޅުގަނޑުމެންނާ ސިޔާސީ ގޮތުން މުޅިން ހިޔާލު ތަފާތު ޕާޓީ، އެމްޑީޕީގެ ކައުންސިލުތަކުގެ ރައީސުން، މޭޔަރުން ހުރިހާ ރަށެއްގަ ވަރަށް ފުރިހަމައަށް ބައިވެރިވެވަޑައިގަތް. އެއީ އެކަންކަން ވާންޖެހޭނެ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ގައްދޫއަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް


އެގޮތުން އިންތިހާބު ތެރޭގައި އޮންނަ ވާދަވެރިކަން ސިޔާސީ ގޮތުން އޮތް ނަމަވެސް، އެމަނިކުފާނު ވެސް އަދި ކައުންސިލަރުން ވެސް މަގާމާއި ހަވާލުވަމީ ހަމަހަމަކަމާއިއެކީގަ އެމީހަކު ނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި، ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމުގައި ކަން ރައީސް ހަނދާންކޮށްދެއްވި އެވެ.

"ހަމަހަމަކަމާއެކީގަ އެމީހަކު އެ ނިސްބަތްވާ ޕާޓީއަކަށް ބެލުމެއްނެތި، ހަމަހަމަކަމާއެކީގަ ރައްޔިތުންނަށް ހިދުމަތްކުރުމުގެ ހުވައެއްކޮށްގެން މި ހަވާލުވަނީ. އަޅުގަނޑު ވެސް އެ ހުވާ ކުރީ، ކައުންސިލަރުން ވެސް އެ ހުވާ ކުރައްވަނީ. އެހެންނަމަވެސް މި ރަށުން މި ފެންނަ މަންޒަރާއި ދޭތެރޭ ހިތާމަކުރަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ގައްދޫ ކައުންސިލުން އަމަލުކުރި ގޮތަކީ ލާމަރުކަޒީ ނިޒާމެއް ހިނގަންޖެހޭ ގޮތް ނޫންކަމަށާއި، އެއަށް ވުރެ ޒިންމާދާރުވާންޖެހޭކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން އެމަނިކުފާނު ވަނީ ސިޔާސީ ފިކުރު އެއްކިބާކޮށް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކައުންސިލުތަކަށް ގޮވާލާފަ އެވެ.

"ރައްޔިތުން އިންތިހާބެއްގަ މީހަކު ހޮވާއިރުގަ އެ ހަވާލުކުރާ ޒިންމާ އަދާކުރުމުގަ ތެދުވެރިކަމާ އަމާނާތްތެރިކަން އިސްކުރަންޖެހޭނެ. ސިޔާސީ ފިކުރާ ސިޔާސީ ވިސްނުމަކީ ހުރަހަކަށް ހަދައިގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މީހަކު ހޮވާއިރު، ރައްޔިތުންގެ ހައްގުގައި ހިދުމަތްކުރައްވާނެ ބޭފުޅުން ހޮވުމަށް ވެސް ރައީސް މުއިއްޒު ވަނީ މިއަދު ގޮވާލާފަ އެވެ.