Advertisement

ފެން ތަގައްޔަރުވެ، ބިންހެޔޮ، ފެހި ކުނަހަންދޫގެ ރީތިކަން ގެއްލެނީ

21 ފެބުރުވަރީ 2024 - 10:04 0

ލ. ކުނަހަންދޫ

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ވިއްސާރަ ނޫން ދުވަހެއްގައި، ކުނަހަންދޫގެ މަގުމަތީގައި ލޮނުފެން ހެދިފައި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފެން ތަގައްޔަރުވެ، ބިންހެޔޮ، ފެހި ކުނަހަންދޫގެ ރީތިކަން ގެއްލެނީ

21 ފެބުރުވަރީ 2024 - 10:04 0

ލ. ކުނަހަންދޫ

އާބާދީގައި 900 އެއްހާ މީހުންގެ ރަޖިސްޓްރީއެއް އޮތް ނަމަވެސް، ލާމު އަތޮޅު ކުނަހަންދުއަކީ 91 ހެކްޓަރުގެ ބިންހެޔޮ، ފެހި، ގުދުރަތުގެ ރީތި ރަށެކެވެ. އެހެންވިޔަސް މިދިޔަ އަހަރުތަކުގައި އެއްވެސް ކުރިއެރުމެއް ނުލިބި އޮތުމުން ރަށު ތެރެއިން ދިރުމެއް ނުފެނުމުގެ ކަންބޮޑުވުން ރަށް ހިންގަން ތިބި ވެރީންގެ އެބަ އޮތެވެ.

ސަރުކާރުން އަޅާ ނުލައި އޮތް ރަށެއް މިއީ، ފޮރުވިފަ އޮތް ރަށެއް މިއީ، އެންމެ ކުޑަމިނުން އަސާސީ ކަންކަން ހަމަޖައްސައިދޭން ޖެހޭ. އެ ކަމަށް [އެކަނި] މި ދަންނަވަނީ ވެސް މިދިޔަ އެތައް އަހަރަކު،" މި ނޫހުގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ކުނަހަންދޫ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާޒިމް ވިދާޅުވި އެވެ.

ރަށުގެ ބަނދަރު ސަރަހައްދުގައި ހުރި ކެފޭގައި ރަށުގެ އެކި އުމުރުފުރާގެ މީހުން އެއްވެ އެކި ވާހަކަ ދައްކަން ތިއްބެވެ އެވެ. އާންމު މީހުނާ ދާދި ގާތުން މަސައްކަތް ކުރަން ރަށުގެ ދެ ކައުންސިލަރަކު ވެސް ކައިރީ އެއް މޭޒެއްގައި ތިއްބެވެ.

މިހާރު ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލްގެ ނައިބު ރައީސް އާޒިމްގެ އިތުރުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު މުހައްމަދު އިމްރާން ވެސް "އަދަދު" ނޫހުގެ ނޫސްވެރިންނާ އެ ވަގުތު ބައްދަލުކޮށް ފާޅުކުރީ ވަރަށް ވެސް ބޮޑު ކަންބޮޑުވުކެވެ.

ކުނަހަންދޫ ކުޅި ސަރަހައްދު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ބިން ބޮޑު ރަށެއް ނަމަވެސް ކުނަހަންދުއަކީ ފެން ފަށަލަ ތިލަ ރަށެކެވެ. ފެން ފަށަލައިގައި ފޫޓެއް ވެސް ހަމައެއް ނުވެ އެވެ. އެހެންވެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ވެފައި ނެތް، އެ ރަށުގެ މީހުން ދިރިއުޅެމުން ދަނީ ވަރަށް ދަތި ހާލުގަ އެވެ. އޭގެ ވަށައިގެން އެތައް އިޖުތިމާއީ މައްސަލައެއްގައި ބަނދެވިފަ އެވެ.

"މި ރަށުގެ ފެން ފަށަލަ ގާތްގަނޑަކަށް ބުނަންޏާ ބުނެވޭނެ ހަ އިންޗި ނޫނީ ހަތް އިންޗިއޭ. ފޫޓެއް ހަމަނުވޭ. ހަތަރު އިންޗިއޭ ވެސް ކިޔާ. އެކި ސަރަހައްދުގައި އެކި މިންވަރަށް މި ހުންނަނީ،" ރަށު ކައުންސިލަރު އިމްރާން ވިދާޅުވި އެވެ.

އެ ދުވަހަކީ ވިއްސާރަ ދުވަހެއް ވެސް ނޫނެވެ. ނަމަވެސް ރަށުގެ މަގުމަތިން ލޮނުގަނޑު ހެދިފައިވާ ސަރަހައްދުތައް އެ ދުވަހު ވެސް ކައުންސިލަރުން މި ނޫހުގެ ނޫސްވެރިންނަށް ދެއްކި އެވެ.

"ކިރިޔާ ކުޑަކުޑަ ވާރެކޮޅެއް ވެހުނަސް ޖަންގުޝަން މި އަރަނީ މައްޗަށް. ފެންވަރަން މި ޖެހެނީ ނަޖިސް ފެނުން. ފެންވަރަން އެއް ގޮތަކަށް ވެސް ކަމުނުދާ ކަމަށް ވަނީ،" ކައުންސިލްގެ ނައިބު އާޒިމް ވިދާޅުވި އެވެ.

ފެން ތަގައްޔަރުވާތީ ކުނަހަންދޫ ސިއްހީ މަރުކަޒު ފާހަނައެއްގެ ތަކެތި ހުރި ހާލަތު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ނަޖިސް ފެން ބޭނުން ކުރަން މަޖުބޫރުވެފައިވާ ހާލަތުގެ ސަބަބުން ރަށު މީހުންގެ ސިއްހީ ހާލަތު ވެސް ދަށެވެ.

"ހަމުގެ ބަލިތައް ގިނަ. ހުން މި ރަށުން ފިލައިގެން ނުދޭ. އަރިދަފުސް ރޯގާ، ބޭރަށް ހިންގުން. މިއީ މީގެ ސަބަބުން ދިމާވާ ކަންކަން،" އާޒިމް ވިދާޅުވި އެވެ.

އަދި ނިމުނީއެއް ނޫނެވެ. ދައުލަތުގެ މުއައްސަސާތަކުގެ އޮފީސްތަކުގައި ހިފައި ގެންގުޅޭ ބައެއް ތަކެއްޗަށް ވެސް މީގެ އަސަރު ކުރެ އެވެ. ހާއްސަކޮށް ދަގަނޑުގެ ބާވަތްތަކަށެވެ.

"ސިއްހީ މަރުކަޒަށް ދިމާވާ ކަންކަން ވެސް އެބަ ހުރި. ދަގަނޑެއްހާ އެއްޗެއް ބޭނުން ނުކުރެވޭ. ތިން މަސްވާ އިރަށް ދަބަރަށް ވެފަ އޮންނަނީ. ހަމަ އެ ގޮތް ރަށުގެ ހުރިހާ ތަނެއް ވެސް،" ސިއްހީ މަރުކަޒު އޮތް ހާލަތު ދައްކައި ދެމުން އާޒިމް ދެއްކެވި އެވެ.

ކުނަހަންދޫގައި ސަރުކާރުން ހިންގާ މަޝްރޫއަކަށް ގެނައި ހިަލަ ބަސްތާތައް ހުރި ހާލަތު - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މިދިޔަ ސަރުކާރުގައި ބަޔަކަށް ހަވާލުކޮށްގެން ފެނާއި ނަރުދަމާގެ މަސައްކަތް އެ ރަށުގައި ފެށި އެވެ. ނަމަވެސް އެންމެ އެކަށޭނަ ދުވެއްޔެއްގައި އޭރު ވެސް ކުރިއަށް ނުގޮސް އޮތް އެ މަޝްރޫއު މިހާރު އޮތީ ގާތްގަނޑަކަށް ހުއްޓިފައެވެ.

"ފެންހޮޅީގެ މަސައްކަތް ގާތްގަނޑަކަށް 75 ޕަސެންޓު އޮތީ ނިމުމަކަށް ގެނެސް، ނަރުދަމާގެ އަދި އެންމެ ހޮޅިއެއް ވެސް ވަޅުނުލެވޭ، އާރުއޯ ޕްލާންޓް، އެ ތަނުގެ ހުރި ދަގަނޑުތަކާ އެއްޗެހި ވެސް މިހާރު ނަގާ ހިސާބަށް ގޮސްފަ އެ ހުރީ. ގިނަ ދުވަސް ވެގެން ގޮސް،" އާޒިމް ވިދާޅުވި އެވެ.

ކައުންސިލަރު އިމްރާން ވެސް ކިޔައިދެއްވި ގޮތުގައި މިދިޔަ ސަރުކާރުގައި ކިރިޔާ ވެސް އެކަށީގެންވާ ވަރަށް ކުރިއަށް ދިޔައީ ރަށުގެ އާ އިންޖީނުގޭގެ މަސައްކަތެވެ. އެ މަސައްކަތް ވެސް ވަށައި ފާރު ރޭނުމަށް ފަހު މިހާރު ގާތްގަނޑަކަށް އޮތީ ހުއްޓިފަ އެވެ.

ހަވީރު ފިނިކަމުގެ ހިތްގައިމުކަން ހޯދަން، ކުނަހަންދޫ ބަނދަރު ސަރަހައްދަށް މީހުންތަކެއް އެއްވެ: ރަށުގައި މީހުން އުޅޭ ވަރު ދަނީ ދަށްވަމުން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ކުނަހަންދުއަކީ ރީތި ރަށެކެވެ. ބޭނުން ހިފޭ ވަރަށް ގުދުރަތީ ވަސީލަތް އެބަ އޮތެވެ. އެ ރަށުގެ އިރުމައްޗަށް އޮންނަ މެންދޫއާ ދެމެދު، ރީތި ކުޅިއެއް ވެސް އެބަ އޮތެވެ. ފަތުރުވެރިން ގެނެސް، ދައްކާނެ ތަންތަން އެބަ އޮތެވެ. އެކަމަކު އޭގެ ބޭނުން ނުކުރެވި، އެންމެ މައްސަލައެއްގައި މުޅި ރަށް ވަނީ ބަނދެވިފަ އެވެ.

"ބިން އޮތް ތަނެއް، ދަނޑުވެރިކަން ވެސް ކުރެވޭނެ ރަށެއް، ރީތި ބިން އެބަ އޮތް، ފަޅުރަށްރަށް ވެސް އެބަ ހުރި އިހުތިސޯސް ތެރެއަށް ގެނެވެން، އެކަމަކު އެއިން ކަމެއް ކުރެވޭނީ ވެސް ފެން ތަގައްޔަރު ވުމުގެ މައްސަލަ ކޮންމެ ވެސް ކޮޅެއްގައި ޖައްސައިގެން،" އިމްރާން ވިދާޅުވި އެވެ.

ރަށުގައި މީހުން ދިރިއުޅޭ މިންވަރު ދަނީ ދުވަހުން ދުވަހަށް ދަށްވަމުންނެވެ. ސަރުކާރުގެ ރަށްރަށުގެ މައުލޫމާތު ހުންނަ ވެބްސައިޓް "އައިލްސް" ގައި ވެސް ދައްކާ ގޮތުން މީގެ ހަތަރު އަހަރު ކުރިން އެ ރަށުގައި 800 އެއްހާ މީހުން އުޅުނު ނަމަވެސް 2022، ގައި ބޯގުނިއިރު ރަށުގައި އުޅެނީ 500 އެއްހާ މީހުނެވެ.

"މި ކަންކަން މިހެން އޮތުމުން، މީހުން ދިރިއުޅޭ ވަރު ވަނީ މަދު، އެއްވެސް ދިރުމެއް ކުރިއެރުމެއް ނާންނަންޏާ މީހުން ހިޖުރަ ކުރަމުން ދާނެ، ކިރިޔާ ވެސް ގޮތެއް ފެންނަ މީހަކު ދާނެ،" މާޔޫސްކަމާއެކު މަޑުމަޑު އަޑަކުން ކައުންސިލްގެ ނައިބު އާޒިމް ވިދާޅުވި އެވެ.