Advertisement

މޯލްޑިވިއަންއަށް އިތުރު ދެ އޭޓީއާރު ގަންނަން އެއްބަސްވުމުގައި ސޮއިކޮށްފި

20 ފެބުރުވަރީ 2024 - 17:26 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އެސްޖީއެއާޝޯ 2024 ގެ ތެރެއިން: މި އޭޓީއާރުތަކާއެކީ މޯލްޑިވިއަންގެ އޭޓީއާރު ފްލީޓު ހަތަކަށް އިތުރުވާނެ ---- ފޮޓޯ: މޯލްޑިވިއަން


މޯލްޑިވިއަންއަށް އިތުރު ދެ އޭޓީއާރު ގަންނަން އެއްބަސްވުމުގައި ސޮއިކޮށްފި

20 ފެބުރުވަރީ 2024 - 17:26 0

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓް ބަދަލުކޮށް ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އޭޓީއާރް މަރުކާގެ އިތުރު ދެ ބޯޓު ގެނައުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު މޯލްޑިވިއަންއިން މި އެއްބަސްވުމުގައި ސޮއިކުރީ ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އެސްޖީއެއާޝޯ 2024 ގެ ތެރެއިންނެވެ.

އެގޮތުން މޯލްޑިވިއަންގެ ފަރާތުން މި އެެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އޭޓީއާރު ކުންފުނިން ބުނެފައިވާ ގޮތުން މި އެއްބަސްވުމުގެ ދަށުން މޯލްޑިވިއަން އިން އޭޓީއާރު 600-42 ގެ އާ ދެ ބޯޓަށް އިންވެސްޓުކުރާނެ އެވެ. ނަމަވެސް މި ބޯޓުތައް ގެންނާނެ ތާރީހެއް އެއްވެސް ފަރާތަކުން އަދި ހަމާއެއް ނުކުރެ އެވެ.

މީގެ ކުރިން ވެސް މޯލްޑިވިއަންއިން އޭޓީއާރު 600-42 ގެ އާ ދެބޯޓު ގަތުމުގެ އެއްްބަސްވުމެއްގައި ސޮއިކުރި އެވެ. އޭރު އެ އެއާލައިނުން ބުނީ އޭގެ ތެރެއިން އެއް ބޯޓު އަންނަ އޭޕްރީލް މަސްތެރޭގައި ރާއްޖެ ގެނެވޭނެ އެވެ. ދެވަނަ ބޯޓު އަންނާނީ ދެން އަންނަ އަހަރެވެ.

މިހާރު ވެސް މޯލްޑިވިއަންގެ ފްލީޓުގައި އޭޓީއާރު 600-72 ގެ ދެ ބޯޓާއި އޭޓީއާރު 600-42 ގެ ބޯޓެއް ބޭނުންކުރެ އެވެ. މިހާރު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ދަށުން މޯލްޑިވިއަންއިން ގަނެފައިވާ ހުރިހާ އޭޓީއާރުތަކެއް ލިބުމުން އެ އެއާލައިނުގެ ފްލީޓުގައި ހިމެނޭ އޭޓީއާރުތަކުގެ އަދަދު ހަތަކަށް އިތުރު ވާނެ އެވެ.

މޯލްޑިވިއަންއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް އެންމެ ގިނަ މަތިންދާ ބޯޓު ގެންގުޅޭ ކުންފުންޏެވެ. ނަމަވެސް އެ އެއާލައިނުގެ ފްލީޓުގައި މިހާރު ގިނައީ ޑޭޝް-8 މަތިންދާބޯޓުތަކެވެ.

ޑޭޝް-8 މަރުކާގެ މަތިންދާބޯޓުތަކަކީ މިހާރު އުފެއްދުން ހުއްޓާލާފައިވާ މަތިންދާބޯޓުތަކެކެވެ. އަދި މޯލްޑިވިއަންގެ ފްލީޓުގައި ބޭނުންކުރާ ބޯޓުތައް ހުރީ ވަރަށް ބާވެފަ އެވެ. މި ބޯޓުތަކަށް ސްޕެއާ ހޯދުމަކީ ވެސް އުނދަގޫ ކަމެއްކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މީގެ ކުރިން ބުނެފައިވެ އެވެ.

އޭޓީއާރް މަތިންދާބޯޓުތަކަކީ ޑޭޝް މަރުކާގެ މަތިންދާބޯޓުތަކާ އަޅާބަލާއިރު ތެލާއި މެއިންޓެނަންސް ހަރަދު އެތައް ގުނައެއް މަދު މަތިންދާބޯޓުތަކެކެވެ. މޯލްޑިވިއަނަށް މިހާރު ގެންނަ ފްލައިޓުތަކަކީ ނިސްބަތުން ތިމާވެއްޓަށް ގެއްލުން ކުޑަ އެއާކްރާފްޓުތަކެއް ވެސްމެ އެވެ.