20 ފެބުރުވަރީ 2024 - 19:25 0
20 ފެބުރުވަރީ 2024 - 19:25 0
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުން ހޯދިއިރި, އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސް ބާސްކެޓްބޯޅަ ކުލަބުން ހޯދާފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުރިއަށްދިޔަ ފައިނަލް މެޗު ޓީރެކްސް އިން ކާމިޔާބުކުރީ އެންމެ ފަހުގެ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯޅަ ކުލަބްގެ މައްޗަށް ހަނި ތަފާތަކުން 86-83 ޕޮއިންޓުން ކުރި ހޯދައިގެންނެވެ.
މީގެ ކުރިން މިދިޔަ ތިން އަހަރުވެސް ގައުމީ މުބާރާތް ކާމިޔާބުކުރީ ކިންގްސް އިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 67-67 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. އެއާއެކު ކުޅުނު އޯވަޓައިމްގެ ދެ ޕީރިއަޑް ކުޅުނުއިރު, އޯވަޓައިމްގެ ފުރަތަމަ ޕީރިއަޑްގެ ކުޅުން ނިމުނީ 75-75 އިން އެއްވަރުވެގެންނެވެ. އޯވަޓައިމްގެ ދެވަނަ ޕީރިއަޑްގައި ޓީރެކްސްގެ ތަފާތަކަށްވީ އެ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނެވެ. އެ ކުޅުންތެރިން ތަޖުރިބާގެ ބޭނުން ހިފައި ތިން ޕޮއިންޓުން މެޗު ކާމިޔާބުކޮށްދިނީ އެވެ.
ޓީރެކްސް އާއި ކިންގްސް ބައްދަލުކުރި ފައިނަލު މެޗުގެ ތެރެއިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު
މި މެޗުގައި ޓީރެކްސް އިން އެންމެ ރަނގަޅަށް ކުޅުނީ މުހައްމަދު ޚުވައިލިދު އަލީ އެވެ. އޭނާ ވަނީ މެޗުގައި 23 ޕޮއިންޓް ސްކޯކޮށް އަށް ރީބައުންޑް ނަގައިދީފަ އެވެ. އަދި އެ ޓީމުގެ ޒަކަރިއްޔާ އަބްދުލް ލަތީފް ވަނީ 20 ޕޮއިންޓް ސްކޯކޮށް ފަސް ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފަ އެވެ.
މި މެޗުގައި ކިންގްސް އިން އެންމެ ރަނގަޅަށް ކުޅުނީ އިބްރާހީމް ނަސީމް އެވެ. އެނާ ވަނީ 19 ޕޮއިންޓް ސްކޯކޮށް 10 ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފަ އެވެ.
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތައްޓާއެކު ކުއީންސްގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު
މީގެ އިތުރުން ރޭ ވަނީ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އަންހެން ޑިވިޝަނުގެ ފައިނަލް ވެސް ކުރިއަށް ގޮސްފަ އެވެ.
އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސް އިން ހޯދީ އެލީޓް ބާސްކެޓްބޯޅަ ކުލަބްގެ މައްޗަށް 97-52 ޕޮއިންޓުން ކުރިހޯދައިގެންނެވެ.
ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ތިބި ކުއީންސް އިން ރޭގެ ފައިނަލް މެޗު ކާމިޔާބުކުރިއިރު, އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ފާތިމަތު ރިޝްމާ ވަނީ 29 ޕޮއިންޓް ސްކޯކޮށް 22 ރީބައުންޑް ނަގާދީ ފަސް އެސިސްޓް ކޮށްފަ އެވެ. އަދި ކުއީންސްގެ ޝިއުރާ އަބްދުލް ބާރީ ވަނީ 18 ޕޮއިންޓް ސްކޯކޮށް 22 ރީބައުންޑް ނަގާދީފަ އެވެ.
ކުއީންސް އާއި އެލީޓް ބައްދަލުކުރި ފައިނަލު މެޗުގެ ތެރެއިން -- ފޮޓޯ: އަބްދުالله އިޔާން / އަދަދު
މި މެޗުގައި އެލީޓުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި ފާތިމަތު އީހައު ޝަމީމު ވަނީ އެ ޓީމަށް 13 ޕޮއިންޓް ސްކޯކޮށް ދެ ރީބައުންޑް ނަގާދީ އެއް އެސިސްޓް ކޮށްފަ އެވެ.
މިއީ ކުއީންސް އިން 2020 ވަނަ އަހަރުގެ ފަހުން ގައުމީ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
Comment