Advertisement

ގައުމީ ފައިނަލްގެ ފަހު ޖާގަތަށް ކިންގްސް އާއި އެލީޓް އަށް

18 ފެބުރުވަރީ 2024 - 13:52 0


ގައުމީ ފައިނަލްގެ ފަހު ޖާގަތަށް ކިންގްސް އާއި އެލީޓް އަށް

18 ފެބުރުވަރީ 2024 - 13:52 0

މިހާރު ކުރިއަށްދާ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަތަށް ކިންގްސް ބާސްކެޓްބޯލް ކްލަބް އާއި އެލީޓް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ރޭ ވަނީ އަންހެން އަދި ފިރިހެން ޑިވިޝަންގެ ތިން ވަނަ ސެމީ ފައިނަލް މެޗުތައް ކުޅެފަ އެވެ. އަންހެން ޑިވިޝަންގެ ތިން ވަނަ ސެމީގައި، ލަޔަނެސް އަތުން، އެލީޓް މޮޅުވީ، 81-23 އިންނެވެ. އަދި ފިރިހެން ޑިވިޝަނުގެ ތިން ވަނަ ސެމީގައި، އެންމެ ފަހުގެ ޗެމްޕިއަން، ކިންގްސް އިން ވަނީ 81-72 އިން ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް ބަލިކޮށްފަ އެވެ.

އަންހެން ޑިވިޝަނުގެ ތިން ވަނަ ސެމީގައި އެލީޓުން ލަޔަނެސް ބަލިކުރިއިރު، އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 22 ޕޮއިންޓް އެއްކުރި، މަރިޔަމް ކައިލީން ޝިރްހާން އެވެ. އެ ޓީމުގެ ރާއީ ހަމްޒާ ވަނީ 16 ޕޮއިންޓް އެއްކޮށްފަ އެވެ.

ފައިނަލުގައި އެލީޓް ކުޅޭނީ، ފުރަތަމަ ސެމީގައި އެ ޓީމު އަތުން މޮޅުވި ކުއީންސް ބާސްކެޓްބޯލް ކްލަބާ އެވެ. ކުއީންސް އަކީ މި ފަހަރުގެ ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަނުންނެވެ.

ފިރިހެން ޑިވިޝަނުގެ ތިން ވަނަ ސެމީގައި، ކިންްގްސް އިން ވަނީ ފުރަތަމަ ދެ ކުއާޓަރުގައި ދެއްކި ތަފާތާ އެކު މެޗުގެ ކޮންޓްރޯލް ނަގައިފަ އެވެ. ރެޑްވިންގްސް އިން ތިން ވަނަ ކުއާޓަރުގައި ކުޅުން ރަނގަޅުކުރި ނަމަވެސް ކިންގްސް އިން ފޯމު ގެއްލުނަނުދީ ދެއްކި މޮޅު ކުޅުމާ އެކު މެޗުން މޮޅުވީ އެވެ.

ކިންގްސް އަށް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިދިނީ، 16 ޕޮއިންޓް ސްކޯކުރި އަބްދުﷲ އަފްލާހު ޝަރީފް އާއި 14 ޕޮއިންޓް ސްކޯކުރި އިބްރާހިމް ނަސީމް އަދި 12 ޕޮއިންޓް އެއްކުރި އަލްދާން އައިކް ރަމީޒް އެވެ. ރެޑްވިންގްސްގެ ހަސަން ނަދީމް އާއި އަހުމަދު ލައިލް ޝިފާން ކޮންމެ ކުޅުންތެރިއަކު ދެ ޕޮއިންޓް އެއްކުރި އެވެ.

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް ކުޅޭނީ މާދަމާރޭ 19:00 ގަ އެވެ. އަދި ފިިރިހެން ޑިވިޝަނުގެ ފައިނަލް، 21:30 ގައި ފަށާނެ އެވެ.