Advertisement

ހޯމައިގެ ކުރިން މަސްވެރިންނަށް 100 މިލިއަން ރުފިޔާ ލިބޭނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ

20 ފެބުރުވަރީ 2024 - 10:47 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ސީދާ ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރެއްވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ހޯމައިގެ ކުރިން މަސްވެރިންނަށް 100 މިލިއަން ރުފިޔާ ލިބޭނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވެއްޖެ

20 ފެބުރުވަރީ 2024 - 10:47 0

މިފްކޯއަށް ކިރި މަހަށް މަސްވެރިންނަށް ނުދީ މިހާރު ހުރީ 280 މިލިއަން މިލިއަނެއްހާ ރުފިޔާ ކަމަށާއި، އޭގެ ތެރެއިން 100 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހުގެ ކުރިން މަސްވެރިންނަށް ދޫކުރަން މަސައްކަތް ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މަސް ގަތުމަށްފަހު, އޭގެ ފައިސާ ނުދޭތާ ތިން މަހެއްހާ ދުވަސް ވެފައިވާ ކަމަށް ބުނެ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ވަދެ މަސްވެރިން އިއްޔެ ހެނދުނުން ފެށިގެން އަންނަނީ މުޒާހަރާ ކުރަމުންނެވެ.

މި މައްސަލައިގައި ފިޝަރީޒް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ރޯދަ މަހުގެ ކުރިން ދޭނެ ކަމަށެވެ. އަދި އަމާޒަކީ އަންނަ މަހުގެ 5 ގެ ކުރިން މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން މިފްކޯއިން ބޭރުކުރި 18،987 ޓަނުގެ މަހަށް ލިބުނީ 395 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް 17 ނޮވެމްބަރުން ފެށިގެން މިހާތަނަށް މަސްވެރިންނަށް ކްރެޑިޓަށް ދޫކޮށްފައި ހުރި ތެލާއި އައިސް ހިމެނޭ ގޮތަށް ޖުމްލަ ހަރަދު 435 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ބުނާ ގޮތުގައި މަސްވެރިންނަށް ފައިސާ ނުދެވި ދުވަހުންދުވަހަށް ބިލު ބޮޑުވާން މެދުވެރިވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 17 އިން ފެށިގެން މިފްކޯއަށް މަސް ކިލޯއެއް ގަންނަ އަގު 25ރ. އަށް ބޮޑުކުރުމުންނެވެ. އޭރުގެ ސަރުކާރުން ބުނީ މި ބަދަލު ގެނައީ ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލާނެކަމުގެ ފެހި ސިގުނަލު ލިބިގެން ކަމަށެވެ.

އެކަމަކު މި ސަރުކާރުން ބުނަނީ އެކަހަލަ ކަމެއްގެ އިޝާރާތެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.