20 ފެބުރުވަރީ 2024 - 05:06 0
މުހައްމަދު ނަސީމް
ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އަރައި ތިބި މަންޒަރު ފެންނަ ފޮޓޯއެއް: އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އޮތީ ހީނަރުވެފައި. ފޮޓޯ: ސޯޝަލް މީޑިއާ
20 ފެބުރުވަރީ 2024 - 05:06 0
ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ތެރޭގައި ދިވެހި މަސްދޯނިތަކެއް އުޅެނިކޮށް އިންޑިއާ ސިފައިންގެ ބަޔަކު އެރި ސަބަބު ފިޝަރީޒް މިނިސްޓްރީއަށް އަދިވެސް ނޭނގޭ ކަމަށް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މާފަންނު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ މަސްދޯނި ފަހަރަށް އިންޑިއާ ސިފައިން އެރި ސަބަބު ކަމާ ގުޅޭ ވުޒާރާތަކުން ސާފުކުރެއްވުމަށް ފަހު އެ މައުލޫމާތު މެމްބަރަށް ދެއްވާނެ ކަމަށެވެ.
މެމްބަރު އިމްތިޔާޒްގެ ސުވާލުގައި އެއްސެވީ މަސްދޯނި ފަހަރަށް އިންޑިއާ ސިފައިން އެރުން އެއީ ކޮން ސަބަބަކާ ހެދި ހިނގި ކޮން[ކަހަލަ] ކަމެއްތޯ އެވެ.
"އަޅުގަނޑާ ހިސާބުގައި ސީދާ ތިޔަ ސުވާލުގެ ޖަވާބު ނެތް. އަޅުގަނޑު އިރާދަކުރެއްވިއްޔާ ސާފުކޮށްލާނަން އެއީ ކީއްވެ ހިނގައިދިޔަ ކަމެއްތޯ، ގުޅުން ހުރި ވުޒާރާތަކުން ސާފުކޮށްލާފައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ހިއްސާކުރާނެ ވާހަކަ ދަންނަވަން،" އެ ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވި އެވެ.
ތިލަދުންމަތީގެ އުތުރުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި އުޅުނު މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރީ ޖެނުއަރީ 31، އަދި ފެބްރުއަރީ 1، ގަ އެވެ.
އިންޑިއާ ސިފައިން އެރީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ. އެ ދޯނިތަކަށް އެރުމަށްފަހު ބަލައި ފާސްކޮށް، މަސްވެރިންނަށް ވަކި ގޮތަކަށް އަމަލު ކުރުމަށް ސިފައިން ވަނީ އަމުރުކޮށްފަ އެވެ.
ދޯނިތައް އިންޑިއާ ސިފައިން އެރި މަންޒަރުގެ ވީޑިއޯތަކެއް އާންމުކޮށްފައިވާއިރު، ވީޑިއޯތަކުން ފެންނަނީ އިންޑިއާގެ ކޯސްޓް ގާޑުގެ ސިފައިން ބަޑިއާއެކު ހަރަކާތްތެރިވާ މަންޒަރެވެ. އިންޑިއާ ކޯސްޓް ގާޑުގެ އުޅަނދެއް ވެސް ވީޑިއޯތަކުން ސާފުކޮށް ފެނެ އެވެ.
އެ މައްސަލަ ދޯނިތަކުން ރިޕޯޓު ކުރުމުން ދިވެހި ކޯސްޓް ގާޑުން އެ ސަރަހައްދަށް ދިޔައިރު، އިންޑިއާ ސިފައިން ފެންނަން ނެތް ކަމަށް އެމްއެންޑީއެފް އިން އޭރު ބުންޏެވެ. ނަމަވެސް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު މިހާރު ބަލަމުންދާ ކަމަށް ވެސް ސިފައިން އޭރު ބުންޏެވެ. އެކަމުގައި ޖަވާބުދާރީވާން ރާއްޖޭން އެދުނު ނަމަވެސް އިންޑިއާއިން އަދި ޖަވާބެއް ދިން ކަމަކަށް ސަރުކާރަކުން އަދި ނުބުނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment