Advertisement

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ދޫކުރި މާވަރުފަޅު ވިއްކައިލަނީ

20 ފެބުރުވަރީ 2024 - 15:16 1

އަމަން ހަލީމް

އަމަން ހަލީމް

މާވަރުފަޅު މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: މިއީ ގުޑް ކެޗުން މި ރަށް ވިއްކާލަން މަސައްކަތް ކުރާ ދެވަނަ ފަހަރު -- ފޮޓޯ: ގޫގުލް އާތު


އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ދޫކުރި މާވަރުފަޅު ވިއްކައިލަނީ

20 ފެބުރުވަރީ 2024 - 15:16 1

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ދޫކުރި މާވަރު ފަޅު ނުވަތަ ކަގިމާވަރު ފަޅު (ޖިއޮގްރަފިކަލް ކޯޑިނޭޓްސް 4°40’49.9”N 73°31’34.2”E) ވިއްކައިލަން އިއުލާންކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މާވަރު ފަޅު ކުއްޔަށް ނަގާފައިވާ ފަރާތުން އެ ފަޅު ވިއްކާލަން މަސައްކަތް ކުރާތީ އެ ފަޅާ ގުޅިގެން ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ 14 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް އަންގައިދޭން އެދިފަ އެވެ.

ތަރައްގީކުރަމުން އަންނަ ރަށްތަކުގެ ލިސްޓުގައިވާ ގޮތުގައި މި ރަށް ކުއްޔަށް ނަގާފައިވަނީ ގުޑް ކެޗް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުންނެވެ. ނަމަވެސް އެމްއެމްޕީއާރުސީ ހިޔާނާތުގެ ރިޕޯޓުގައިވާ ގޮތުގައި މި ރަށް އޭރު ކުއްޔަށް ދޫކުރީ ގ. ރަންގިރީގޭ މުހައްމަދު ވާފިރަށެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައި ހުރި އިއުލާނުތަކުން އެނގޭ ގޮތުގައި މި ރަށުގެ ހެޑްލީސް ބަދަލުކުރަން ފުރަތަމަ އިއުލާނުކުރީ އޭޕްރިލް 26، 2018 ގަ އެވެ. ބެލެވޭ ގޮތުގައި މިއީ ގުޑް ކެޗް ކުންފުނިން މި ފަޅު ކުއްޔަށް ހިފުން ކުރެވުނު މުއާމަލާތާ ގުޅޭ އިއުލާނެވެެ.

ކަގިމާވަރު ފަޅު (މާވަރު ފަޅު)

  • ބޮޑުމިން - 397 ހެކްޓަރު
  • ހިއްކާފައިވާ ރަށުގެ ބޮޑުމިން - 9.79 ހެކްޓަރު
  • އެކުއިޒިޝަން ކޮސްޓަށް ކަނޑައެޅި އަދަދު - 1.4 މިލިއަން ޑޮލަރު
  • އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާ - ހަތަރު ލައްކަ ޑޮލަރު

ވާފިރު އަތުން ރަށުގެ ހެޑްލީސް ގަތުމަށް ފަހު ގުޑް ކެޗުން މި ރަށް ތަރައްގީކުރަން މަސައްކަތް ކުރި އެވެ. އެގޮތުން މި ފަޅުތެރޭގެ ހަތަރު ސަރަހައްދެއްގައި އަށް ހެކްޓަރުގެ ތިން ރަށާއި 5.1 ހެކްޓަރުގެ ރަށެއް ހިއްކަން އެމްޓީސީސީއާ ޖޫން 2018 ގައި ކޮންޓްރެކްޓުކުރި އެވެ.

ފަހުން މި މަޝްރޫއަށް ވީގޮތެއް ނޭނގެ އެވެ. އޭރު ބިން ހިއްކުމުގެ މަސައްކަތް 80 ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެ ކުންފުންޏާ ހަވާލާދީ ހަބަރުތަކުގައި ލިޔެފައިވީނަމަވެސް، މިއަދާ ހަމައަށް ފަސް އަހަރު ވޭތުވީއިރު އެ މަސައްކަތް ނުނިމެ އެވެ.

މާވަރު ފަޅުގެ އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މި ފަޅުގައި ހިއްކާ ނިމިފައިވަނީ އެންމެ ރަށެކެވެ. ދެން ހިއްކަން ބުނި އެއްވެސް ތަނެއް ހިއްކަން ފެށި ކަމުގެ އިޝާރާތެއް ވެސް ފެންނާކަށް ނެތެވެ. ހިއްކާފައި އޮތް ރަށުގައި ވެސް ބުރު ވިނަ ހެދި، އެއް ސަރަހައްދުގައި ބޮޑު ފެންގަނޑެއް ވެސް ހެދިފައި އެބަ އޮތެވެ.

ގުޑް ކެޗް ކުންފުނިން މާވަރުފަޅު ތަރައްގީކުރަން އުޅުނު ކޮންސެޕްޓް: މި ހަތަރު ރަށުގެ ތެރެއިން މިހާތަނަށް ހިއްކާ ނިމުނީ އެންމެ ރަށެއް -- ފޮޓޯ؛ ގުޑް ކެޗް/ލިންކްޑްއިން


ހިޔާނާތުގެ ރިޕޯޓުން މާވަރުފަޅު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އާންމުކޮށްފައިވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ ރިޕޯޓުގައިވާ ގޮތުގައި މި ފަޅު ވިއްކުމާ ގުޅޭ މުއާމަލާތް ހިނގީ ތިން ފަޅެއް ވިއްކުމުގެ މުއާމަލާތެއްގެ ތެރެއިންނެވެ.

ހިޔާނާތުގެ ރިޕޯޓުގައި އެއީ ކޮން ދެ ފަޅުގެ ނަން ބަޔާންކޮށްފައި ނެތް ނަމަވެސް އެ މުއާލަމާތާ ގުޅިގެން ބަޔާންކޮށްފައި ހުރި މައުލޫމާތުން ބުރަވެވެނީ އެއީ މާވަރުފަޅު ކައިރީގައި އޮންނަ މުލީފަޅާއި ހަތްހުރާ ފަޅު ކަމަށެވެ.

މި ފަޅުތަކުގެ އެކުުއިޒިޝަން ކޮސްޓަށް ކަނޑައެޅީ 1.4 މިލިއަން ޑޮލަރެވެ. ނަމަވެސް އެމްއެމްޕީއާރުސީއަށް ލިބުނީ މީގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ލިބުނު އެއް ލައްކަ ޑޮލަރާއި ތިން ލައްކަ ޑޮލަރެކެވެ. ބާކީ އެއް މިލިއަން ޑޮލަރު އެއްވެސް އެކައުންޓަކަށް ޖަމާވެފައި ނުވާ ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ.

އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން އެޑްވާންސުގެ ގޮތުގައި އެއް ލައްކަ ޑޮލަރުގެ ޗެކާއި ތިން ލައްކަ ޑޮލަރުގެ ޗެކު ވެސް ޖަމާކުރީ މި ހިޔާނާތުގެ ތެރެއިން ވަގަށް ނެގި ގިނަ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓަކަށެވެ.

ހަމައެހެންމެ މި ފަޅަކީ އެއްވެސް އިރެއްގައި ޓޫރިޒަމް ގާނޫނުގައި ބުނާ ގޮތަށް ޓޫރިޒަމްގެ ބޭނުންތަކަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަނެއް ވެސް ނޫނެވެ. މި ނޫނަސް އެހެން ފަޅުތަކާއި ރަށްތަކެއް ވެސް މިގޮތަށް ގާނޫނާ ހިލާފަށް ދޫކޮށްފައިވެ އެވެ.