Advertisement

އެމްޑީޕީގެ ނުފޫޒުން ޔާމީނުގެ ޝަރީއަތް އަވަސްކުރީތީ އުފާކުރަން، އެކަމަކު ނުފޫޒު ފޯރުވުން ކުށްވެރިކުރަން: ރައީސް

17 އޭޕްރީލް 2024 - 21:52 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް ޔާމީނާއި ރައީސް މުއިއްޒު : ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ނުފޫޒުން ޔާމީނުގެ ޝަރީއަތް އަވަސްކުރީތީ އުފާކުރަައްވާ ކަމަށް -


އެމްޑީޕީގެ ނުފޫޒުން ޔާމީނުގެ ޝަރީއަތް އަވަސްކުރީތީ އުފާކުރަން، އެކަމަކު ނުފޫޒު ފޯރުވުން ކުށްވެރިކުރަން: ރައީސް

17 އޭޕްރީލް 2024 - 21:52 1

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލާގެ ހުކުމް ކުރުމުގެ އަޑުއެހުން އަވަސްކޮށްފައިވަނީ އިދިކޮޅު އެމްޑީޕީގެ ނުފޫޒުން ކަމަށާއި އެކަމާމެދު އުފާކުރި ނަމަވެސް ނުފޫޒު ފޯރުވުން ކުށްވެރިކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޔާމީނުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލިތާ ތިން މަސް ފަހުން އެ މައްސަލައިގެ ހުކުމް ކުރުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު ފަހު 1:00 އަށެވެ.

މިރޭ މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮންޓްރޯލް އޮތީ އިދިކޮޅު އެމްޑީޕީގެ އަތުގައި ކަމަށެވެ. އެގޮތުން ޖޭއެސްސީގެ ރައީސް އަދި މަޖިލީހުގެ ރައީސް އަކީވެސް އެމްޑީޕީގެ ބޭފުޅުން ކަމަށެވެ.

އަދި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ޔާމީނުގެ ޝަރީއަތް ލަސްވާ ސަބަބު ހޯދުމަށް ޖޭއެސްސީއަށް މައްސަލައެއް ހުށަހެޅުމާއެކު އަޑުއެހުން ތާވަލުވުމުން ފެންނަނީ އިދިކޮޅުގެ ފަރާތްތަކުގެ ނުފޫޒު އޮތް މިންވަރު ކަމަށާއި ޔާމީނުގެ ޝަރީއަތް ލަސްކުރީވެސް އެމްޑީޕީން ކަމަށެވެ.

"އެމްޑީޕީއިން މަޖިލީހުގެ ރައީސް އެގޮތަށް ގޮވާލެއްވީމަ އެއޮތީ ތާވަލު ކުރެވިފަ، އަޅުގަނޑު ވަރަށް އުފާކުރަން އެކަން އެހެން ހިނގީމަ، އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އައިގޮތަށް ރައީސް ޔާމީނު މިނިވަންވެގެން އައުން،"

"އެހެންވީމަ، މިއަދާ ހަމައަށް ޖޭއެސްސީގެ ތެރެއިން އެމްޑީޕީގެ ބާރު ހިންގައިގެން ޖުޑީޝަރީއަށް ނުފޫޒު ފޯރުވި ފޯރުވުން އަޅުގަނޑު ކުށްވެރިކުރަން" ޕީއެންސީގެ ޕޯޑިއަމްގައި ހުންނަވައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު އެދިވަޑައިގަންނަވަނީ ސިޔާސީ ނުފޫޒުން ޖޭއެސްސީ އެއްކިބާ ކުރުމުގެ ގޮތުން އެ ކޮމިޝަނު އެކުލަވާލެވޭ ގޮތް މަޖިލީހުގެ ތެރެއިން ބަދަލުކޮށް ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ޖޭއެސްސީގައި ނުހިމެނޭ ގޮތް ހެދުމަށެވެ.

ޔާމީނު މިނިވަންކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް ވެރިކަން ފެށުނު ހަފުތާގައި ދެ ރައީސުން ދެމެދު ނުތަނަވަސްކަން އުފެދި ޔާމީނު ވަނީ ވެރިކަންކުރާ ކޯލިޝަން ދޫކުރައްވާ ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވާ އިިދިކޮޅުގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. އަދި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެގާރަ އަހަރުގެ ޖަލުހުކުމެއް އޮތް ނަމަވެސް ޔާމީނު މިހާރު ހުންނެވީ ރަށު ބަންދުގަ އެވެ. ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު ޔާމީނު ފުރަތަމަ ބަދަލުކުރީ ގޭބަންދަށެވެ. ފަހުން އިތުރު ލުއިތައް ދީ، މިހާރު ހުންނެވީ މާލޭގެ ގިނަ ތަންތަނަށް ވަޑައިގެންނެވޭ ގޮތަށެވެ.