Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: އޭދަފުށްޓާއި ގާފަރު ޒޯން ފައިނަލަށް

20 ފެބުރުވަރީ 2024 - 09:01 0

އަތޫފް އާތިފް

އަތޫފް އާތިފް

އޭދަފުށި ޓީމުގެ ސައްޓު ގޯލު ޖެހުމަށް ފަަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން


ގޯލްޑަން ފުޓްސަލް ޗެލެންޖް: އޭދަފުށްޓާއި ގާފަރު ޒޯން ފައިނަލަށް

20 ފެބުރުވަރީ 2024 - 09:01 0

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ތިނެއްގެ ފައިނަލުން ބ. އޭދަފުށި އާއި ކ. ގާފަރު ޖާގަ ހޯދައިފި އެވެ.

ޒޯން ތިނެއްގެ ފައިނަލުން ގާފަރު އާއި އޭދަފުށި ޖާގަ ހޯދުމުން މި ދެ ޓީމަށްވެސް ވަނީ މި މުބާރާތުގެ ގަދަ 16 އިން ޖާގަ ކަށަވަރުވެފަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވެސް ވަނީ ޒޯން ބުރުގެ މެޗުތައް ކުޅެފަ އެވެ.

ޒޯން ތިނެއްގެ ފައިނަލުން އޭދަފުށި ޖާގަ ހޯދީ ޒޯން ބުރުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ޅ. ކުރެންދޫ 3-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި މެޗުގައި އޭދަފުށިން ޖެހި ތިން ގޯލުވެސް ފެނިގެންދިޔައީ މެޗުގެ ފަހު ފަސް މިނެޓުގެ ތެރޭގަ އެވެ. މި މެޗުގައި އޭދަފުށިން ޖެހި ފުރަތަމަ ގޯލު ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. މި ގޯލު ސައްޓު ޖެހީ ކުރެންދޫގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އެވެ. އޭގެ ދެ މިނެޓު ފަހުން އޭދަފުށީގެ ލީޑު ފުޅާކޮށްދިނީ މުހައްމަދު ފާސިރު ޖެހި ގޯލުންނެވެ. އޭދަފުށިން ޖެހި ފަހު ގޯލު މެޗު ނިމެން މިނެޓަކަށްވެފައި ހުއްޓަ ޖެހީ އަހުމަދު ޖައުސާން އަބްދުالله އެވެ.

މި ޒޯނުގެ ފައިނަލުން ގާފަރު ޖާގަ ހޯދީ ކާށިދޫ 4-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ގާފަރުން ޖެހި ހަތަރު ގޯލު ވެސް އެ ޓީމަށް ޖަހާދިނީ އިބްރާހީމް ރިމާހު އެވެ.

މި ނަތީޖާތަކާއެކު ޒޯން ތިނެއްގެ ގްރޫޕް ސްޓޭޖު އެއްވަނައިގައި ގާފަރުން އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އޭދަފުއްޓައް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވެ އެވެ, އެކަމަކު ގާފަރަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ވެސް ވާދަކުރާނީ އޭދަފުއްޓާއި ގާފަރެވެ.

ޒޯން ފަހެއްގެ ފައިނަލުގެ ފުރަތަމަ ޖާގަ ދ. ކުޑަހުވަދޫ އިން ވެސް ވަނީ ހޯދާފަ އެވެ. ފައިނަލުގެ ޖާގަ އެއް ކުޑަހުވަދޫ އިން ކަށަވަރުކުރީ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ފ. ބިލެތްދޫ 2-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގައި ކުޑަހުވަދޫ އިން ޖެހި ދެ ގޯލު ވެސް އެ ޓީމަށް ޖަހާދިނީ ކެޕްޓަން ޖުމައިލް ޖަމީލް (ޖުމްބެ) އެވެ.

މި ޒޯނުގައި މުލަކުން ވަނީ ނާލާފުށީގެ މައްޗަށް 4-3 ގެ ނަތީޖާއަކުން ކުރި ހޯދާފަ އެވެ.

މި މެޗުގެ އަށްވަނަ މިނެޓުގައި މުލަކަށް ލީޑު ނަގާދިނީ އާދަމް ޝަހީމް (އާނާ) ޖެހި ގޯލުންނެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އާނާ ވަނީ އިތުރު ގޯލެއް ޖަހާ މުލަކުގެ ލީޑު ފުޅާކޮށްދީފަ އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ނާލާފުށީގެ އަލީ އަޒުމީލް ގޯލެއް ޖަހާ އެ ޓީމަށް ފަރަގު ކުޑަކޮށްދިނެވެ. އެކަމަކު ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި މުލަކުން އަލުން ވަނީ ލީޑު ފުޅާކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ޒާހިދު އިބްރާހީމް އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ނާލާފުށީގެ ޝަފްރާޒް އަބްދުލް ސައްތާރު ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ. މެޗުގެ ފަހު މިނެޓުގެ ތެރޭގައި މުލަކަށް ލީޑު އަލުން ފުޅާކޮށްދިނީ އިމްޖާދު މުހައްމަދު ޖެހި ގޯލުންނެވެ. އެކަމަކު އޭގެ ސިކުންތުކޮޅެއް ފަހުން ނާލާފުށީގެ ޔޫސުފް ޒަޔާން ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ.

މި ނަތީޖާތަކާއެކު ޒޯން ފަހެއްގެ ގްރޫޕްގެ އެއްވަނައިގައި ކުޑަހުވަދޫ އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކުގަ އެވެ. ދެވަނައިގައި އޮތް ބިލެތްދޫ އާއި ތިންވަނައިގައި އޮތް މުލަކަށް ދެ މެޗުން ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. ކުޅުނު ދެ މެޗުން ބަލިވެ ނާލާފުށި ވަނީ މުބާރާތުން ކަޓައިފަ އެވެ.

ޒޯން ހަތަރެއްގައި އއ. އަތޮޅު ޗެމްޕިއަން މަތިވެރީގެ މައްޗަށް އދ. އަތޮޅުގެ ރަނަރަޕް މާމިގިލިން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާމިގިލީގެ ހިސާމް ސަލީމް ދެ ގޯލު ޖެހިއިރު, މާމިގިލީގެ ފަހު ލަނޑު އެޓީމަށް ޖަހާދިނީ މޫސާ ހަސަން ފުޅެވެ.

މި ޒޯނުގައި އދ. މަހިބަދޫ އާއި ވ. ކެޔޮދޫ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ކެޔޮދޫ އިންނެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މެޗުގެ 13 ވަނަ މިނެޓުގައި އިބްރާހީމް ފުއާދު އެވެ. އެކަމަކު މެޗު ނިމެން ހަ މިނެޓައް ވެފައި ވަނިކޮށް މަހިބަދޫގެ އާދަމް ނާއިލް ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ރޭ ވަނީ ޒޯން އަށެއްގެ މެޗުތައް ވެސް ކުޅެފަ އެވެ. ޒޯން އަށެއްގައި ވިލިމާލެ އިން ހުޅުމާލޭގެ މައްޗަށް ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވިލިމާލޭގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ އަލީ ޝިޔާހް, އަބްދުالله ޝައްފާން (ޝާކާ), އަބްދުالله މުއާޒް އަދި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. މި މެޗުގައި ހުޅުމާލެ އިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު މަހުދީ އެވެ.

ޒޯން އަށެއްގެ އެންމެ ފަހުގެ ޗެމްޕިއަން މާފަންނުން މައްޗަންގޯޅީގެ މައްޗަށް ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާފަންނުގެ ހުސެއިން ސުހައިލް ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, ހަސަން ޝިފާޒް (ޑުނގާ) ގޯލެއް ޖަހާފައިވެއެވެ. މައްޗަންގޯޅީގެ ދެ ގޯލު ހަސަން ނަޒީމް ގާސިމް (ޗޯޓު) ޖެހިއިރު, އަހުމަދު ހުސެއިން ގޯލެއް ޖެހި އެވެ.

މި މުބާރާތުގެ ޒޯން ބުރުގެ މެޗުތައް މިރޭ ވެސް ކުޅޭނެ އެވެ. މިރޭ ކުރިއަށްދާނީ ޒޯން އެކެއް, ޒޯން ދޭއް, ޒޯން ހައެއް އަދި ޒޯން ހަތެއްގެ މެޗުތަކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

  1. ތ. ތިމަރަފުށި - ލ. އިސްދޫ : 20:00 (ގްރައުންޑް 1) - ޒޯން 6
  2. ލ. ގަން - ތ. އޮމަދޫ : 20:00 (ގްރައުންޑް 2) - ޒޯން 6
  3. ގއ. ގެމަނަފުށި - ގދ. ވާދޫ : 21:00 (ގްރައުންޑް 1) ޒޯން 7
  4. ގދ. ކަނޑުހުޅުދޫ - ސ. ހިތަދޫ : 21:00 (ގްރައުންޑް 2) ޒޯން 7
  5. ހދ. ނައިވާދޫ - ހއ. ދިއްދޫ : 22:00 (ގްރައުންޑް 1) ޒޯން 1
  6. ހދ. ނޮޅިވަރަން - ހއ. އުތީމު : 22:00 (ގްރައުންޑް 2) ޒޯން 1
  7. ނ. ކެނދިކުޅުދޫ - ރ. އަލިފުށި : 23:00 (ގްރައުންޑް 1) ޒޯން 2
  8. ށ ކަނޑިތީމު - ރ. ދުވާފަރު : 23:00 (ގްރައުންޑް 2) ޒޯން 2