Advertisement

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ފާސްކުރަން ފަސްޓު ލޭޑީ ގޮވާލައްވައިފި

19 ފެބުރުވަރީ 2024 - 18:45 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ފަސްޓު ލޭޑީ ސާޖިދާ: ސާޖިދާ ގޮވާލެއްވީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ފާސްކުރުން އަވަސްކުރުމަށް -- ފޮޓޯ: ރައީސް އޮފީސް


ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ފާސްކުރަން ފަސްޓު ލޭޑީ ގޮވާލައްވައިފި

19 ފެބުރުވަރީ 2024 - 18:45 0

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ފާސްކުރުން އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.

ގޭގައި އާމްދަނީ ހޯދުމަށްޓަކައި ތައްޔާރުކުރާ ކާބޯތަކެތި ބަންދުކުރާއިރު ބޭނުންކުރާނެ ހާއްސަ ލޯގޯ އިފްތިތާހުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ 2021 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އަވަހަށް ފާސްކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް މިއޮތީ މަޖިލީހަށް ހުށަހެޅިފައި، މި މަޖިލިސް ނޫން، ދެން އަންނަ މަޖިލީހުން ވެސް އަޅުގަނޑުމެންގެ މިފަދަ ކަންކަމަށް އިތުރަށް ފެސިލިޓޭޓްކޮށްދެއްވުމަށްޓަކައި މި ބިލު ގާނޫނަކަށް ވެގެން އަވަހަށް ވުޖޫދަށް އަންނާގެ ގޮތެއް މެދުވެރިކޮށްދެއްވާ"މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމުގައި ކުރިން ހުންނެވި ސާޖިދާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސާޖިދާ އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. -- ފޮޓޯ:ރައީސް އޮފީސް


އެ ބިލަކީ ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރު ކަނޑައެޅުމާ ގުޅޭ އުސޫލުތައް ހިމެނޭ ބިލެކެވެ.

ބިލު ގާނޫނަކަށް ވެގެން ދިއުމުން ކާބޯތަކެތި އުފައްދާ، ގުދަންކޮށް އަދި ވިއްކާ ތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީ ގޮތުން އެކަށީގެންވާ، ރައްކާތެރި ތަކެތި ކަން ކަށަވަރުކުރުމަށްޓަކައި އަމަލުކުރަން ޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ގާއިމު ކުރެވިގެންދާނެއެވެ.

މި ގާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކޮށް ނުވަތަ އުފެއްދުމާއި ގަނެ ވިއްކުން މަނާވާނެ ތަކެތި

  • ގަޑުބަޑުކޮށްފައިވާ ކާބޯތަކެތި ނުވަތަ ގަޑިބަޑުކުރުމަށް ބޭނުންކުރާ ބާވަތްތައް ނުވަތަ އެޑަލްޓްރަންޓް
  • އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތިި
  • މި ގާނޫނުގެ ދަށުން ވިޔަފާތި ކުރުން މަނާކޮށްފައިވާ ކާބޯތަކެތި
  • ސިއްހަތަށް ގެއްލުމެއްދޭ ކާބޯތަކެތި.
  • ރައީސްގެ އަނބިކަނބަލުން ސާޖިދާ. -- ފޮޓޯ: ރައީސް އޮފީސް


ބިލުގައި ބުނެފައިވަނީ މިއިން ކުށެއް ކުރާ މީހެއްގެ އަދަބަކީ އެ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލާ، 10،000 ރުފިޔާއާ 300،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުންކަމަށެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލާ ފާސްކުރާނެ އުސޫލެއްވެސް މި ބިލުގައި ކަނޑައަޅާފައިވާއިރު އެފަދަ ތަންތަނުގައި ފުރިހަމަވާން ޖެހޭ ރައްކާތެރިކަމުގެ އަދި ސާފުތާހިރުކަމުގެ މިންގަނޑުތައް ފުރިހަމަނުވާ ހާލަތްތަކުގައި ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ވެސް ބަޔާންކޮށްފައިވެއެވެ.

ގޭގައި ބަންދުކުރާ ކާބޯތަކެއްޗަށް ހާއްސަ ލޯގޯއެއް ތައާރަފުކުރުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށް ސާުޖިދާ ވިދާޅުވި އެވެ. އަދި މިއަދު ތައާރަފުކުރި ލޯގޯ ފުރިހަމަ ގޮތުގައި ބޭނުން ކުރަން ވެސް ގޮވައިލެއްވި އެވެ.