Advertisement

އެސްއޯއީތަކުގެ މާލީ ސިޔާސަތުތަކާއި އުސޫލުތައް އެއްގޮތް ކުރަން ވަކި މިންގަނޑަކަށް ފައްތަނީ

19 ފެބުރުވަރީ 2024 - 15:08 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އެސްއޯއީތަކުގެ މާލީ ސިޔާސަތުތަކާއި އުސޫލުތައް އެއްގޮތް ކުރަން ވަކި މިންގަނޑަކަށް ފައްތަނީ

19 ފެބުރުވަރީ 2024 - 15:08 0

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މާލީ މައުލޫމާތު ރިޕޯޓު ކުރުމުގައި އެއްގޮތްކަމާއި، އަޅާކިޔުމަށް ފަސޭހަވުމާއި އަދި ހާމަކަން ބޮޑުކަން ކަށަވަރު ކުރުމަށްޓަކައި، ހުރިހާ އެސްއޯއީ އެއްގައިވެސް ވަކި މިންގަނޑުތަކަށް ފެތޭ މާލީ ސިޔާސަތުތަކާއި ޕްރޮސީޖާތަކެއް ހެދުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ނިންމައިފި އެވެ.

ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ އެސްއޯއީތަކުގެ މާލީ ސިޔާސަތުތަކާ ގުޅޭގޮތުން އެ ބޯޑުން ކުރިއަށް ގެންދިޔަ ރިވިއުގައި ބައެއް އެސްއޯއީތަކުން މާލީ ސިޔާސަތުތަކާއި އުސޫލުތައް ރަނގަޅަށް ހަދާފައި ނުވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެފަދަ ކަންކަމުގައި ހުންނަން ޖެހޭ މުހިންމު ބައިތައް ވެސް ބައެއް ކުންފުނިތަކުގައި ނެތްކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެންވެ އެސްއޯއީ ތަކުގެ މާލީ ސިޔާސަތުތަކާއި އުސޫލުތައް އެއްގޮތް ކުރުމުގެ ގޮތުން، ސްޓޭންޑަޑައިޒްޑް ފައިނޭންޝަލް ޕޮލިސީ އާއި ޕްރޮސީޖާތަކެއް ހެދުމަށް ނިންމަވާފައިވާ ކަމަށް ޕީސީބީން ބުންޏެވެ.

ޕީސީބީން ބުނީ އެސްއޯއީ ތަކުގެ މާލީ މައުލޫމާތު ރިޕޯޓްކުރުމުގައި ހާމަކަން ބޮޑުކަމާއި އިތުބާރު އުފެއްދުމަށްޓަކައި ކޮންމެ ކުންފުންޏެއްގައި ވެސް ސްޓޭންޑަޑް އެކައުންޓިން ޕޮލިސީތަކާއި ޕްރޮސީޖާތައް ހަދައި ބޯޑުން އެންޑޯސްކޮށްފައި ހުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އަދި ފައިނޭންޝަލް މުއާމަލާތްތައް ރެކޯޑްކުރުމާއި، ރިޕޯޓްކުރުމާއި، އަގުކުރުމާއި، މާލީ ބަޔާންތަކާއި އެކު ހާމަކުރަންޖެހޭ މައުލޫމާތުތަކުގެ ގައިޑްލައިންތައް ހިމެނޭ ގޮތަށް ޕޮލިސީތައް ހެދިފައި ހުންނަންޖެހޭ ކަމަށާއި މިފަދަ ޕޮލިސީތަކުގެ ސަބަބުން ކުންފުނިތަކުގެ މެދުގައި ފައިނޭންޝަލް މައުލޫމާތު ރިޕޯޓްކުރުމުގައި އެއްގޮތްކަމާއި، އަޅާކިޔުމަށް ފަސޭހަވުމާއި އަދި ހާމަކަން ބޮޑުކަން ކަށަވަރުވާނެ ކަމަށް ބުންޏެވެ.

އެހެންވެ މާލީ ސިޔާސަތާއި އުސޫލުތައް އެއްގޮތް ކުރުމަށްޓަކައި ކުންފުނިތަކުގެ މާލީ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި ގުޅިގެން އެ ބޯޑުން މަސައްކަތް ކުރަމުންދާނެ ކަމަށް ޕީސީބީގެ އިއުލާނުގައި ބުނެފައިވެ އެވެ.