Advertisement

މަސްވެރިންގެ މުޒާހަރާ ކުރިއަށް، ކޫއްޑޫގެ އޮޕަރޭޝަން ހުއްޓިފައި

19 ފެބުރުވަރީ 2024 - 12:36 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކޫއްޑޫގައި އިއްޔެއިން ފެށިގެން ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން: ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓިފައި - ފޮޓޯ: ސާޖިދު ޓްވިޓާ ވީޑިއޯ ސްނެޕްޝޮޓެއް


މަސްވެރިންގެ މުޒާހަރާ ކުރިއަށް، ކޫއްޑޫގެ އޮޕަރޭޝަން ހުއްޓިފައި

19 ފެބުރުވަރީ 2024 - 12:36 0

މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު, އޭގެ ފައިސާ ނުދޭތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެގެން ގއ. ކޫއްޑޫގައި ކުރަމުންދާ މުޒާހަރާގެ ޕްރޮޝަރު ބޮޑުވެ، ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓާލައިފި އެވެ.

މަސްވެރިންނަށް އެއްވެސް މިންވަރަކަށް ފައިސާ ނުލިބޭތާ ތިން މަހެއްހާ ދުވަސް ވެފައިވާ ކަމަށް ބުނެ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ވަދެ މަސްވެރިން އިއްޔެ ހެނދުން ފެށިގެން އަންނަނީ މުޒާހަރާ ކުރަމުންނެވެ.

އެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ މަސްވެރިޔަކު "އަދަދު" ނޫހާ ވާހަކަ ދައްކަމުން ބުނީ، ކޫއްޑޫގައި މިއަދު ވެސް މުޒާހަރާ ކުރިއަށް އެބަ ދާ ކަމަށެވެ. އަދި މަސްވެރިންގެ ޕްރެޝަރު ބޮޑުވެ ހުރިހާ އޮޕަރޭޝަންތަކެއް ވެސް ހުއްޓާލާފައިވާ ކަމަށް އޭނާ ބުންޏެވެ.

"މި ތަނުގެ ހުރި ކެފޭއެއް އެކަނި ހުޅުވާފައި މި ހުރީ، އެހެން ހުރިހާ ތަނެއް ބަންދުކޮށް މުވައްޒަފުން ވެސް މިހާރު ތިބީ މަސައްކަތްތައް ހުއްޓާލައިގެން ތިބީ،" އޭނާ ބުންޏެވެ.

މިފްކޯގެ އޮފިޝަލަކު ވެސް މި ކަން "އަދަދު" ނޫހަށް ޔަގީންކޮށްދިނެވެ.

ކޫއްޑޫގެ މުޒާހަރާ ހޫނު ބޮޑުވެ، އިއްޔެ ށ. އަތޮޅުގައި ހުންނެވި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ހަވީރު ކޫއްޑުއަށް ވަޑައިގެން މަސްވެރިންނާ މަޝްވަރާކުރައްވައިފަ އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މަސްވެރިންނަށް ނުދެވި ގާތްގަނޑަކަށް 298 މިލިއަން ރުފިޔާ އެބަ އުޅެ އެވެ. އެ ފައިސާ އަންނަ މާޗު 5، ގެ ކުރިން ދައްކާ ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު މުޒާހަރާ ކުރި ބައެއް މަސްވެރިން މި ނޫހާ ވާހަކަ ދައްކަމުން ބުނީ ފައިސާ ނުލިބުމުން އަތްމަތި ދަތިވެ، ދަރަނިވެރިވެފައިވާ ކަމަށެވެ. އަސާސީ ހިދުމަތްތަކަށް ފައިސާ ދައްކަނީ ވެސް މީހުން އަތުން ދަރަންޏަށް ނަގައިގެން ކަމަށް ބައެއް މީހުން ބުންޏެވެ.

"ކަރަންޓާ ނުލައި ނުއެއް އުޅެވޭނެތާ، އެހެންވީމާ އެގޮތް މިގޮތުން [ދަރަންޏަށް] ފައިސާ ހޯދައިގެން ކަރަންޓު ބިލު މިހާރު ދައްކައިފިން. އެކަމަކު ގެއިން އިންޓަނެޓް އެހެރީ ކެނޑިފައި،" މަސްވެރިއަކު ބުންޏެވެ.

މަސްވެރިން މިފްކޯއަށް ވިއްކުމަށް ފަހު، ވަގުތުން ފައިސާ ނުލިބުމާއި، މަސް ކިރަން ކިއޫގައި ގިނަ ދުވަހު ތިބެން ޖެހުމާއި އައިސް ލިބުމުގައި ހުންނަ ދަތިތައް ފަދަ އަސާސީ ޝަކުވާތަކަކީ އަބަދުވެސް މަސްވެރިންގެ އޮތް ޝަކުވާތަކެވެ.

މި ސަރުކާރު އައި ފަހުން ތިން މަސްވީއިރު، އެއިން ދެ މަސް ދުވަހުގެ ފައިސާ ނުލިބޭ ކަން މަސްވެރިން ފާހަގަ ކުރެ އެވެ. ސަރުކާރުން ބުނާ ގޮތުގައި، ސަރުކާރާ ހަވާލުވި އިރު ވެސް 250 މިލިއަން ރުފިޔާ ބެކްލޮގުގައި ހުއްޓެވެ. މަސްވެރިންނަށް ނުދީ ހުންނަ ފައިސާގެ އަދަދު، މި ފަހުން އަބަދުވެސް 300 މިލިއަނެއްހާ ރުފިޔާގައި އުޅެ އެވެ.

ސެޕްޓެމްބަރު 16, 2023 ގައި ރިޔާސީ އިންތިހާބުގެ ދެބުރު ދޭތެރެއިން މަހުގެ އަގު 25ރ. އަށް ބޮޑުކުރި އެވެ. ނަމަވެސް, މި ސަރުކާރުން ވަނީ ފެބްރުއަރީ 12، 2024 އިން ފެށިގެން އަނެއްކާ ވެސް މަހުގެ އަގު 20ރ. އަށް ކުޑަކޮށްފަ އެވެ.