Advertisement

އެމްއޭސީއެލް މެދުވެރިކޮށް 50 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރަށް ނަގައިފި

19 ފެބުރުވަރީ 2024 - 15:12 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ނައިބު ރައީސް ހުސައިން (ކ), ރައީސް މުއިއްޒު (މ), އެމްއޭސީއެލްގެ އެމްޑީ ޝަރީފް (ވ). މި ލޯނު ނަގާފައިވަނީ ބީއެމްއެލް އިން --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


އެމްއޭސީއެލް މެދުވެރިކޮށް 50 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރަށް ނަގައިފި

19 ފެބުރުވަރީ 2024 - 15:12 0

ސަރުކާރަށް ކުރިމަތިވެފައިވާ މާލީ ދަތިކަމާ ގުޅިގެން، 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ)ގެ ލޯނެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މެދުވެރިކޮށް ނަގައިފި އެވެ.

"އަދަދު" ނޫހަށް ޔަގީން ކުރެވިފައިވާ ގޮތުގައި މި ލޯނު އެމްއޭސީއެލަށް ނަގާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންނެވެ. އަދި އެ ފައިސާ އެމްއޭސީއެލްއިން ދޭނީ ސަރުކާރަށެވެ.

މި ލޯނާ ގުޅޭ މައުލޫމާތު އަދި ލޯނުގެ ބޭނުން، ސަރުކާރުން އަދި އެމްއޭސީއެލްއިން ހާމައެއް ނުކުރެ އެވެ. ސުވާލު ކުރުމުން ޖަވާބެއް ވެސް އަދި ނުލިބެ އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ "ތި ސުވާލަށް މިވަގުތު ޖަވާބު ދޭކަށް ނޭނގޭ" ކަމަށެވެ.

އެމްއޭސީއެލް މެދުވެރިކޮށް ބޮޑު ލޯނެއް ސަރުކާރަށް ނެގިއިރު، ބޯޑުގެ ޗެއާމަންގެ މަގާމުގައި 10 އަހަރު ދުވަހު ހުންނެވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އެމްޔޫ ވަކިވެވަޑައިގަތީ ކުންފުނިން ވަކިކޮށްފައި ތިބި ބަޔަކު އަނބުރާ ގެނައުމަށް މެނޭޖުމެންޓުން މަސައްކަތް ކުރުމާއި، އުސޫލާ ހިލާފަށް ބައެއް ކަންކަން ކުރަން މަސައްކަތް ކުރާތީ އެވެ.

ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ރާއްޖޭގެ މައި ދޮރާށި ބަލަހައްޓާ މި ކުންފުންޏަށް އަދި އާ ޗެއާމަނަކު އައްޔަން ނުކުރެ އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ 2023 ގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް އެމްއޭސީއެލްގައި 3,951 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެ ކުންފުނީގެ ހަރުމުދަލުގެ އަގު 26.7 ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.

މާލީ ދަތިކަމުގެ ސަބަބުން ކުރިއަށް އޮތީ ތަދު ދުވަސްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

"ކުރިއަށް އޮތް ދެ މަސް ދުވަސް އެންމެ އުނދަގުލީ، ކަން ދިމާކުރި ގޮތުން، އެންމެ ހައްސާސް ވަގުތު މިއީ، ޖުލައިގެ ފަހަށް މާ ބޮޑަށް ފަސޭހަ ވެގެންދާނެ، އެކަމަކު މިހާރުން ފެށިގެން އާމްދަނީ ހޯދަން ކުރަން ޖެހޭ މަސައްކަތްތައް މި ކުރަނީ،" މި މަހު ކުރީކޮޅު ތ. އަތޮޅަށް ކުރެއްވި ދަތުރުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

މާލީ ދަތިކަން ކުރިމަތިވެ، މަޝްރޫއުތައް ކުރިއަށް ގެންދަން ދަތިވެ، މަސްވެރިންނަށް ވެސް ފައިސާ ދިނުމަށް ދަތިވެފައިވާ ހާލަތު މެދުވެރިވެފައި ވާއިރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ބޭރު ގައުމަކުން ފައިސާ ލިބިފައިވާކަން، ސަރުކާރުން ހާމަނުކުރާތީ އެނގެން ނެތެވެ.