Advertisement

އިންތިހާބު ފަސް ކުރާ ބިލު ތަސްދީގު ނުކުރައްވައި ރައީސް ވިދާޅުވީ އިންތިހާބު އޮންނަނީ މާޗް 17، ގައި ކަމަށް

19 ފެބުރުވަރީ 2024 - 12:27 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް އައްޑޫގައި ވާހަކަ ދައްކަވަނީ: ބިލާމެދު ގޮތެއް ނިންމަންޖެހޭ މުއްދަތު ހަމަވާނީ މާޗް 3، ގައި -- ފޮޓޯ: ރައީސް އޮފީސް


އިންތިހާބު ފަސް ކުރާ ބިލު ތަސްދީގު ނުކުރައްވައި ރައީސް ވިދާޅުވީ އިންތިހާބު އޮންނަނީ މާޗް 17، ގައި ކަމަށް

19 ފެބުރުވަރީ 2024 - 12:27 0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރައްޔިތުންގެ މަޖިލީހުން ފޮނުވާފައި އޮއްވައި، އެ ބިލު ތަސްދީގު ނުކުރައްވައި، މަޖިލިސް އިންތިހާބު އޮންނަނީ އަންނަ މާޗު 17، ގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވާތީ، ރޯދަ މަހުގެ 10 ދުވަސް ފަހުން އެ އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12، ގަ އެވެ. އެއަށް ފަހު މިއަދަށް އަށް ދުވަސް ފާއިތުވިއިރު ވެސް ރައީސް އެ ބިލު ތަސްދީގެއް ނުކުރައްވަ އެވެ.

އެ ބިލު ތަސްދީގު ނުކުރައްވާ އޮތް އިރު، މިއަދު އައްޑޫގެ ހުޅުމީދޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަންނަ މާޗް 17، ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ދިނުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

"އެހެންވީމާ ރައްޔިތުންގެ މަޖިލިސް އެބަ ވާންޖެހޭ، މި ފުރުސަތު، މި ރަނުގެ ފުރުސަތު ތިބޭފުޅުންގެ އަތްޕުޅަށް ކުރިއަށް އޮތް މަހުގެ 17 ވަނަ ދުވަހު ލިބިގެންދާއިރުގައި އެ ފުރުސަތަކީ ތިޔަ ބޭފުޅުން ޒިންމާދާރުކަމާއެކީގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކީގައި ރައްޔިތުންނަށް، ތިބޭފުޅުންނަށްޓަކައި މި ސަރުކާރުން ތިބޭފުޅުން ތި އެދިލައްވަމުން ގެންދަވާ ކަންކަން ކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އިންތިހާބުގައި ކަންކަން ނިންމައިދޭ އިންތިހާބަކަށް ހަދައިދިނުމަކީ ތިބޭފުޅުން ކުރައްވާނެ ކަމެއްކަން އަޅުގަނޑު ޔަގީން ކުރަން،" ރައީސް ވިދާޅުވި އެވެ.

އިންތިހާބު ފަސް ކުރުމުގެ ބިލު ތަސްދީގު ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ވެސް ގޮވާލާފައިވާއިރު ރައީސް އޮފީހާ "އަދަދު" އިން ސުވާލު ކުރުމުން އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ "މިހާތަނަށް ބިލާ ބެހޭ ގޮތުން ރައީސް ވަކި ގޮތަކަށް ނިންމެވިކަން އަންގަވާފަ ނުވާ" ކަމަށެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރަން ފޮނުވާ ބިލެއް "ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލު ލިބޭތާ 15 ދުވަހުގެ ތެރޭގައި ބިލު ތަސްދީގު ކުރާން ވާނެ" ކަމަށެވެ. އެ ބިލު ތަސްދީގު ނުކުރައްވައި އެ 15 ދުވަހުގެ ތެރޭގައި އަނބުރާ މަޖިލީހަށް ފޮނުވާލެވިދާނެ ކަމަށް ވެސް އެ މާއްދާގައި ބުނެ އެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.

އޭގެ އިތުރުން، ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ނ. ގައި ބުނަނީ، ބިލެއް ތަސްދީގު ކުރުމަށް ނުވަތަ އަނބުރާ ފޮނުވާލުމަށް ލިބޭ 15 ދުވަހުގެ މުއްދަތުގައި، މަޖިލީހަށް އެ ބިލެއް އަނބުރާ ނުފޮނުވައިފި ނަމަ "ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރީ ކަމަށް ބަލައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާން ވާނެ" ކަމަށެވެ.

ބަންދު ދުވަސްތައް ނުގުނައި ބަލާ ނަމަ، މަޖިލިސް އިންތިހާބު ފަސް ކުރުމުގެ ބިލާ މެދު ރައީސުލްޖުމްހޫރިއްޔާ ނިންމަންޖެހޭ ގޮތެއް ނިންމަންޖެހޭ މުއްދަތު މާޗް 3، ގައި ހަމަވާނެ އެވެ.