Advertisement

ރައީސްގެ ދުލުން ޔާމީނުގެ ނަން: ކެމްޕޭނުގައި 749 ފަހަރު، ވެރިކަމުގައި އެންމެ 10 ފަހަރު

20 ފެބުރުވަރީ 2024 - 09:46 2

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު


ރައީސްގެ ދުލުން ޔާމީނުގެ ނަން: ކެމްޕޭނުގައި 749 ފަހަރު، ވެރިކަމުގައި އެންމެ 10 ފަހަރު

20 ފެބުރުވަރީ 2024 - 09:46 2

"ދެން ރައީސް ޔާމީނާ ބެހޭގޮތުން ތިޔަ ވިދާޅުވި ވާހަކަ، އަޅުގަނޑަކީ އެއްވެސްއިރަކު، މިއަދާ ހަމައަށް އައިއިރުވެސް، އެހެން އެއްވެސް ބޭފުޅެއްގެ ވާހަކަ ދައްކާ މީހެއް ނޫން އިނގޭތޯ، ނޯންނާނެ ދައްކާފައެއް މިހާތަނަކަށް ވެސް."

އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދާ ގުޅޭގޮތުން ޑިސެމްބަރު 5، 2023 ގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބެވެ.

ނޫސްވެރިޔާގެ ސުވާލުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފޮޓޯ އާއި ނަން ބޭނުންކުރައްވައިގެން ރައީސް މުއިއްޒު ކުރެއްވި ކެމްޕޭނަށްފަހު އެމަނިކުފާނު މިނިވަން ނުކުރެއްވުމުން ޔާމީނުގެ ސަޕޯޓަރުން ފާޅުކުރަމުންދާ ނުރުހުމެވެ.

ސުވާލު ކުރީ، ރައީސް މުއިއްޒުއަށް ދިން ވޯޓަކީ ޔާމީނު މިނިވަންކުރުމަށް، ޔާމީނަށް ދިން ވޯޓެއް ކަމަށް ސަޕޯޓަރުން ބުނާ ބުނުމާ ގުޅޭ ގޮތުން ރައީސް ދެކިލައްވާގޮތް ހޯދުމަށެވެ.

ރައީސްގެ ޖަވާބުން، މަންޒަރާ ފަރިތަނޫން މީހަކަށް ސިފަވާނީ ރައީސްގެ ކެމްޕޭނުގައިވެސް "އެހެން އެއްވެސް ބޭފުޅެއްގެ ވާހަކަ" ނުދައްކަވާނެ ކަމަށް ދެއްތޯ އެވެ. ނަމަވެސް އަސްލު މަންޒަރު ތަފާތެވެ. ރައީސް މުއިއްޒުއަށް ރިޔާސީ ޓިކެޓު ލިބިވަޑައިގަތީ ވެސް 11 އަހަރުގެ ޖަލު ހުކުމާ ހެދި ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ނުވުމުންނެވެ.

ކެމްޕޭނުގައި ފެނިގެންދިޔައީ ޔާމީނުގެ ފޮޓޯ އެވެ. އިވުނީ ޔާމީނުގެ ނަމެވެ. ރައީސް މުއިއްޒުގެ ޖަލްސާތަކުގައި ކައިރީގައި އިން ހުސް ގޮނޑީގައިވެސް ޖަހާފައި ހުރީ ޔާމީނުގެ ނަމެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު ޔާމީންގެ ނަން މުޅިން ކެނޑިެއްޖެ އެވެ. އެމަނިކުފާނުގެ ނަން އަނެއްކާ ވެސް މި ހަފުތާގައި ތިލަވީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނާ ދިމާކޮށެވެ.

ރިޔާސީ އިންތިހާބުގައި ޔާމީނުގެ ނަން 749 ފަހަރު ވިދާޅުވި

އޮގަސްޓު 8، 2023 ގައި އޭރުގެ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ފުރަތަމަ މީޑިއާތަކާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވި ފުރަތަމަ ޖުމްލައިގައި ވެސް އޮތީ ޔާމީނުގެ ނަމެވެ.

"އަޅުގަނޑު މިތަނުގައި ހުއްޓަސް މި މަގާމަކީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީނުގެ މަގާމެއް، އަޅުގަނޑުމެންގެ ހުރިހާ ބޭފުޅުން ހުރިހާ ރައްޔިތުނ،ް ދެ ޕާޓީގެ ހުރިހާ މެންބަރުން، އަދި މި ގައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުންގެ ކެންޑިޑޭޓަކީ ރައީސް ޔާމީނު،" ރައީސް އެ ދުވަހު ވިދާޅުވި އެވެ.

އެ މޭރުމުން ފެއްޓެވި ކެމްޕޭނުގައި މުޅީހެން ދެއްކެވީ ޔާމީނުގެ ވާހަކަ އެވެ. އެމަނިކުފާނުގެ ޒައާމަތުގައި ގައުމަށް ގެނައި ތަރައްގީ އާއި ޖަލުގައި ހޭދަކުރައްވަމުން ގެންދަވާ ދަތި ހާލުގެ ވާހަކަ އެވެ. ޖަލު ހުކުމުގައި އެއް ހާސް ދުވަސް ވުމުން ކޮންމެ ޖަލްސާއެއްގައި އެ އަދަދުތައްވެސް ރައީސް މުއިއްޒު ތަކުރާރުކުރެއްވި އެވެ.

ކެމްޕޭނުގައި ވަޑައިގެންނެވި ކޮންމެ ރަށެއްގައި ވެސް ރައީސް ވަނީ ޔާމީނުގެ ނަންގަނެފަ އެވެ. ކޮންމެ ޖަލްސާއެއްގައި ރައީސް މުއިއްޒުގެ ތައާރަފަކަށްވީ "ރައީސް ޔާމީނު އެންޑޯޒް ކުރައްވާފައިވާ ކެންޑިޑޭޓު" އެވެ.

ރިޔާސީ ކެމްޕޭނުގައި ހަމައެކަނި ރައީސް މުއިއްޒުގެ ދޫފުޅުން ޔާމީނަށް 749 ފަހަރު މުހާތަބު ކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ "ރައީސް ޔާމީނު" މިހެން ވިދާޅުވި 359 ފަހަރާއި "ރައީސް އަބްދުﷲ ޔާމީނު" މިހެން ވިދާޅުވި 165 ފަހަރާއި ޔާމީނަށް ނިސްބަތްކުރައްވާ "އެމަނިކުފާނު" ކަމަށް ވިދާޅުވި 225 ފަހަރެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ޔާމީންގެ ނަން ވިދާޅުވީ 10 ފަހަރު

ރިޔާސީ ކެމްޕޭނުގައި ރައީސަށް ޔާމީނު މުހިންމުވި ވަރުން، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ޔާމީނު މިނިވަންވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ. ނަމަވެސް އިންތިހާބު ނިމި، ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމާ ގާތްވަމުން ދިޔަ ވަރަކަށް ދެ ރައީސުންގެ ދެމެދުގައި ނުތަނަވަސްކަން އޮތްކަން ހާމަވާން ފެށި އެވެ.

އެ އަޑުތައް ގަދަވެ، ވެރިކަމަށް ފަސް ދުވަސް ވީއިރު ޔާމީނު ހުންނެވީ ޕީޕީއެމުން ވަކިވެވަޑައިގެން އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ އަމަލީ މަސައްކަތުގަ އެވެ. ރައީސް މުއިއްޒު، ޔާމީނު އެކަހެރި ކޮށްލިކަމުގެ ތުހުމަތާ ވެސް އެކު އެވެ.

އެ މަންޒަރުތައް އިތުރަށް ތިލަވީ ކުރިން އެތައް ސަތޭކަ ފަހަރު ނަންގަނެވުނު ޔާމީނުގެ ނަން، ރައީސްގެ ދުލުން ބޭރުވުން މަދުވުމުންނެވެ. ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް ޔާމީނުގެ ވާހަކަ ރައީސް ދެއްކެވީ ކުރިން ބުނި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ޑިސެމްބަރު 5، 2023 ގަ އެވެ.

"ރައީސް ޔާމީނު" މިފަދައިން ދެ ފަހަރު އަދި ޔާމީނަށް ނިސްބަތްކުރައްވާ "އެމަނިކުފާނު" މިހެން އެއް ފަހަރު ރައީސް މުއިއްޒު ވިދާޅުވި އެވެ. ޖުމްލަ ތިން ފަހަރު އެވެ.

އެއަށްފަހު ސަރުކާރުގެ އެކި ގިންތިތަކުން ޔާމީނާ ގުޅޭ ސުވާލުތަކަށް ޖަވާބުދޭން ދެކޮޅު ހަދަމުންގޮސް، ޔާމީނާ ގުޅޭ ގޮތުން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު އޮތީ ފުދިފައި ކަމަށް އޭރު ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި މުހައްމަދު ޝަހީބު ޑިސެމްބަރު 28، 2023 ގައި ވިދާޅުވި އެވެ.

އެއަށްފަހު ރައީސް ވެސް އަދި ސަރުކާރުން ވެސް ޔާމީނުގެ ވާހަކަ ނުދައްކަވަ އެވެ. ޔާމީނުގެ ނަން އަނެއްކާ ވެސް ފެންމަތި މިވީ ރައީސް މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހިތަދޫ އަދި ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި, ދެއްކެވި ވާހަކަފުޅުގަ އެވެ.

އެރޭ ރައީސް ވިދާޅުވީ، ޔާމީނަށް އިންސާފު ލިބުމަށް ހުރަސް އަޅާނެ އެއްވެސް މީހަކު މި ސަރުކާރުގައި ނުހުންނާނެ ކަމަށެވެ. އެ ވާހަކަފުޅުގައި "ރައީސް ޔާމީނު" މިފަދައިން ދެ ފަހަރު އަދި ޔާމީނަށް ނިސްބަތް ކުރައްވާ "އެމަނިކުފާނު" މިފަދައިން ފަސް ފަހަރު ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކެމްޕޭނުގައި ޔާމީނުގެ ނަންގެންނެވި 749 ފަހަރާ އަޅާކިޔާއިރު، ވެރިކަމުގައި ރައީސް މުއިއްޒު ޔާމީނުގެ ނަން ގެންނެވީ އެންމެ 10 ފަހަރު އެވެ.

ޔާމީނު ރައްދުތައް

ޖަލު ހުކުމަށް ކުރީ ސަރުކާރުން ދިން ލުޔާއެކު މާލެ ބަންދުގައި ހުންނެވި ޔާމީނު މަދުން ނަމަވެސް އަލަށް އުފައްދަވާ ޕީއެންއެފްގެ އޮފީހަށް ވަޑައިގެން ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. ތަފާތު ގޮތްގޮތުން ސަރުކާރަށް އަދި ރައީސް މުއިއްޒަށް ރައްދު ދެއްވަ އެވެ.

އެގޮތުން މި ހިނގާ ފެބްރުއަރީ 7، ގައި ޔާމީނު ވަނީ އިދިކޮޅު އެމްޑީޕީއިން މިހާރު އެމަނިކުފާނު ޖަލުގައި ބަހައްޓަން ބޭނުން ނުވާނެ ކަމަށާއި އެމަނިކުފާނު މިނިވަން ކުރަން މިއަދުގެ ސަރުކާރަށް ދަތިވެގެން އުޅެނީ ކޮންކަމާ ގުޅިގެންތޯ ސުވާލު އުފައްދަވާފަ އެވެ.

"އެމްޑީޕީއެއް ނޫން ވެރިކަމުގައި މިތިބިކީ. އެހެންވީމާ އެމީހުން ކޮންމެހެން ބޭނުމެއް ނުވާނެ އަޅުގަނޑު ޖަލުގައި ބަހައްޓަން. ނޫނިއްޔާ އަޅުގަނޑާއި އަޅުގަނޑުގެ ވޯޓަރުންނާ ވާހަކަ ދެއްކުން މަނާކުރަން އެމީހުން ބޭނުމެއް ނުވާނެ ކޮންމެހެނެއް," ޔާމީން ޝުއޫރު ފާޅުކުރައްވަމުން އެރޭ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތާއި އެކަމާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތާ ގުޅޭ ގޮތުން ވެސް ޔާމީން ވާހަކަ ދެއްކެވި އެވެ.

"އަޒުލު ކުރުމަކީ އޮތް އޮޕްޝަނެއް ކަމަށް އަދި މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކުގައި އޮތަސް، ރައީސުލްޖުމްހޫރިއްޔާ އެކަމާ އެހައި ސިހުން ވާން ޖެހޭތޯ؟ އެއްވެސް މީހަކު ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނަނީ އެ މަގާމުގައި ބަގުޑި ބައްދައިގެން އަބަދު ތިބޭކަށް ނޫން،" ފެބްރުއަރީ 9، ގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒު އަމަލު ކުރަމުން ގެންދަވަނީ އިންސާފުން ނޫން ކަމަށް ދޭހަވާ މޭރުމަކުން ރައީސް ޔާމީން ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އެމަނިކުފާނު ވެސް އިސްވެ ހުންނަވާ އުފެއްދެވި ޕީޕީއެމް ނިކަމެތިކޮށްލަން މަސައްކަތް ކުރާ ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

"ރާއްޖޭގައި އަދިވެސް ޕީއެންސީއަށް ވުރެ ތިން ހަތަރު ގުނަ އުޅެނީ ޕީޕީއެމްގެ އިހުލާސްތެރި މެންބަރުން. ޕީޕީއެމްއަކުން އެއްވެސް ދާއިރާއަކަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއަކަށް މެންބަރަކު ކުރިމައްޗެއް ނުކުރުވާ،" ފެބްރުއަރީ 14، ގައި ޔާމީން ވިދާޅުވި އެވެ.

ކެމްޕެއިނުގައި ރައީސް މުއިއްޒު ދެއްކެވި މަންޒަރާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރައީސް މުއިއްޒު ވަދެވަޑައިގެންނެވިފަހުން ދައްކަވަމުންދާ މަންޒަރު ތަފާތެވެ. ރައީސް ޔާމީން މިނިވަން ކުރަން ކުރިން ދެއްކެވި ވާހަކަތަކުގެ އަޑު ކެނޑިއްޖެ އެވެ. އެމަނިކުފާނު މިނިވަން ކުރަން ދެއްކެވި ޖޯޝެއް މިހާރު ނުފެނެ އެވެ. ނަމަވެސް ޔާމީން މިނިވަން ކުރުމަކީ ރައީސްގެ ރިޔާސީ އެންމެ ބޮޑު ވައުދެވެ. އެ ވައުދު ފުއްދަން މިހާރު މާ ލަސް ވެސް ވެއްޖެ އެވެ.