19 ފެބުރުވަރީ 2024 - 08:38 0
އަތޫފް އާތިފް
ލަނޑު ޖެހުމަށް ފަހު ދަޑިމަގު ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
19 ފެބުރުވަރީ 2024 - 08:38 0
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ހަތެއްގައި އައްޑޫ ސިޓީ ހިތަދޫ ބަލިކޮށް ފުވައްމުލަކު ސިޓީ ދަޑިމަގުން ގަދަ 16 ގެ ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ވެއްޖެ އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި މިހާރު ކުރިއަށްދަނީ ޒޯން ބުރުގެ މެޗުތަކެވެ.
ޒޯން ހަތެއްގައި ދަޑިމަގުން ކުޅުނު ތިންވަނަ މެޗު ވެސް އެ ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ. މިއާއެކު އެ ޓީމަށް ނުވަ ޕޮއިންޓް ވަނީ ލިބިފަ އެވެ. ޒޯން ހަތެއްގެ ގްރޫޕް ސްޓޭޖުަގައި ދަޑިމަގަށް ބާކީ އެއް މެޗު އެބައޮތެވެ. މިރޭ ކުޅުނު މެޗު ގައި ދަޑިމަގުން ހިތަދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ހިތަދޫ އިންނެވެ. މެޗުގެ ދެވަނަ ހާފުގެ ފަސްވަނަ މިނެޓުގައި ހިތަދޫ އަށް މި ގޯލު ޖަހާދިނީ ހާޒިމް ފައުޒީ އެވެ. އެކަމަކު ދަޑިމަގުން ވަނީ ދެވަނަ ހާފުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލާފަ އެވެ. އެގޮތުން ދެވަނަ ހާފުގެ 15 ވަނަ މިނެޓުގައި ދަޑިމަގަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަބްދުالله ރަޝީދެވެ. އަދި ދަޑިމަގު މޮޅުކޮށްދިން ގޯލު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޖަހާދިނީ މޫސާ އަޒީމް ހަސަން އެވެ.
މި ނަތީޖާއާއެކު ޒޯން ހަތެއްގެ ފައިނަލުގެ ފުރަތަމަ ޖާގަ ދަޑިމަގުން ވަނީ ހޯދާފަ އެވެ.
މި ޒޯނުގައި ގދ. ވާދޫ އިން ވަނީ ގއ. ކަނޑުހުޅުދޫ 6-0 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. މި މެޗުގައި ވާދޫގެ މުހައްމަދު ނާއިލް ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, ކެޕްޓަން އަޔާޒް އަހުމަދު ދެ ގޯލު ޖެހި އެވެ. އަދި މުސައްނިފް މުހައްމަދު ވަނީ ގޯލެއް ޖަހާފަ އެވެ.
ގދ. ވާދޫ އާއި ގއ. ކަނޑުހުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން ވާދޫގެ އަޔާ ގޯލް ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު
ޒޯން ހައެއްގައި ލ. އަތޮޅު ޗެމްޕިއަން ގަން އަދި ލ. އަތޮޅު ރަނަރަޕް އިސްދޫ ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި މެޗުގެ 16 ވަނަ މިނެޓުގައި ގަމުން ލީޑު ނެގީ އަބްދުالله ޖުނައިދު ޖަހައިދިން ގޯލުންނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގެ ތެރޭގައި އިސްދޫ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ކެޕްޓަން އަލީ ހުމޭޒު އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ގަމުގެ އަހުމަދު ހަލީމް (އައްމަޑޭ) ގޯޅު ޖަހާ އެ ޓީމަށް އަލުން ލީޑު ނަގާދިނެވެ. އެކަމަކު މެޗުގެ ފަހު ވަގުތުކޮޅު އިސްދޫގެ އަހުސަން ރަޝާދު ގޯލު ޖަހާ ވަނީ މެޗުން ގަން މޮޅުވިޔަ ނުދީ ހިފަހައްޓައިފަ އެވެ.
އިސްދޫގެ ހުމޭޒު ގަން ކޮޅަށް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު
މި ޒޯނުގައި ތ. އަތޮޅު ޗެމްޕިއަން ތިމަރަފުށިން އެ އަތޮޅުގެ ރަނަރަޕް އޮމަދޫ ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ތިމަރަފުށީގެ އިސްމާއިލް މުނީޒް (ޓްރީ) ދެ ގޯލު ޖެހިއިރު, އަބްދުالله ޒިޔާން (ޖަންކީ), ސައިފާން އަހުމަދު މަނިކު, އަދި އާދަމް ނާސިހް, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ.
ޒޯން ދޭއްގައި ރ. އަތޮޅު ޗެމްޕިއަން ދުވާފަރުން ވަނީ ށ. އަތޮޅު ރަނަރަޕް ފޭދޫގެ މައްޗަށް ފަސޭހަކަމާއެކު 8-0 ގެ ނަތީޖާއަކުން ކުރި ހޯދާފަ އެވެ. މި މެޗުގައި ދުވާފަރުގެ މުހައްމަދު އިޝާމް (ޝަންޓެ) އާއި އިސްމާއިލް އީސަ (މެސީ) ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, މުހައްމަދު ނޫހް އިބްރާހީމް ދެ ގޯލު ޖެހި އެވެ.
ދުވާފަރުގެ ކެޕްޓަން ޝަންޓެ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު
މި ޒޯނުގައި ރ. އަލިފުށިން ށ. އަތޮޅު ޗެމްޕިއަން ކަނޑިތީމުގެ މައްޗަށް ކުރިހޯދީ ފަހަތުން އަރާ 5-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އަލިފުށީގެ އާދަމް މަންސޫރް ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, އަހުމަދު ވިޖުދާން (ވިޖޫ), އާދަމް އިމްރާން, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ. މި މެޗުގައި ކަނޑިތީމުގެ ނިހާލް ދެ ގޯލު ޖެހިއިރު, ކެޕްޓަން އިބްރާހީމް ނަދާދް (ކުޑައްޓޭ) އާއި އިސްމާއިލް ނިހާން, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ.
ޒޯން އެކެއްގައި ހއ. އަތޮޅު ޗެމްޕިއަން ދިއްދޫ އިން ހދ. އަތޮޅު ރަނަރަޕް ނޮޅިވަރަން ބަލިކުރީ 5-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދިއްދޫގެ ހައިސަމް ރަޝީދު ދެ ގޯލު ޖެހިއިރު, ކެޕްޓަން ފާއިގް އަހުމަދާއި, ޒުނާމް މުހައްމަދު ޒުހައިރު އަދި މުހައްމަދު ޝަނާއު ނަސީރު, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ. ނޮޅިވަރަމުގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ މުހައްމަދު އިކުރާމް ދެ ގޯލު އަދި ކެޕްޓަން އަމްދާން އަލީ ގޯލެކެވެ.
ޒޯން އެކެއްގެ އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫ އިން އުތީމު ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނައިވާދޫގެ މުހައްމަދު ޝާއިން, އަބްދުالله ވިސާމް އަދި އަބްދުالله ޝާފިއު (ޝާއްޕެ), މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ.
މި މުބާރާތުގައި މިރޭ ވެސް އަށް މެޗު ކުޅޭނެ އެވެ. އެއީ ޒޯން ތިނެއް, ޒޯން ހަތަރެއް, ޒޯން ފަހެއް އަދި ޒޯން އަށެއްގެ މެޗުތަކެވެ.
Comment