Advertisement

އޭސީސީގެ ފްލެޓް ލިސްޓު ކުރީ ސަރުކާރުގެ އޮފިޝަލުންނަށް ދޭން ކޮމިޓީން ފާސްކޮށްފި

18 ފެބުރުވަރީ 2024 - 15:40 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން : ޖަވާބުދާރީ ވުމަށް އޭސީސީގެ ފްލެޓް ލިސްޓު ކުރީ ސަރުކާރުގެ އޮފިޝަލުންނަށް ދޭން ކޮމިޓީން ފާސްކޮށްފި - ފޮޓޯ: ރައީސް އޮފީސް


އޭސީސީގެ ފްލެޓް ލިސްޓު ކުރީ ސަރުކާރުގެ އޮފިޝަލުންނަށް ދޭން ކޮމިޓީން ފާސްކޮށްފި

18 ފެބުރުވަރީ 2024 - 15:40 0

ގެދޮރުވެރިޔާ ފްލެޓަށް ޝަރުތުހަމަވެ، ފްލެޓު ލިބޭނެ ކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓު މީހުންގެ ޝަރުތުހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމި މައްސަލާގައި ޖަވާބުދާރީ ވުމަށް، ކުރީ ސަރުކާރުގެ އޮފިޝަލުންނަށް އޭސީސީގެ ފުލެޓު ލިސްޓު ދޭން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވީ ސިއްރު ޑޮކިއުމެންޓެއްގެ ގޮތުގައި އޭސީސީގެ ހޯދުންތައް އަދި ޝަރުތުހަމަނުވާ ފަރާތްތަކުގެ ލިސްޓު ހިއްސާކުރުމަށެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީ މެންބަރުންގެ އިއްތިފާގުންނެވެ.

މާދަމާގެ ކޮމިޓީ ބައްދަލުވުމަށް އޭސީސީގެ އޮފިޝަލުންގެ އިތުރުން ހާޒިރުވާނީ ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އޮފިޝަލުންނެވެ. ކުރީ ސަރުކާރުގެ އޮފިޝަލުންގެ ގޮތުގައި ކޮމިޓީއަށް ހާޒިރުވާނީ އޭރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީން އަދި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އާރިފް އެވެ.

ކުރީ ސަރުކާރުން އިއުލާނުކުރި ލިސްޓުގެ ބޮޑު ޕަސެންޓެއްގެ މީހުން ޝަރުތު ހަމަނުވާ ކަމަށް އޭސީސީއިން އިއުލާނުކުރީ ފެބްރުއަރީ 5، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި އޭސީސީއިން ބުނި ގޮތުގައި ފްލެޓުތަކުގެ ދާއިމީ ލިސްޓުގައި ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓެވެ.

ޝަރުތު ފުރިހަމަވީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ތެރޭގައި ގިނައީ ދީފައިވާ މައުލޫމާތުގައި ފުށުއެރުން ހުރި ފޯމުތަކެވެ. އެއީ ޖުމްލަ ފޯމުތަކުގެ 70 ޕަސެންޓެވެ. އޭގެ އިތުރުން ޕޮއިންޓު ދިނުމުގައި މައްސަލަ ހުރި ފޯމުތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވާ ބައެއް ފޯމު ވެސް ހިމެނެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޭން ހުޅުވާލުމާއެކު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް މިދިޔަ އޯގަސްޓު 8 ގައި ނެރުނު ވަގުތީ ލިސްޓުގައި އޮތީ 15،046 މީހުންނެވެ. ސަރުކާރުން ނިންމާފައި ވަނީ ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ފުލެޓް ދިނުމަށެވެ. ނަމަވެސް ކޮންޓްރެކްޓު ކުރެވި މަސައްކަތް ފަށާފައި ވަނީ 4000 ފްލެޓުގެ އެވެ.

ފުރަތަމަ 4،000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ. އެ ސްކީމަށް ތައްޔާރުކުރި ޕޯޓަލްގެ އެކްސެސް ލިބުމުން، މައްސަލަ ތަހުގީގު ކުރުން ގެންދިޔުމަށް ފަހު، މަސައްކަތް އަލުން ފަށަން ކޮމިޝަނުން ހުއްދަ ދިނީ ފެބްރުއަރީ އެކެއްގަ އެވެ.