Advertisement

ނައުޝާދުގެ މަރުގެ ޝަރީއަތް ފަށައި، ދައުވާ ލިބޭ މީހުން ޖަވާބުދާރީވާން ފުރުސަތެއް ދީފި

18 ފެބުރުވަރީ 2024 - 11:21 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނައުއްޓެ މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ފައިހު: ދައުވާއަށް ޖަވާބުދާރީވާން ގާޒީ ވަނީ 10 ދުވަހުގެ ފުރުސަތެއް ދީފައި - ފޮޓޯ: ޕޮލިސް


ނައުޝާދުގެ މަރުގެ ޝަރީއަތް ފަށައި، ދައުވާ ލިބޭ މީހުން ޖަވާބުދާރީވާން ފުރުސަތެއް ދީފި

18 ފެބުރުވަރީ 2024 - 11:21 0

މިދިޔަ އަހަރު ކުރީކޮޅު، މާފަންނު މުރަނގަ މަގުގައި ހުންނަ ކްރާސާ ފިހާރަ ތެރޭގައި ސ. ހިތަދޫ، އިޒުމީރު، އަހުމަދު މުހައްމަދު ދީދީ (ނައުޝާދު/ނައުއްޓެ) މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށައި، ދައުވާއަށް ޖަވާބުދާރީވާން ފުރުސަތެއް ދީފި އެވެ.

އެ މައްސަލާގައި ދައުވާ ކުރަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ފައިހު ހާޒިރުވީ ދިފާއީ ވަކީލަކާއެކު އެވެ. ސިރުހާން ހާޒިރުވީ ވަކީލަކާ ނުލަ އެވެ. ސިރުހާނަށް ކުރިން ވަނީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް ދީފަ އެވެ.

ދައުލަތުގެ ފަރާތުން ސިރުހާނަށް ވަކީލަކު ހަމަޖެއްސުމާ ގުޅޭ ގޮތުން، މައްސަލަ ބައްލަވާ ގާޒީ އައިޝަތު ނުޒުހާ ސުވާލު ކުރުމުން ސިރުހާން ފުރަތަމަ ބުނީ އެ ގޮތް ވެސް އެންމެ ރަނގަޅު ކަމަށެވެ. އެކަމަކު އޭނާ ބޮޑަށް ބޭނުންވަނީ އަމިއްލަ ވަކީލަކު އައްޔަން ކުރަން ކަމަށެވެ.

ދެ ގޮތުން ކުރެ ގޮތެއް އިހުތިޔާރު ކުރަން ގާޒީ އެންގެވުމުން، ސިރުހާން އެދުނީ އަމިއްލަ ވަކީލަކު އައްޔަން ކުރަން އިތުރު ފުރުސަތެއް ދިނުމަށެވެ. ގާޒީ ވަނީ، ސިރުހާން އެދުނު ގޮތަށް އިތުރު 10 ދުވަހުގެ ފުރުސަތެއް ދީފަ އެވެ.

އެއަށް ފަހު، އިދާރީ އަޑުއެހުމެއް ތާވަލުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެއީ ދިފާއަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ހަމައަށް ލިބުނު ކަން ކަށަވަރު ކުރުމަށް ބާއްވާ އަޑުއެހުމެކެވެ. ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީވުން އޮންނާނީ އޭގެ ފަހުން ކަމަށް ވިދާޅުވުމަށް ފަހު މިއަދުގެ އަޑުއެހުން ގާޒީ ނިންމަވައިލެއްވި އެވެ.

ކްރާސާ ފިހާރަ ތެރޭގައި ނައުޝާދަށް ވަޅިން ހަމަލާ ދިނީ މިދިޔަ އަހަރު ފެބްރުއަރީ 24، ވަނަ ދުވަހު 9:30 ހާއިރެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މަރުވީ އޭގެ ތިން ދުވަސް ފަހުންނެވެ.

ފައިހު އާއި ސިރުހާން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، ފައިހުއަކީ މިދިޔަ އަހަރު ޖެނުއަރީ މަހު އަދި ފެބްރުއަރީ މަހު ކުރީކޮޅު، މާލޭގައި ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ފުލުހުން ހޯދަން އިއުލާން ކުރި މީހެކެވެ.

އޭގެ ކުރިން ވެސް އޭނާއަކީ މާރާމާރީގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އަދި މާރާމާރީގެ ދައުވާތަކެއް ވެސް އޭނާގެ މައްޗަށް އުފުލައިގެން، ޝަރީއަތް ކުރިއަށް އެބަ ދެ އެވެ.

ފުލުހުންނަށް ފިލައިގެން މަހަކަށް ވުރެ ގިނަ ދުވަހު އުޅުމަށް ފަހު، ފައިހު އަތުވީ އޭނާ އަމިއްލައަށް ފުލުހުންނަށް ހަވާލު ވުމުންނެވެ. އޭނާ ފޮރުވައިގެން އުޅުނު ކަމަށް ތުހުމަތުކޮށް ދެ މީހެއްގެ މައްޗަށް ދައުވާ ވެސް ކުރި އެވެ.