Advertisement

ލިވަޕޫލާއި އާސެނަލް ކުރިއަށް، ސިޓީ އަށް ޕޮއިންޓެއް

18 ފެބުރުވަރީ 2024 - 10:04 0


ލިވަޕޫލާއި އާސެނަލް ކުރިއަށް، ސިޓީ އަށް ޕޮއިންޓެއް

18 ފެބުރުވަރީ 2024 - 10:04 0

ލަންޑަން (ފެބްރުއަރީ 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި އާސެނަލް ކުޅުނު މެޗުތަކުން މޮޅުވިއިރު، މެންޗެސްޓާ ސިޓީ އަމިއްލަ ދަނޑުގައި 1-1 އިން ޗެލްސީއާ އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ލިވަޕޫލުން ވަނީ ރަށުންބޭރުގައި 4-1 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެެވެ. އާސެނަލުން ވަނީ ބާންލީ ދަނޑުގައި 5-0 އިން މޮޅުވެފަ އެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 25 މެޗުން 57 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 25 މެޗުން 55 ޕޮއިންޓް ލިބިފަ އެވެ، ސިޓީ ތިން ވަނައިގައި އޮތީ 24 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ.

ބްރެންޓްފޯޑް ދަނޑުގައި ލިވަޕޫލްގެ ގޯލުތައް ޖެހީ ޑާވިން ނޫނޭޒް، އަލެކްސިސް މެކް އަލިސްޓާ، މުހައްމަދު ސަލާހު އަދި ކޯޑީ ގަކްޕޯ އެވެ. ބްރެންޓްފޯޑްގެ ލަނޑު ޖެހީ އައިވާން ޓޯނީ އެވެ.

މި މެޗުގައި ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އާއި ކާޓިސް ޖޯންސް އަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފަ އެވެ. ސަލާހު ވަނީ ބެންޗުން އަރައި މި މެޗުގައި ގޯލެއް ޖަހައި، ގޯލެއް ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. މިއީ، ބްރެންޓްފޯޑް، މި ފަހުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ފަހުން، އެ ޓީމު ދަނޑުގައި ލިވަޕޫލް ހޯދި ފުރަތަމަ މޮޅެވެ.

ބާންލީ ކޮޅަށް އާސެނަލްގެ ލަނޑުތައް ޖެހީ، ބުކާޔޯ ސަކާ ދެ ގޯލާއި މާޓިން އޮޑެގާޑް، ލެއަންޑްރޯ ޓްރޮސާޑް އަދި ކައި ހަވާޓްޒް އެވެ. އާސެނަލުން މި ވަނީ ފުރަތަމަ ފަހަރަށް އާ އަހަރެއް ފަށައިގެން ލީގުގައި ކުޅުނު ފަސް މެޗުން މޮޅުވެފަ އެވެ.

ސިޓީ ދަނޑުގައި ރޭ ޗެލްސީން ފުރަތަމަ ހާފުގައި ލީޑުނެގީ، މީގެ ކުރިން ހަތް އަހަރު ސިޓީ އަށް ކުޅުނު ރަހީމް ސްޓާލިން ޖެހި ގޯލުންނެވެ. އޭގެ ކުރިން، ޗެލްސީގެ ނިކޮލަސް ޖެކްސަން އަށް ގޯލު ޖަހަން ލިބުނު ފުރުސަތުގެ ބޭނުންނުހިފުނެވެ.

ނަތީޖާ ހަަަމަހަމަކުރަން ކުރި މަސައްކަތުގައި ސިޓީގެ އާލިން ބްރައުޓް ހާލަންޑް އަތުން ގިނަ ފުރުސަތުތަކެއް ގެއްލުނެވެ. ސިޓީން އެއްވަރުކުރީ މެޗުގެ 83 ވަނަ މިނިޓްގައި ރޮޑްރީ ޖެހި ގޯލުންނެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޓޮޓެންހަމް ހޮޓްސްޕާސް ވަނީ 2-1 އިން ވުލްވްސް އަތުން ބަލިވެފަ އެވެ. ނިއުކާސަލް ޔުނައިޓެޑާއި ބޯންމައުތު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އަދި ފުލަމް ދަނޑުގައި އެސްޓަން ވިލާ މޮޅުވީ 2-1 އިންނެވެ.