Advertisement

އެޗް.ސީ.ޕީ ބެލް އަކީ ކާކު؟

23 ފެބުރުވަރީ 2024 - 07:41 1

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

އެޗްސީޕީ ބެލް


އެޗް.ސީ.ޕީ ބެލް އަކީ ކާކު؟

23 ފެބުރުވަރީ 2024 - 07:41 1

ހެރީ ޗާލްސް ޕަރވިސް ބެލް، ނުވަތަ އެޗް.ސީ.ޕީ ބެލް އުފަންވީ މީލާދީން 1851 ވަނަ އަހަރު އިންޑިއާ އަށެވެ. އެ ދުވަސްވަރު އިންޑިއާގެ ސަބް ކޮންޓިނެންޓު އޮތީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގަ އެވެ. އޭނާގެ ބައްޕައަކީ އެ ދުވަސްވަރު އިންޑިއާގައި ގާއިމުގެ ވެގެންހުރި އިނގިރޭސިންގެ ޖެނެރަލެކެވެ.

އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޝެލްޓެންހަމް ކޮލެޖުގައި މަތީ ތައުލީމު ހާސިލުކުރުމަށްޓަކައި އެޗްސީޕީ ބެލް އިނގިރޭސިވިލާތަށް ދިޔަ އެވެ. އެ ކޮލެޖުގައި ތައުލީމު ހާސިލުކުރުމަށްފަހު، މަތީ ތައުލީމު ކުރުމަށް ޔުނިވަރސިޓީއަށް ދިއުމުގެ ބަދަލުގައި އޭނާ ހިޔާރުކުރީ އިނގިރޭސި ދައުލަތަށް ހިދުމަތްކުރުމަށެވެ. އެދުވަސްވަރު ސިލޯނުވެސް އޮތީ އިނގިރޭސީންގެ ބާރުގެ ދަށުގަ އެވެ. އެހެންވެ، އިނގިރޭސި ދައުލަތަށް ހިދުމަތްކުރައްވަން އޭނާ ފެށްޓެވީ ސިލޯނު ސިވިލް ސަރވިސްގައި ކަސްޓަމްސް އޮފިސަރެއްގެ ހައިސިއްޔަތުންނެވެ. އޭގެ ފަހުން އެގައުމުގައި ޑިސްޓްރިކްޓް ޖަޖެއްގެ ގޮތުގައިވެސް ބެލް މަސައްކަތް ކުރެއްވި އެވެ.

ބެލްގެ ހަގީގީ ޝައުގުވެރިކަން ހުރީ އާކިއޮލޮޖީ އަށެވެ. އޭނާގެ އުމުރުން 40 އަހަރުގައި، މީލާދީން 1890 ވަނަ އަހަރު ސިލޯނުގެ އޮފިޝަލް އަރކިއޮލޮޖިސްޓްގެ މަގާމަށް ބެލް އައްޔަނުކުރެވުނެވެ. އޭނާއާ މަތިކުރެވުނީ މުޅި ސިލޯނުގެ ސާވޭ ހެދުމަށެވެ. އެ މަސައްކަތުގައި ސިލޯނުގެ އެތައް ތަނެއް ކޮނެ، އެތައް ހަޒާނާއެއް އޭނާ ހޯދި އެވެ. އިނގިރޭސި ދައުލަތަށް ވަފާތެރި މި މުވައްޒަފު އޭނާގެ މަސައްކަތުގެ ތެރެއިން ހޯދާ އަގުބޮޑު ހަޒާނާތައް ނަގައި ފޮނުވަނީ އިނގިރޭސިވިލާތަށެވެ.

ފުރަތަމަ ފަހަރަށް ރާއްޖެ އާދެވުން

ބެލް އަށް އެންމެ ފުރަތަމަ ރާއްޖެއަށް އާދެވުނީ، ސިލޯނުގައި ކުރަމުން ދިޔަ މަސައްކަތުގެ ބޭނުމަށް ކުރި ދަތުރެއްގައި، އޭނާ ދަތުރުކުރަމުން ދިޔަ 'ސީގަލް' ނަމަކަށް ކިޔާ އިނގިރޭސި ބޯޓު ބުރުލުފަރަށް އުރުމުންނެވެ. އެއީ މާލެއަތޮޅު ގާފަރު ކައިރީގައި އޮންނަ ފަރެކެވެ. މި ހާދިސާ ހިނގީ މީލާދީން 21 އޮގަސްޓް 1879 ގަ އެވެ. އޭރު ރާއްޖޭގައި ރަސްކަން ކުރައްވަމުން ގެންދެވީ އައްސުލްތާން މުހައްމަދު އިމާދުއްދީން އިސްކަންދަރު (ހަތަރުވަނަ) އެވެ.

މި ހާދިސާ ހިނގުމާއެކު އެ ބޯޓުން ދަތުރުކުރި އެންމެން މާލެ ގެނެސް، އެ މީހެއްގެ ގިންތިއާ އެކަށީގެންވާ ގޮތުން ކޮންމެ މީހަކަށްވެސް މެހެމާންދާރީ އަދާކުރެވި ހިދުމަތްކުރެވުނެވެ. އެޗް.ސީ.ޕީ. ބެލް ހުންނެވީ އަލްމަރުހޫމް ހަސަން ހަކުރާ މަނިކުފާނުންގެ ގޭގަ އެވެ. އެ ދުވަސްވަރަކީ ރަދުންގެ ދަރިކަލުން، އަލްއަމީރު އިބްރާހީމް ނޫރައްދީންއަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެން މާލޭގައި އުފާފާޅުކުރުމުގެ ހަރަކާތްތަކެއް ބާއްވަމުން ދިޔަ ދުވަސްވަރެކެވެ. މި ދުވަސްވަރު ބެލްއަށް އިހުސާސްކުރެވުނީ މުޅި ދުނިޔެއާ އެކަހެރިވެފައި، ދުނިޔޭގެ ލޯތަކަށް ފޮރުވިފައި އޮތް ރާއްޖޭގެ ތާރީހާއި ސަގާފަތުގެ މުއްސަނދިކަމެވެ.

މި ދަތުރުގެ ތަޖުރިބާއިން ބެލްގެ ހިތުގައި ރާއްޖެއާމެދު ޝައުގުވެރިކަން އުފެދުނެވެ. ރާއްޖޭގައި މަޑުކޮށް، އޭނާ ބޭނުންވާ ދިރާސާތައް ހެދުމަށް ބޭނުންވީނަމަވެސް، އޭނާ ސިލޯނުގައި ކުރަމުން ގެންދިޔަ މަސައްކަތްތައް ނިމިފައި ނުވާތީ، މާ ލަސްތަކެއްނުވެ، އެނބުރި ސިލޯނަށް ދަތުރުކުރަން ޖެހުނެވެ. ސިލޯނަށް ދިއުމަށްފަހުވެސް އޭނާގެ ހިތަކުން ރާއްޖޭގެ ހަނދާންތަކެއް ފުހެވި ނުދިޔަ އެވެ. އެހެންވެ، "ދުނިޔެއަށް ގެއްލި، އިހުމާލުކޮށްލެވިފައިވާ މީސްތަކުންނަށް އިންސާފެއްކުޅައުމުގެ މަސައްކަތެއް" ކަމަށް ވިދާޅުވެ، ރާއްޖެއާ ބެހޭ ގޮތުން އޭނާގެ ފުރަތަމަ ފޮތް ލިޔުނެވެ.


ދެވަނަ ދަތުރު

ބެލް ދެވަނަ ފަހަރަށް މާލެ އައީ ސިލޯނުގައި އޭނާ ކުރަމުން ގެންދިޔަ މަސައްކަތް ނިމުމުން، ރިޓަޔަރ ވެގެންނެވެ. އެއީ ފުރަތަމަ ދަތުރުގެ 41 އަހަރު ފަހުން, މީލާދީން 1920 ވަނަ އަހަރު އެވެ. އޭރު ރާއްޖޭގެ ތަހުތުގައި އިންނެވީ މުހައްމަދު ޝަމްސުއްދީން ތިންވަނަ އެވެ. ބެލްގެ ފުރަތަމަ ދަތުރުގައި، އަލްއަމީރު އިބްރާހީމް ނޫރައްދީންއަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެން އެކަމުގެ އުފާ ފާޅުކުރެވުންދިޔަ ވާހަކައެއް އިސްވެ ބަޔާންވެއްޖެ އެވެ. އެ ބޭފުޅަކީ މިހާރު ތަހުތުގައި އެ އިންނެވި، މުހައްމަދު ޝަމްސުއްދީން އެވެ. އޭރު ރާއްޖެ ދެކެމުން ދިޔައީ ޝަމްސުއްދީނުގެ ވެރިކަމުގެ އެންމެ ބާރުގަދަ ދުވަސްތަކެވެ.

ބެލްގެ އުމުރުން އޭރު ވާނީ 69 އަހަރެވެ. ރަދުންނާއެކު އޮތް މާޒީގެ ސަބަބުން އޭނާއަކީ ރަދުންގެ ވަރަށް ބޮޑު މިތުރަކަށް ވެއްޖެ އެވެ. ރާއްޖޭގައި އޭނާ ބޭނުން ކޮންމެ ދިރާސާއެއް ކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދިނުމަށް އޮތީ އަމުރުފުޅު ދެވިފަ އެވެ. ރަދުންގެ 'ފަތުހުލްމަޖީދު' އޭ ކިޔުނު ނައުކޮޅުވެސް އޮތީ ބެލްގެ މަސައްކަތުގައި ބޭނުންކުރުމަށް ދެވިފަ އެވެ. އެ ނައުކޮޅުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކޮށް، އޭނާއަށް ފާހަގަކުރެވުނު ކަންތައްްތައް "ދަ މޯލްޑިވް އައިލަންޑްސް، މޮނޮގްރާފް އޮން ދަ ހިސްޓްރީ، އާކިއޮލޮޖީ، އެންޑް އެޕިގްރަފީ" ފޮތުގައި ލިޔެފައި ވެއެވެ.

ބެލް މާލޭގައި މަޑުކުރާނަމަ އެފަދަ ވަގުތެއްވެސް ހުހަށް ދޫކޮށެއް ނުލަ އެވެ. އެއްފަހަރަކު އޭނާ މާލޭގައި ހުރިހުރުމުގައި ބޭނުންވީ ދިވެހިން ގެދޮރުއެޅުމުގައި ބޭނުންކޮށްއުޅުނު އުކުޅުތަކާއި، ވައްޓަފާޅި ދެނެގަނެ އެކަމުގެ ދިރާސާއެއް ހެދުމަށެވެ. 'ފަތުހުލްމަޖީދު' ގައި ކުރި ދަތުރުތަކުގައި އޮތީ މި ދިރާސާ ފެށިފަ އެވެ. ބެލްގެ މި ބޭނުމުގެ ވާހަކަ ބޮޑެތި ބޭފުޅުންނަށް ދެންނެވުމުން އެ ބޭފުޅުންނަށް އެއްބަސްވެވުނީ މާލޭގައި ހުރި ދަރަވަންދޫގެއަކީ ބެލްގެ ދިރާސާއަށް އެކަށީގެންވާ ތަނަކަށްވާނޭ ކަމަށެވެ. އެ ދުވަސްވަރު އެގޭގައި ދިރިއުޅުއްވަމުން ގެންދެވީ އަލްއުސްތާޒު މުހައްމަދު ޖަމީލު ދީދީގެ ބައްޕާފުޅު، އަބްދުﷲ ދީދީއާއި އެމަނިކުފާނުގެ އާއިލާ އެވެ.

ދަރަވަންދޫގެ ބެލުމަށް ބެލް ކުރި ޒިޔާރަތުގައި ތަރުޖަމާނެއްގެ ގޮތުން ދައުލަތުން ފޮނުއްވީ ވަޒީރު ފެންވަރުގެ ބޭފުޅެކެވެ. ތަރުޖަމާކުރުމަށް ފޮނުވިއެއްކަމަކު އޭނާއަށް އިނގިރޭސިބަސް އެނގިވަޑައިގަންނަވަނީ ކޮންމެވެސް މިންވަރަކަށެވެ.

ބެލް ދަރަވަންދޫގޭތެރޭގެ އެތަން މިތަން ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތް އެކައްޗަކީ މެދުގޭތެރޭގައި ހުރަސްވަކަރަށް އެއްކޮޅު ހިފައި، އަނެއްކޮޅުގައި ބުޅިގަނޑެއް ލާފައި އޮތް ހިމަ ޗޭނުގަނޑެކެވެ. މިއީ ވޮށްބައިނެވެ. ނުވަތަ ވޮށް އަޅުވާން އެލުވާފައި ހުންނަ މަޅި އެވެ. ބެލްއަށް މި ވޮށްބައިނު ފެނުނުއިރު އެއަކު ވޮށެއް އަޅުވާފައެއް ނެތެވެ. އެހެންވެ މިއީ ކޯއްޗެއްތޯ އޭނާ ސުވާލުކޮށްފި އެވެ. ތަރުޖަމާނަކަށް ހުންނެވި ބޭފުޅާ ވިދާޅުވިޔޯލަ އެވެ. 'ދެޓް އިޒް ބައިން. ބައިން ބައިން ވޮށްބައިން" މި ކިޔާ އެއްޗެއް ބެލްއަށް ފަހުމުވާ ވަރުވީ އެ ބައިނުގައި ވޮށް އަޅުވައި ދެއްކުމުންނެވެ. މިއީ މާލެތެރޭގައި އޭރު މަޝްހޫރު ޖޯކަކަށްވެ، މި ވާހަކަ ފަހުން އުސްތާޒު މުހައްމަދު ޖަމީލުދީދީ އެމަނިކުފާނުގެ ދަރިވަރުންނަށްވެސް ވިދާޅުވެދެއްވާކަމަށް ވެއެވެ. މި ހާދިސާ ހިނގިއިރު އުސްތާޒު މުހައްމަދު ޖަމީލުދީދީގެ އުމުރުފުޅުން ވާނީ 5 އަހަރެވެ.

ބެލްގެ މަސައްކަތްތައް

ދިވެހިންގެ ތާރީހަށް ބެލްގެ ހިތް ދޫވިއިރު، އޭނާގެ މަސައްކަތަކުން އަސަރު ފޯރުވީ ހަމައެކަނި ދިވެހި ތާރީހަކަށް ނޫނެވެ. ސިލޯނާއި އިންޑިއާގެ އެކި ރަށްތަކުގެ ތާރީހާ ގުޅޭ ވަރަށް ގިނަ ކަންކަމުގައި ބެލް ހޯދުންތަކަށް ބަރޯސާވެވެ އެވެ.

ރާއްޖެއާ ބެހޭ ގޮތުން ބެލް ލިޔުނު ފޮތްތަކުގެ އިތުރުން ސިލޯނުގެ އަނޫރާދާޕޫރާ ޑިސްޓްރިކްޓްގެ ތާރީހު ކިޔަނީވެސް ބެލްގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އޭނާ ދެކޭގޮތުގައި އަނޫރާދާޕޫރާއަށް އެ ނަން ދެވުނީ ޕްރިންސް ވިޖެއާގެ ދަރުބާރުގައި އުޅުނު 'އަނޫރާދާ' ކިޔާ ވަޒީރަކަށް ނިސްބަތްކޮށެވެ. އެއީ މީލާދުގެ 500 އަހަރު ކުރި އެވެ. އަނޫރާދާޕޫރަކީ މިހާރު ހެރިޓޭޖްސައިޓެކެވެ. އެތަނުގެ ތާރީހު ދެނެގަތުމަށްޓަކައި އެތަނުގެ މެތަޑަލޮޖިކަލް އެކްސްކަވޭޝަންއެއް ފުރަތަމަ ފަހަރަށް ހިންގީ މީލާދީން 1890 ވަނަ އަހަރު ސީދާ ބެލްގެ ބެލުމުގެ ދަށުންނެވެ. ސިލޯނުގެ ތާރީހުގެ މުހިންމު ތަނަކަށް އަނޫރާދާޕޫރާ ވެގެންދިޔައީ މި ހޯދުމުގެ ސަބަބުންނެވެ.

ބެލްގެ ހޯދުންތަކުން އެނގުނު ގޮތުގައި، މީލާދުގެ ދިހަ ގަރުނު ކުރިން އަނޫރާދާޕޫރާގައި ހަޟާރަތެއް ގާއިމުވެފައި އޮތެވެ. އެއީ އެޒަމާނުގައި ސިލޯނުގެ އުމްރާނީ މަރުކަޒެވެ. އެތަނުގެ ބިނާރުތަކުގެ ފަރުމާތަކާއި، ލިޔުންތަކުން އެކަމުގެ ހެކި ފެންނާން ހުއްޓެވެ.

ރާއްޖޭގެ ތާރީހަށް ބަލާއިރު، ބެލްގެ ހޯދުންތަކަކީ އައްވަލު މަސްދަރުގެ ގޮތުގައި ބަރޯސާ ވެވޭކަށް ނެތެވެ. ޕިރާޑާއި އިބުނުބަތޫތާގެ ލިޔުންތަކާއި، ރާއްޖޭގައި ހުރި އާސާރުތަކާ ގުޅޭ ގޮތުން ލިޔެފައި ހުރި ލިޔުންތަކާއި ދެކެވޭ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ބެލްގެ ދިރާސާތަކުގައި ހުރި ލަފާކުރުންތަކަކީ ޝައްކެއްވެސްނެތްގޮތުގައި ތާރީހަށް ލިބުނު މުއްސަނދި ކަމެކެވެ. އެހެންނަމަވެސް، އެއީ ތާރީހު ކިޔާން ބަރޯސާވެވޭނޭ ހަމައެކަނި މަސްދަރަކަށް ނުވެއެވެ.

އިއްތިފާގަކުން ދަތުރުކުރެވުނު މަންޒިލަކަށް ބެލްގެ ހިތްދޫވި ދޫވުމަކީ ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތަށް ލިބުނު ނަސީބެކެވެ. ރާއްޖެއާމެދު އުފެދުނު ޝައުގުވެރިކަމުގައި ބެލް ލިޔުނު ފޮތްތަކާއި އޭނާގެ މަޒުމޫނުތަކަކީ ރާއްޖޭގެ އެހާރާއި މިހާރުގެ މަންޒަރުތައް އަޅާކިޔާން އަޅުގަނޑުމެންނަށް ލިބުނު ފުރުސަތެކެވެ. އޭރު ދުށްތަނުގެ މަންޒަރުތައް ހުރި ގޮތަށް ބެލްގެ ލިޔުންތަކުގައި ހުރިއިރު، އެ މަންޒަރުތައް އެކަށީގެންވާ ގޮތެއްގައި ދިރާސާކޮށް ފެތުރުމުގެ ޒިންމާ މިހާރު މިއޮތީ އަޅުގަނޑުމެންގެ މި ޖީލަށެވެ.