Advertisement

އިންޓަ އަށް އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް

17 ފެބުރުވަރީ 2024 - 13:28 0


އިންޓަ އަށް އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް

17 ފެބުރުވަރީ 2024 - 13:28 0

މިލާން (ފެބްރުއަރީ 17) - ސެލަނިޓާނާ އަތުން 4-0 އިން މޮޅުވެ، އިންޓަ މިލާނުން، އިޓާލިއަން ލީގުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އިންޓަ، އެއް ވަނައިގައި އޮތީ، 24 މެޗުން 63 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ 24 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނަށް 24 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އިންޓަ އިން ފުރަތަމަ ހާފުގައި ވަނީ ތިން ލަނޑު ޖަހައިފަ އެވެ. މެޗުގެ 17 ވަނަ މިނިޓްގައި މާކަސް ތުރާމް، އިންޓަ އަށް ލީޑުނަަގައިދިނީ ހުރަހަކުން ތަނަވަސްވި ފުރުސަތެއްގަ އެވެ. އޭގެ ދެ މިނިޓް ފަހުން، ލަޓާރޯ މާޓީނޭޒް ވަނީ އިންޓަ އަށް ލީޑުފުޅާކޮށްދީ، އޭނާ ސީޒަނުގައި ޖެހި 20 ވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ.

ފުރަތަމަ ހާފުގައި އިންޓަ އިން ގިނަ ހަމަލާތަކެއް ފޮނުވާލި މި މެޗުގައި، އެ ޓީމުން ވަނީ 40 ވަނަ މިނިޓްގައި ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ފުލްބެކް، ޑެންޒެލް ޑަމްފްރީސް އެވެ.

މެޗުގެ އިތުރު ވަގުތުގައި އިންޓަ އިން ހަތަރު ވަނަ ގޯލު ޖެހީ، ޑަމްފްރީސް ދިން ބޯޅައަކުން، މާކޯ އާނައުޓޮވިޗް އެވެ.

އިންޓަ އިން ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ، އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑާ ކުޅޭ މެޗެވެ.

ރޭގެ މެޗަށް ފަހު، އިންޓަގެ ކެޕްޓަން، މާޓީނޭޒް ބުނީ، ލީގުގެ މެޗުތަކުގައި ރަނގަޅު ފޯމެއްގައި ކުޅުމަކީ، ޗެމްޕިއަންސް ލީގަށް ޓީމުގެ ހާލަތު ރަނގަޅުވާ ކަމެއް ކަމަށެވެ. އަދި އުންމީދަކީ ޗެމްޕިއަންސް ލީގުގައި މި ފަހަރު ވެސް ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށް މާޓީނޭޒް ވަނީ ބުނެފަ އެވެ.