ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ، ކުއީންސް ބާސްކެޓްބޯލް ކްލަބުން ހޯދައިފި އެވެ.
ކުއީންސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ރޭ އެލީޓް ސްޕޯޓްސް ކްލަބްގެ މައްޗަށް 81-44 އިންނެވެ. ސެމީ ފައިނަލް ދެ ވަނަ މެޗުގައި، ރޭ އެންމެ ފަހުގެ ޗެމްޕިއަން، ސައިކްލޯން ބާސްކެޓްބޯލް ކްލަބް ވަނީ ލަޔަނެސް އަތުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ. ލަޔަނެސް މޮޅުވީ، 51-47 އިންނެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ތިން ވަނަ ސެމީގައި، ލަޔަނެސް އާއި އެލީޓް ކުޅޭ މެޗުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެެރެ ކޯޓުގައި ރޭ ކުއީންސް އިން ކުޅުނު މެޗުގައި، އެ ޓީމުން ފުރަތަަމަ ކުއާޓަރުން ފެށިގެން މެޗުގެ ކޮންޓްރޯލް ނެގި އެވެ. އެ ޓީމަށް ރޭގެ މެޗުގައި ހަތަރު ކުޅުންތެރިއަކު ވަނީ ތަފާތު ސްކޯރިން އެއް ދަމަހައްޓައިފަ އެވެ. އެ ގޮތުން، އައިމިނަތު އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ)، 19 ޕޮއިންޓް އެއްކުރިއިރު، ރައިފާ އިބްރާހިމް އާއި ފާތިމަތު ރިޝްމާ (ރިޝްޓޯ) ކޮންމެ ކުޅުންތެރިއަކު، 17 ޕޮއިންޓް ސްކޯކުރި އެވެ. އަދި އައިމިނަތު ޝިއުރާ އަބްދުލް ބާރީ ވަނީ 16 ޕޮއިންޓް ހޯދައިފަ އެވެ.
ދެ ވަނަ ސެމީގައި، ސައިކްލޯންގެ މައްޗަށް ލަޔަނެސް ކުރިހޯދިއިރު، ދެ ކުޅުންތެރިއަކު ވަނީ ތަފާތު ފޯމެއްގައި ކުޅެފަ އެވެ. އެ ގޮތުން، ލަޔަނެސްގެ ކަލްސަމް ކައިނާ ނިމާލް 18 ޕޮއިންޓް ސްކޯކުރިއިރު، ސާރާ ޒާޝާ ޒަަކަރިއްޔާ ވަނީ 14 ޕޮއިންޓް ސްކޯކޮށްފަ އެވެ.
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތިން ވަނަ ސެމީ ދެ މެޗު މިރޭ ކުޅޭނެ އެވެ. އެ ގޮތުން، ފުރަތަމަ 19:00 ގައި ކުޅޭނީ، އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގައި، ލަޔަނެސް އާއި އެލީޓް އެވެ. އަދި މިރޭ 21:30 ގައި، ފިރިހެން ޑިވިޝަނުގެ ތިން ވަނަ ސެމީގައި، ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބާއި ކިންގްސް ބާސްކެޓްބޯލް ކްލަބް ކުޅޭނެ އެވެ.
Comment