Advertisement

ޕީއެންސީއިން ތާއީދުނުކުރި މަހާ، ގައްދޫ ދާއިރާއަށް ވާދަނުކުރަން ނިންމައިފި

17 ފެބުރުވަރީ 2024 - 14:52 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޕްރައިމެރީގައި ވާދަކޮށް ޓިކެޓް ހޯދި މުހައްމަދު ޝަފީގު (މަހާ)


ޕީއެންސީއިން ތާއީދުނުކުރި މަހާ، ގައްދޫ ދާއިރާއަށް ވާދަނުކުރަން ނިންމައިފި

17 ފެބުރުވަރީ 2024 - 14:52 0

ވެރިކަންކުރާ ޕްރޮގްރެސިވް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ)ގެ ޕްރައިމަރީ ގައި ވާދަކޮށް ޓިކެޓު ކާމިޔާބުކުރި ނަމަވެސް، ޕާޓީގެ ތާއީދު ނުލިބުނު ކެންޑިޑޭޓު މުހައްމަދު ޝަފީގު (މަހާ)، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަނުކުރަން ނިންމައިފި އެވެ.

ޕީއެންސީގެ ޕްރައިމަރީ ގައި ޝަފީގުއާ ވާދަކޮށް ނާކާމިޔާބުވުމުން އަމިއްލަ ގޮތުން ވާދަކުރަން އޭރު ނިންމި މުހައްމަދު އަލީގެ ކެމްޕޭނުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންވެސް ބައިވެެރިވި އެވެ. ޝަފީގުގެ ނަން ނެގުމާ އެކު މުހައްމަދު އަލީއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ދީފައި ވެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު ވަނީ މުހައްމަދު އަލީ އަމިއްލަ ގޮތުން ވާދަކުރަން ނިންމުމުން ވެސް، އެރަށަށް ވަޑައިގެން ކެމްޕޭނުގައި ބައިވެރިވެފަ އެވެ.

މިނިސްޓަރު ޝަފީއުއާ އާއިލީ ގޮތުން ގުޅުން އޮންނަ، މުހައްމަދު އަލީ ވަނީ އަމިއްލަ ގޮތުން ކުރިމަތިލައި އޭނާއަކީ ސަރުކާރު އެންޑޯޒް ކުރާ ކެންޑިޑޭޓު ކަމަށް އެ ދާއިރާގެ ރައްޔިތުން ގާތު ބުނެ ކެމްޕޭނު ފަށައިފަ އެވެ.

އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވާހެން 13 ބޭފުޅަކަށް ޕްރައިމެރީއަކާ ނުލާ ޕްރޮގްރެސިވް ކޯލިޝަނުގެ ޓިކެޓު ދިނެވެ. ނަމަވެސް ޕްރައިމެރީގައި ވާދަކޮށް އިންތިހާބުވި 72 ކެންޑިޑޭޓުންގެ ތެރޭގައި، ޕާޓީއިން ތާއީދު ނުކުރި ކެންޑިޑޭޓުން ހިމެނެ އެވެ. މިފަދަ ކެންޑިޑޭޓުން ޕީއެންސީގެ ޓިކެޓު ދޫކޮށްލައި، އަމިއްލަ ގޮތުން ކުރިމަތިލާކަމަށް މައުލޫމާތު ލިބެ އެވެ.

ޖެނުއަރީ 27ގައި ބޭއްވި ޕްރޮގްރެސިވް ކޯލިޝަނުގެ ޕްރައިމެރީގެ ކުރިން، އެކަށީގެންވާވަރަށް ޕާޓީއަށް ހިދުމަތްކޮށްދީފައި ނުވާތީ އާއި ޕާޓީ ތެރޭގައި ފިތުނަ އުފައްދަން މަސައްކަތް ކުރި ކަމަށް ބުނެ ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލުކުރި އެވެ. އެއީ ޕްރައިމެރީއަށް ނުފޫޒު ފޯރުވުމަށް ކުރިކަމެއް ކަމަށް ތުހުމަތުކޮށް ބައެއް ކެންޑިޑޭޓުން ޕާޓީން ވެސް ވަކިވި އެވެ.