Advertisement

ދަރިވަރުންނަށް އަސްލަމް ދެއްވި މި ނަސޭހަތް އެންމެން އަޑުއަހާލުން މުހިއްމު!

17 ފެބުރުވަރީ 2024 - 08:45 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އައްޑޫގައި ބޭއްވި "އިންޓަ ސްކޫލް އެތްލެޓިކްސް މީޓް"ގެ ނިންމުން ފާހަގަ ކުރަން އެ ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ދަރިވަރުންނަށް އަސްލަމް ދެއްވި މި ނަސޭހަތް އެންމެން އަޑުއަހާލުން މުހިއްމު!

17 ފެބުރުވަރީ 2024 - 08:45 1

އައްޑޫގައި ބޭއްވި "އިންޓަ ސްކޫލް އެތްލެޓިކްސް މީޓް"ގެ ނިންމުން ފާހަގަ ކުރަން އެ ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންނަށް އަގުހުރި ނަސޭހަތްތަކެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ދޫކޮށްލެއްވީ، މުދަރިސް ކަމާއި ޕްރިންސިޕަލްގެ ދައުރުގެ ހަނދާނާއި، އަދި ސިޔާސީ ތަޖުރިބާއާއެކު އެވެ.

ރާއްޖެއަށް މި އައި ބަދަލު، ހާއްސަކޮށް ސިޔާސީ ޕާޓީތަކުގެ ނިޒާމުން ގެނައި ހެވާއި ނުބައި އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ވިދިވިދިގެން ހަތަރު ވަނަ ދައުރެއްގައި ކުރައްވަމުން ގެންދަވާ އަދި މިފަހަރު ވެސް އެ ދާއިރާ އަށް ވާދަކުރައްވާ އަސްލަމް އެވެ.

ގިނަ އަދަދެއްގެ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން ކުލަކުލައިގެ ހެދުމުގައި ޖަމާވެފައިވާ އެ ބޮޑު ރަސްމިއްޔާތުގައި އަސްލަމް އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ކުޅިވަރުން ދަސްކޮށްދޭ އަހުލާގާއި މުޖުތަމައެއްގައި ހުންނަންޖެހޭ ރިވެތި އާދަތަކުގެ މުހިއްމު ކަމަށެވެ. ރިވެތި އަހުލާގާއި އަދާތަކަކީ ތައުލީމީ ހަޔާތުގެ މުހިއްމު ބިންގަލެކެވެ. ނަމަވެސް ދިވެހިންގެ ކުރީގެ ރިވެތި ބައެއް އާދަތަކާ މިހާރު ދުރަށް ޖެހިއްޖެ ކަމަށް އަސްލަމް ފާހަގަ ކުރެއްވި އެވެ.

އައްޑޫގައި ބޭއްވި އެތުލެޓިކްސް މީޓުގައި ބައިވެރިވި ދަރިވަރުން. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


"އެއްކަމަކީ އެކަކު އަނެކަކަށް އިހުތިރާމާއެކު މުއާމަލާތް ކުރުމުގެ އާދަތައް. ވާދަވެރިކަމަކީ، ހިޔާލު ތަފާތުވުމަކީ ނަފުރަތާއި ރުޅިވެރިކަން އިސްކުރަންޖެހޭ ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ދަރިވަރުންނަށް ދެއްވި ނަސޭހަތަކަށް ވިޔަސް، މިއީ އެންމެން ވެސް ވިސްނަންޖެހޭ ކަމެކެވެ. ރިޔާސީ އިންތިހާބުން އުފެދުނު ޒަހަމްތައް މުޅިން ރަނގަޅު ނުވެ، އަދި ބައެއް މައްސަލަތައް ގޯހުން ގޯހަށް ދާއިރު، ސިޔާސީ ތަސްވީރު ޒުވާން ޖީލަށް ކުރަހައިދީފައި ވަނީ ހުތުރުކޮށެވެ. އެއީ އެ ތަސްވީރު އޮންނަވީ ގޮތެއް ނޫނެވެ. އަހަރެމެން ކުލަ ޖެއްސި ގޮތެވެ.

އެހެންވެ، ސިޔާސީ ހަރަކާތްތަކުން ފެނިގެން ދަނީ ނަފުރަތާއި ރުޅިވެރިކަމެވެ. ހިޔާލު ތަފާތުވުން އޮންނަންޖެހޭ ކަމަށް ބުންޏަސް ޖާގަ ނެތުމެވެ. ޖާގަ ދޭން ވެސް ބޭނުން ނުވުމެވެ. އޮޅުވައިލުމާއި މަކަރެވެ. އިދިކޮޅުގައި އޮންނައިރު ދެކި ވާހަކަ ވެރިކަމުގައި ހަނދާން ނެތުމެވެ. އަދި އެކަންކަމަށް ވެސް ތައުރީފުކޮށް އަތްޖެހުމެވެ.

އެހެންވެ، އަސްލަމް ދެއްވި ނަސޭހަތަކީ މިއެވެ؛

"ހިޔާލު ތަފާތުވުމުގެ ތެރޭގައި ދިރިއުޅެން ދަސްކުރަންޖެހޭ. އަދި މި ދިރިއުޅުމާ އެކުގައި އަޅުގަނޑުމެން ގައުމު ދެކެ ލޯބިވާ ދަރިތަކެއްކަމުގައި ވާންޖެހޭ،"

އައްޑޫގައި ބޭއްވި "އިންޓަ ސްކޫލް އެތްލެޓިކްސް މީޓް"ގެ ނިންމުން ފާހަގަ ކުރަން އެ ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގެތެރެއިން. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ކުޅިވަރުން ދަސްކޮށްދޭ އެންމެ މުހިންމު ފިލާވަޅާއި ލިބޭ ތަރުބިއްޔަތަކީ ބަލިވުމުން ބަލި ގަބޫލުކުރުމާއި އާ ހިތްވަރަކާއި އާ ޖޯޝަކާއެކު ދެން އަންނަ މުބާރާތަކަށް ތައްޔާރުވުމުގެ ރޫހު އުފެއްދުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެއީ ދުނިޔެވީ އެހެން ކަންކަމުގައި ވެސް މުހިއްމު ހުނަރެކެވެ. އަދި މޮޅުވި ދަރިވަރުން އެ މޮޅަށް ބޮޑާނުވެ، ބަލިވި ފަރާތްތައް ވެސް ބަލައިގަތުމާއެކު ލިބުނު މޮޅު ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މިއީ އަސްލުގައި ކުޅިވަރުގައި ދަސްކޮށްދޭ މުހިއްމު ފިލާވަޅުތަކެއް. މި ފިލާވަޅުތަކަކީ ތިޔަ ދަރިވަރުން މާދަމާ ސްކޫލު ނިންމާފައި އެކިއެކި ފަންނުތަކުގައި މަސައްކަތްކުރާއިރު އެ މަސައްކަތު މާހައުލުގައި ވެސް ވަރަށް މުހިއްމު، ދަސްވެ އަށަގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށް އަޅުގަނޑު ދެކެން،" އަސްލަމް ވިދާޅުވި އެވެ.

ކުޅިވަރު މުބާރާތްތަކުން އުފެދޭ ގުޅުންތައް ދެމެހެއްޓުމުގެ މުހިއްމުކަން ފާހަގަ ކުރެއްވުމަށް އަސްލަމްގެ ހަނދާނުގެ ޓޭޕް ހުއްޓައިލެއްވީ 28 އަހަރު ކުރިއަށެވެ. އެ މަނިކުފާނަކީ އޭރު އައްޑޫ ސްކޫލެއްގެ ޕްރިންސިޕަލެކެވެ. މާލޭން ބޭރުގައި ބޭއްވި ފުރަތަމަ އެތްލެޓިކްސް މުބާރާތް އައްޑޫގައި ބޭއްވި އެވެ. އެ މުބާރާތުގައި ބައިވެރިވީ އެންމެ ދެކުނުގެ ހަތަރު އަތޮޅުންނެވެ.

އެ މުބާރާތުގައި ބައިވެރިވުމަށް އައްޑުއަށް ޒިޔާރަތްކުރި އެހެން އަތޮޅުތަކުގެ ސްކޫލުތަކުގެ ވެރިންނާއި ދަރިވަރުންނާއެކު އުފެދުނު ގުޅުން މިހާރު ވެސް ދަމަހައްޓަވާ ކަމަށް އަސްލަމް ފާހަގަ ކުރެއްވީ، ދޭދޭ ގުޅުމަކީ ދާއިމަށް ވެސް މުހިންމު، އަދި ބޭނުންތެރި ކަމެއްކަން ދަރިވަރުންނަށް ވިސްނައި ދެއްވުމަށެވެ.


"ދަރިވަރުންނަށް ވެސް މުދައްރިސުންނަށް ވެސް އަދި އެންމެހާ އޮފިޝަލުންނަށް ވެސް، މިފަދަ މުބާރާތަކުން، 31 ސްކޫލުން އެތައް ރަށަކުން މި ބައިވެރިވި އެންމެހާ އޮފިޝަލުންނާއި މި ބޭއްވުނު ގުޅުން ގާތްކަން ދާއިމަށް ބާއްވާށޭ. ވަކިން ހާއްސަކޮށް ދަރިވަރުންނަށް ތިޔަ ލިބުނު އެހެނިހެން ރަށްރަށުގެ އެހެނިހެން ސްކޫލުތަކުގެ ދަރިވަރުންނާ އެކުވެ މި ލިބުނު ގާތްގުޅުން ދާއިމަށް ބާއްވާށޭ،" އަސްލަމް ނަސޭހަތް ދެއްވި އެވެ.

އެއީ ވަޒީފާގެ މައިދާނަށް ވެސް މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ކުޅިވަރު މުބާރާތްތަކަކީ އަމިއްލަ ނަފުސުގެ އިތުބާރު ވަރުގަދަ ވުމަށް ލިބޭ ބާރެއް ކަމާއި އެއީ މަސައްކަތުގެ މާހައުލަށް ނުކުންނައިރު ވެސް މުހިންމު ކަމެއްގެ ގޮތުގައި އަސްލަމް ފާހަގަ ކުރެއްވި އެވެ. މިފަދަ ފިލާވަޅުތަކުގައި ހިފެހެއްޓުން މުހިއްމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.