Advertisement

ސިންގަޕޯ އެއާލައިންސްއިން 5.9 މިލިއަން ރިންގިޓުގެ ބަދަލެއް ހޯދަން ކެބިންކުރޫއަކު ދައުވާކޮށްފި

16 ފެބުރުވަރީ 2024 - 18:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސިންގަޕޯ އެއާލައިންސްގެ މަތިންދާބޯޓެއް: ދުނިޔޭގެ އެއް ނަމްބަރު އެއާލައިންގެ ލަގަބު އެކިފަހަރުމަތިން މި އެއާލައިނަށް ލިބިފައިވޭ --


ސިންގަޕޯ އެއާލައިންސްއިން 5.9 މިލިއަން ރިންގިޓުގެ ބަދަލެއް ހޯދަން ކެބިންކުރޫއަކު ދައުވާކޮށްފި

16 ފެބުރުވަރީ 2024 - 18:00 0

ސިންގަޕޯ އެއާލައިންސްގައި މަސައްކަތްކުރި މެލޭޝިއާގެ ކެބިންކްރޫއެއް އެ އެއާލައިނުން 5.9 މިލިއަން ރިންގިޓް (1.7 މިލިއަނެއްހާ ޑޮލަރު) ގެ ބަދަލެއް ހޯދަން ދައުވާކޮށްފި އެވެ.

ސިންގަޕޯ އެއާލައިންސްގެ މައްޗަށް ދައުވާ ކުރީ 2021 ގެ ނިޔަލަށް އެ އެއާލައިންގައި މަސައްކަތް ކުރި އުމުރުން 36 އަހަރުގެ ދުރައިރާޖް ސަންތިރާން އެވެ.

ދުރައިރާޖް ސިންގަޕޯ އެއާލައިންސްގެ މައްޗަށް ދައުވާ ކުރީ، ސެޕްޓެމްބަރު 6، 2021 ގައި ސެން ފްރެންސިސްކޯ އިން ސިންގަޕޫރަށް ކުރި ދަތުރުގައި ފްލައިޓަށް ވެއްޓި ހިނގި ހާދިސާގައި އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

މިގޮތުން ދުރައިރާޖްއަށް ލިބުނު ގެއްލުމަކީ ފްލައިޓުގެ އިކޮނޮމީ ކްލާސް ހިމެނޭ ސަރަހައްދަށް އެޅިފައި ހުރި ތެލުގެ މައްޗަށް އަރައި ވެއްޓި ލިބުނު އަނިޔާތަކެއް ކަމަށާއި، އެ ހާދިސާއަށް ފަހު ދިމާވި ސިއްހީ މައްސަލަތަކާ ގުޅިގެން އޭނާ އަނބުރާ ކެބިންކްރޫއަކަށް ވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް، އޭނާގެ ދައުވާގައި ބުނެފައިވެ އެވެ.

"ފްލައިޓް ތެރެ ހުރީ ސާފުކުރަން ޖެހޭ ވަރަށް ސާފު ނުކޮށް. އޭގެ ސަބަބުން އަހަރެން ވެއްޓި ބޯޖެހުމުގެ އިތުރުން މައިބަދައަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައި. އަހަރެންނަށް ދެން ފްލައިޓް އެޓެންޑެންޓަކަށް މަސައްކަތެއް ނުކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނި" ދުރައިރާޖް ބުނި އެވެ.

މި މައްސަލައާ ގުޅިގެން ފުރަތަމަ އަޑުއެހުން ބާއްވާފައިވާއިރު، ދުރައިރާޖްގެ ވަކީލުން ވެސް ވަނީ ފްލައިޓްގެ ސާފުތާހިރުކަން ރަނގަޅަށް ބަލަހައްޓާފައި ނުވާކަން ފާހަގަކޮށް އެއާލައިނުން މުވައްޒަފުންގެ ރައްކާތެރިކަމަށް އިސްކަން ދީފައި ނުވާ ކަމަށް ބުނެފަ އެވެ.

ދުރައިރާޖް މިހާރު މަސައްކަތް ކުރަމުން އަންނަނީ މެލޭޝިއާގައި ކަސްޓަމާ ކެއާ އެނަލިސްޓެއް ގޮތުގަ އެވެ.