Advertisement

ޓީރެކްްސް ގައުމީ ފައިނަލަށް، ތިން ވަނަ ސެމީގައި ކިންގްސް އާއި ރެޑްވިންގްސްގެ ކުރިމަތިލުމެއް

16 ފެބުރުވަރީ 2024 - 09:28 0

ކިންގްސް އާއި ޓީރެކްސް ރޭ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު


ޓީރެކްްސް ގައުމީ ފައިނަލަށް، ތިން ވަނަ ސެމީގައި ކިންގްސް އާއި ރެޑްވިންގްސްގެ ކުރިމަތިލުމެއް

16 ފެބުރުވަރީ 2024 - 09:28 0

ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުން މޮޅުވެ، ޓީރެކްސް ބާސްކެޓްބޯލް ކްލަބް ގައުމީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދިއިރު، އެ ޓީމު އަތުން ބަލިވި އެންމެ ފަހުގެ ޗެމްޕިއަން، ކިންގްސް ބާސްކެޓްބޯލް ކްލަބުން ތިން ވަނަ ސެމީގައި ރެޑްވިންްގްސް ބާސްކެޓްބޯލް ކްލަބާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ގައުމީ ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީރެކްސް އިން ރޭ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު ފުރަތަމަ ސެމީގައި ކިންގްސް ބަލިކުރީ، 78-67 އިންނެވެ. ލީގު ބުރުގެ ފުރަތަމަ މެޗުން، ޓީރެކްސް އިން ކިންގްސް ބަލިކުރިއިރު، ދެ ވަނަ ބުރުގައި، ކިންގްސް އިން ވަނީ ޓީރެކްސްގެ މައްޗަށް ކުރިހޯދައިފަ އެވެ. އެހެންކަމުން، ރޭގެ ނަތީޖާ އަކީ، ޓީރެކްސް އަށް ހޯދުނު ރަނގަޅު މޮޅެކެވެ.

މި މެޗުން ޓީރެކްސް މޮޅުވުމުގައި، ފުރަތަމަ ތިން ކުއާޓަރުގައި އެ ޓީމުން އެވްރެޖްކޮށް ދެމެހެއްޓި، ސްކޯރިން ރޭޓް ރަނގަޅު ދައުރެއް އަދާކުރި އެވެ. އެ ގޮތުން، މީގެ ތެރެއިން ކޮންމެ ކުއާޓަރެއްގައި ވެސް ސްކޯ އުޅުނީ 20 ޕޮއިންޓް ނޫނީ އެ އަށް ވުރެ މަތީގަ އެވެ. ފުރަތަމަ ކުއާޓަރު ނިމުނުއިރު، ތިން ޕޮއިންޓުގެ ލީޑެއް ނެގި، ޓީރެކްސް އިން މުޅި މެޗަށް ބަލާއިރު ވެސް އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންގެ އެހީއާ އެކު ރަނގަޅަށް ކުޅުނެވެ.

ޓީރެކްސް އަށް ރޭގެ މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 21 ޕޮއިންޓް އެއްކޮށްދިން، ޒަކަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ) އެވެ. ޓީމުގެ ކެޕްޓަން، އިސްމާއިލް ވިލްދާން ޔޫސުފް، 16 ޕޮއިންޓް އެއްކުރިއިރު، އަހުމަދު ފިރާޝް ވަނީ 13 ޕޮއިންޓް ސްކޯކޮށްފަ އެވެ. ކިންގްސްގެ އަލްދާން އައިކް ރަމީޒް، 17 ޕޮއިންޓް ސްކޯކުރިއިރު، އެ ޓީމުގެ ކެޕްޓަން، އަބްދުﷲ އަމްޒަރު ވަނީ 13 ޕޮއިންޓް އެއްކޮށްފަ އެވެ.

ރެޑްވިންގްސް އާއި ރެޕްޓާސް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު


ދެ ވަނަ ސެމީގައި ރޭ ރެޑްވިންގްސް އިން ވަނީ، 65-58 އިން ރެޕްޓާސް ބާސްކެޓްބޯލް ކްލަބް ބަލިކޮށްފަ އެވެ. މި މެޗުގައި، ރެޑްވިންގްސްގެ ހަސަން ނަދީމް 16 ޕޮއިންޓް ސްކޯކުރިއިރު، އަހުމަދު ލައިލް ޝިފާން ވަނީ 14 ޕޮއިންޓް ސްކޯކޮށްފަ އެވެ. ރެޕްޓާސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ، 16 ޕޮއިންޓް ސްކޯކުރި މުހައްމަދު އައިކް ވަޖީހު އެވެ.

ރެޑްވިންގްސް އާއި އެންމެ ފަހުން ތިން ފަހަރުގެ ގައުމީ ޗެމްޕިއަން، ކިންގްސް ކުޅޭ ތިން ވަނަ ސެމީ އޮންނާނީ މާދަމާރޭ 21:30 ގަ އެެެވެ.

ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް މިރޭ ފަށާއިރު، ފުރަތަމަ ސެމީގައި، ލީގު ޗެމްޕިއަން، ކުއީންސް ބާސްކެޓްބޯލް ކްލަބާއި އެލީޓް ސްޕޯޓްސް ކްލަބް ކުޅޭ މެޗު ފަށާނީ މިރޭ 19:00 ގަ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލުން ޖާގަ ހޯދާއިރު، ބަލިވާ ޓީމެއް ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީގައި މިރޭ، 21:30 ގައި ލަޔަނެސް އާއި ސައިކްލޯން ބާސްކެޓްބޯލް ކްލަބް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.