Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މުދާ އަރުވައި ބޭލުމަށް އެޗްޑީސީން ވަގުތީ ޖެޓީއެއް ގާއިމުކޮށްފި

15 ފެބުރުވަރީ 2024 - 20:57 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ހުޅުމާލެ ދެވަނަ ފިޔަވަހީގައި މުދާ އަރުވައި ބޭލުމަށް އެޗްޑީސީން ވަގުތީ ޖެޓީއެއް ގާއިމުކޮށްފި

15 ފެބުރުވަރީ 2024 - 20:57 0

ހުޅުމާލެއަށް މުދާ އަރުވައި ބޭލުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޗްޑީސީން އިސްނަގައިގެން ވަގުތީ ޖެޓީއެއް ގާއިމުކޮށްފި އެވެ.

އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވަގުތީ ޖެޓީ ގާއިމު ކޮށްފައި ވަނީ ދެވަނަ ފިޔަވަހީގައި ކަމަށާއި ޖެޓީ ގާއިމު ކުރުމުގެ މަގުސަދަކީ ހުޅުމާލޭގެ ތަރައްގީގެ މަސައްކަތުގައި އުޅޭ ފަރާތްތަކާއި އެހެނިހެން ވިޔަފާރިތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.

އެ ޖެޓީ ބޭނުންކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ "މައި ހުޅުމާލެ" ޕޯޓަލް މެދުވެރިކޮށް ޖާގަ ކަށަވަރު ކުރުމަށް އެ ކޯޕަރޭޝަނުގެ އިއުލާނުގައި އެދިފައިވެ އެވެ. އެޗްޑީސީން ގާއިމުކުރި ވަގުތީ ޖެޓީ ބޭނުން ކުރަން ފެށޭނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް މިއަދު ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ޖެޓީ ބޭނުން ކުރާ ފަރާތްތަކުން ދައްކަންޖެހޭނެ އަގުތައް ވެސް މިއަދުގެ އިއުލާނާ އެކު އެޗްޑީސީން އާންމުކޮށްފައިވެ އެވެ. އެގޮތުން ޖެޓީއަށް ކައިރި ކުރުމަށް އެންމެ ކުޑަ އަގެއް ދައްކަންޖެހެނީ 500 ޓަނަށްވުރެ ކުދި އުޅަނދުފަހަރެވެ. އެންމެ ބޮޑު އަގެއް ދައްކަން ޖެހެނީ 10،000 ޓަނަށް ވުރެ ބޮޑެތި އުޅަނދުފަހަރުންނެވެ.

ޖެޓީ ބޭނުން ކުރުމަށް ތަފާތު ވައްތަރުގެ އުޅަނދުފަހަރަށް އެޗްޑީސީން ކަނޑައަޅާފައި ވަނީ ތަފާތު އަގުތަކެކެވެ.

އެޗްޑީސީގެ އިއުލާނާއެކު ޖެޓީ ބޭނުން ކުރާ ފަރާތްތަކުން އެއްބަސް ވާންޖެހޭ އުސޫލު ވެސް އާންމު ކޮށްފައިވެ އެވެ.

މައި ހުޅުމާލެ ޕޯޓަލް މެދުވެރިކޮށް ނަން ނޯޓު ނުކޮށް، ދައްކަންޖެހޭ ބާތު ޗާޖެސް ނުދައްކައި އެ ޖެޓީ ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.