Advertisement

އެމްޔޫ މަނިކު މަގާމުން ވަކިކުރިކަން އަންގައިފި

15 ފެބުރުވަރީ 2024 - 14:19 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ކުރީގެ ޗެއާމަން އުމަރު މަނިކު. އެ މަގާމުގައި 10 އަހަރު ދުވަހު އެމްޔޫ މަނިކު ހުންނެވި --- ފޮޓޯ: އަދަދު ފައިލް


އެމްޔޫ މަނިކު މަގާމުން ވަކިކުރިކަން އަންގައިފި

15 ފެބުރުވަރީ 2024 - 14:19 1

ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)ގެ ޗެއާމަންގެ މަގާމުގައި 10 އަހަރު ދުވަހު ހުންނެވި މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން އޭނާ ވަކިކުރިކަން ސަރުކާރުން އަންގައިފި އެވެ.

އެމްޔޫ މަނިކު އިސްތިއުފާ ދެެއްވަން ނިންމެވީ، ކުންފުނިން ވަކިކޮށްފައި ތިބި ބަޔަކު އަނބުރާ ގެނައުމަށް މެނޭޖުމެންޓުން މަސައްކަތް ކުރުމާއި، އުސޫލާ ހިލާފަށް ބައެއް ކަންކަން ކުރަން މަސައްކަތް ކުރާތީ ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މީހަކު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ޗެއާމަންގެ މަގާމު ވެސް އަދާ ކުރައްވާ އެމްޔޫ މަނިކު އެމްއޭސީއެލްއިން އިސްތިއުފާ ދެއްވަން ހުށަހެޅުއްވީ ޖެނުއަރީ 28, 2024 ގަ އެވެ.

އިސްތިއުފާ ހުށަހެޅުމުން އެކަން ގަބޫލުކޮށް، މަގާމުން ވަކިކުރިކަން އެމްޔޫ މަނިކަށް ޕީސީބީން އަންގާފައި ވަނީ ފެބްރުއަރީ 12, ގައި ކަން ވެސް "އަދަދު" އަށް ވަނީ ޔަގީން ކުރެވިފަ އެވެ.

އެމްއޭސީއެލްގެ ޗެއާމަން އަކަށް އެމްޔޫ މަނިކު އައްޔަން ކުރެއްވީ 2013 ވަނަ އަހަރު އެވެ. އެއަށް ފަހު ބަދަލުވި އެއްވެސް ވެރިކަމެއްގައި އެއާޕޯޓުގެ ޗެއާމަންގެ މަގާމަށް ބަދަލެއް ނުގެނެ އެވެ.

އެމްޔޫ މަނިކަކީ ދިވެހިރާއްޖޭގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ އެއް ބާނީ އެވެ. އޭނާގެ ޔުނިވާސަލް އެންޓަޕްރައިސަސް އިން ރާއްޖޭގައި އަށް ރިސޯޓެއް ހިންގަ އެވެ. އެއީ ކުރުނބާ މޯލްޑިވްސް އާއި ވެލައްސަރު މޯލްޑިވްސް އާއި ކުރަމަތި މޯލްޑިވްސް އާއި ބަރޮސް މޯލްޑިވްސް އާއި ފުވަފެންފުށި މޯލްޑިވްސް އާއި ކަނދޮޅު މޯލްޑިވްސް އާއި ދިގަލި މޯލްޑިވްސް އަދި މިލައިދޫ މޯލްޑިވްސް އެވެ.