ގައުމީ ބާސްކެޓްބޯޅަ ލީގުގައި ޓީރެކްސް އާއި ކިންްގްސް ކުޅުނު މެޗެއްގެ ތެެރެއިން.--- ފޮޓޯ: މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ގައުމީ ބާސްކެޓްބޯޅަ މުބާރާތް، ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތަކުން މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަނުގައި ވެސް ވާދަކުރާނީ، ދާދި ފަހުން ނިމިގެންދިޔަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ގަދަ ހަތަރު ޓީމެވެ.
އެ ގޮތުން، އެންމެ ފުރަތަމަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގައި މިރޭ ކުޅޭނީ، 19:00 ގައި، ލީގު ޗެމްޕިއަން، ޓީރެކްސް ބާސްކެޓްބޯލް ކްލަބް އާއި ދެ ވަނަ އަށް ދިޔަ، ކިންގްސް ބާސްކެޓްބޯލް ކްލަބް އެވެ. މި މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދަތުރުކުރާނެ އެވެ. މި މެޗުން ބަލިވާ ޓީމެއް ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ އެވެ.
ގައުމީ ލީގުގެ ފުރަތަމަ ބުރުގައި ޓީރެކްސް އިން ކިންގްސް ބަލިކުރިއިރު، ކިންގްސް އިން ވަނީ ދެ ވަަނަ ބުރުގައި ޓީރެކްސް ބަލިކޮށްފަ އެވެ.
ދެ ވަނަ ސެމީގައި ކުޅޭނީ ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބް އާއި ރެޕްޓާސް ބާސްކެޓްބޯލް ކްލަބް އެވެ. މިރޭ، 21:30 ގައި ފަށާ އެ މެޗުން މޮޅުވާ ޓީމެއް، ފައިނަލުގެ ޖާގައެއް ހޯދަން، ޓީރެކްސް އާއި ކިންގްސް މެޗުން ބަލިވާ ޓީމަކާ ދެކޮޅަށް ކުޅޭ ތިން ވަނަ ސެމީ ފައިނަލް އޮންނާނީ، ހޮނިހިރު ދުވަހުގެރޭ، 21:30 ގަ އެވެ.
ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް މާދަމާ ފަށާއިރު، ފުރަަތަމަ އޮންނާނީ، ފުރަތަމަ ސެމީގައި، ލީގު ޗެމްޕިއަން، ކުއީންސް ބާސްކެޓްބޯލް ކްލަބާއި އެލީޓް ސްޕޯޓްސް ކްލަބް ކުޅޭ މެޗެވެ. އެ މެޗު ފަށާނީ މާދަމާރޭ 19:00 ގަ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ފައިނަލުން ޖާގަ ހޯދާއިރު، ބަލިވާ ޓީމެއް ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީގައި މާދަމާރޭ، 21:30 ގައި ލަޔަނެސް އާއި ސައިކްލޯން ބާސްކެޓްބޯލް ކްލަބް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
އެންމެ ފަހުގެ ގައުމީ ޗެމްޕިއަނުންނަކީ އަންހެން ޑިވިޝަނުގައި ސައިކްލޯން ބާސްކެޓްބޯލް ކްލަބް އެވެ. އަދި ފިރިހެން ޑިވިޝަން ކާމިޔާބުކުރީ ކިންގްސް އިންނެވެ. އެންމެ ފަހުން، ބޭއްވި ތިން ފަހަރު ވެސް ގައުމީ ތަށި ހޯދީ ކިންގްސް އިންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment