Advertisement

ފުރަތަމަ ލެގުގައި ލާޒިއޯ އަތުން ބަޔާން ބަލި، ޕީއެސްޖީން ކޮންޓްރޯލް ނަގައިފި

15 ފެބުރުވަރީ 2024 - 09:08 0

ބަޔާންގެ އުޕަމެކާނޯ އަށް ރޭގެ މެޗުގެ ތެރެއިން ރަތް ކާޑު ދެއްކުމުން އެ ޓީމުގެ ކުޅުންތެރިން އެޕީލްކުރަނީ.


ފުރަތަމަ ލެގުގައި ލާޒިއޯ އަތުން ބަޔާން ބަލި، ޕީއެސްޖީން ކޮންޓްރޯލް ނަގައިފި

15 ފެބުރުވަރީ 2024 - 09:08 0

ރޯމް (ފެބްރުއަރީ 15) - ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ލާޒިއޯ އަތުން 1-0 އިން ބަޔާން މިއުނިކް ބަލިވިއިރު، ރެއާލް ސޮސިއެޑާޑްގެ މައްޗަށް 2-0 އިން ކުރިހޯދައި ޕީއެސްޖީން ކޮންޓްރޯލް ނަގައިފި އެވެ.

ލާޒިއޯ ދަނޑުގައި ރޭ ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި އެ ޓީމުގެ ލަނޑު ޖެހީ، ކެޕްޓަން، ޗީރޯ އިމޯބިލޭ އެވެ. މިއީ، ޕެނަލްޓީ އަކުން އިމޯބިލޭ ޖެހި ލަނޑެކެވެ. ސީޒަނުގައި އޭނާ ކާމިޔާބުކުރި 10 ވަނަ ގޯލެވެ. ލާޒިއޯ އިން މި ލަނޑު ޖެހީ، ބަޔާންގެ ކުޅުންތެރިއަކު މަދުވިތާ އިރުކޮޅެއްގެ ތެރޭގަ އެވެ.

ބަޔާނަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު ޑަޔޫޓް އުޕަމެކާނޯ އަށް ރަތް ކާޑު ދެއްކީ، ލާޒިއޯގެ ގުސްޓާވް އިސާކެން އަށް ކުރި ފައުލަކަށެވެ.

ރޭގެ ނަތީޖާއާ އެކު ބަޔާން މި ވަނީ ފަސް ދުވަސް ތެރޭ ދެ ފަހަރަށް ބަލިވެފަ އެވެ. އެއީ، އެންމެ ފަހުން ކުޅުނު މެޗުގައި ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތް ބަޔާ ލެވަކޫސަން އަތުން ވެސް ވަނީ ބަލިވެފަ އެވެ. މި ނަތީޖާތަކާ އެކު، ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް އަށް ވަނީ ޕްރެޝަަރު ބޮޑުވެފަ އެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ލާޒިއޯއާ ދެކޮޅަށް ބަޔާނުން ދެ ވަނަ ލެގު ކުޅޭއިރު، އެހެން ކޯޗެެއް އެ ޓީމުގައި ހުރުމުގެ ފުރުސަތު ވެސް އެބައޮތެވެ. ދެ ވަނަ ލެގު އޮތީ އަންނަ މަހު ފަސް ވަނަ ދުވަހު އެވެ. ބަޔާނުން އަންނަނީ، ދާދި ފަހުން ރޯމާ އިން ވަކިކުރި ތަޖުރިބާކާރު ކޯޗު، ހޯސޭ މޮރީނިއޯއާ ވާހަކަ ދައްކަމުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޕީއެސްޖީން ސޮސިއެޑާޑް ކޮޅަށް ދެ ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ޕީއެސްޖީން ލީޑުނެގީ، 58 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ކީލިއަން އެމްބާޕޭ ޖެހި ގޯލުންނެވެ. އޭގެ 12 މިނިޓް ފަހުން، ޕީއެސްޖީން ދެ ވަނަ ގޯލު ކާމިޔާބުކުރި އެވެ. މި ލަނޑު ޖެހީ، ބްރެޑްލީ ބަކޯލާ އެވެ.

ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ބުނީ، މެޗުގެ ކުރިން މިއީ 2-0 .އިން އެ ޓީމު މޮޅުވާނެ މެޗެއް ކަމަށް ބުނި ނަމަ ގަބޫލުކުރަން އުނދަގޫވާނެ ކަމަށެވެ. އެކަމަކު، މެޗަށް ފަހު، އެ ނަތީޖާ ފެނުމުން ކުރެވުނު މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.