15 ފެބުރުވަރީ 2024 - 06:25 0
އަތޫފް އާތިފް
ގާފަރުގެ ކުޅުންތެރިން ތަށްޓާއެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
15 ފެބުރުވަރީ 2024 - 06:25 0
މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ކ. އަތޮޅު ޗެމްޕިއަންކަން ގާފަރުން ހޯދިއިރު, މ. އަތޮޅު ޗެމްޕިއަންކަން މުލަކުން ހޯދައިފި އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ހަ މެޗު ކުޅުނެވެ. އެއީ ކ. އަދި މ. އަތޮޅު ފައިނަލުގެ އިތުރުން ޒޯން 2 އަދި ޒޯން 7 ގެ މެޗުތަކެވެ.
ގާފަރުން ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ 5-1 ގެ ނަތީޖާއަކުން ކ. ކާށިދޫ ބަލިކޮށްގެންނެވެ. މި މެޗުގައި ގާފަރުގެ އިބްރާހީމް ރިމާހު ދެ ގޯލު ޖެހިއިރު, އަލީ މާއިސް (މައްޓު), ޝަނާން ރަޝާދު އަދި ސާމިން މުހައްމަދު ނަސީރު, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ. ކާށިދޫގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެ ޓީމަށް ޖަހާދިނީ އަހުމަދު މަޖީދެވެ.
ކ. ގާފަރާއި ކ. ކާށިދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
މ. އަތޮޅު ޗެމްޕިއަންކަން މުލަކުން ހޯދީ ޕެނަލްޓީގައި 5-4 އިން ނާލާފުށި ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
މުލަކް ކުޅުންތެރިން ތައްޓާއެކު އުފާފާޅުކުރަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ކ. އަދި މ. އަތޮޅުގެ ފައިނަލުގެ އިތުރުން ރޭ ވަނީ ޒޯން ބުރުގެ މެޗުތައް ވެސް ފަށާފަ އެވެ. އެގޮތުން ރޭ ކުރިއަށް ދިޔައީ ޒޯން 2 އަދި ޒޯން 7 ގެ މެޗުތަކެވެ.
ޒޯން 2 ގައި ށ. ކަނޑިތީމާއި ށ. ފޭދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި މެޗުގެ އަށްވަނަ މިނެޓުގައި ކަނޑިތީމުގެ އިސްމާއިލް ނިހާން ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި ފޭދޫގެ މުހައްމަދު ޝިރުފާން ގޯލު ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ.
ޒޯން 2 ގެ ދެވަނަ މެޗުގައި ރޭ ރ. އަތޮޅު ޗެމްޕިއަން ދުވާފަރުގެ މައްޗަށް ނ. އަތޮޅު ޗެމްޕިއަން ކެނދިކުޅުދޫ އިން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ކެނދިކުޅުދޫގެ ތަފާތަކަށްވީ މުހައްމަދު އައްޒާމް އެވެ. އޭނާ ވަނީ މި މެޗުގައި ދެ ގޯލު ޖަހާފަ އެވެ. ކެނދިކުޅުދޫ އިން ދެން ޖެހި ގޯލަކީ އައްޒާމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަސަން ނިފްރާހް ޖަހައިދިން ގޯލެކެވެ.
ރ. ދުވާފަރާއި ނ ކެނދިކުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ޒޯން 7 ގައި ދަނޑިމަގުން ގއ. ކަނޑުހުޅުދޫގެ މައްޗަށް ކުރިހޯދީ 6-1 ގެ ނަތީޖާއަކުންނެވެ. ދަނޑިމަގަށް ޒޯން ބުރުގެ ސީދާ ޖާގައެއް ލިބުނީ ފުވައްމުލަކު ސިޓީއިން އިތުރު ޓީމެއް ބައިވެރިނުވާތީ އެވެ.
މި މެޗުގައި ދަނޑިމަގުގެ އަލީ ޝަމާލް އަބްދުالله ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, އަބްދުالله ރަޝީދު ދެ ގޯލު ޖެހި އެވެ. އަދި އިބްރާހީމް އަރީޝް ގޯލެއް ޖެހި އެވެ. މި މެޗުގައި ކަނޑުހުޅުދޫގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހާދިނީ އަލީ އަޒުވާން އަބްދުލް އަޒީޒް އެވެ.
ގއ. އަތޮޅު ރަނަރަޕް ގެމަނަފުށީގެ މައްޗަށް ސ. އަތޮޅު ޗެމްޕިއަން ހިތަދޫ އިން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ހިތަދޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ މުހައްމަދު ސަބާހް މަސްރޫރް އާއި އައިމަން ނަޒީރެވެ.
Comment