Advertisement

ޗައިނާގެ ޝާމެން އެއާލައިނުން ރާއްޖެއަށް ޗާޓަރު ފްލައިޓުތައް ފަށައިފި

14 ފެބުރުވަރީ 2024 - 17:22 0

ނިމާ ހަސަން

ނިމާ ހަސަން

ޗައިނާގެ ޝާމެން އެއާލައިނުން ޗާޓަރު ފްލައިޓެއްގައި ރާއްޖެއައި ފަތުރުވެރިން ވެލާނާ އެއާޕޯޓުގައި -- ފޮޓޯ: އެމްއޭސީއެލް


ޗައިނާގެ ޝާމެން އެއާލައިނުން ރާއްޖެއަށް ޗާޓަރު ފްލައިޓުތައް ފަށައިފި

14 ފެބުރުވަރީ 2024 - 17:22 0

އެންމެ ގިނައިން ޓޫރިސްޓުން ގެންނަ މާކެޓަކަށް ޗައިނާ އަރާފައިވާއިރު، ޗައިނާގެ ޝާމެން އެއާލައިނުން ރާއްޖެއަށް ޗާޓަރު ފްލައިޓުތައް މިއަދު ފަށައިފި އެވެ.

ޝާމެން އެއާގެ ފުރަތަމަ ޗާޓަރު ފްލައިޓު މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ ޖުމްލަ 236 ފަސިންޖަރުންނާއެކު އެވެ. އެ ފްލައިޓަށް ރާއްޖެއިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

އެ ފްލައިޓުން އައި ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވަޑައިގެންނެވި އެވެ. އަދި ފަތުރުވެރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން ފްލައިޓަށް ފެނުގެ ސަލާމެއް ކިޔުމުގެ އިތުރަށް ފަތުރުވެރިންނަށް ފިނިފެންމާ ބަހާފައިވެ އެވެ.

ރާއްޖެއައި ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ -- ފޮޓޯ: އެމްއޭސީއެލް


އެ އެއާލައިނުގެ ދަތުރުތައް ފެށުމާއެކު, ޗައިނާއަށް ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު މިވަނީ ހަތަރަކަށް އަރާފަ އެވެ. ޗައިނާގެ ބެއިޖިންގް ކެޕިޓަލް އެއަލައިންސް, ޗައިނާ އީސްޓާން އެއާލައިންސް އަދި ސިޗުއަން އެއާލައިނުން ވެސް ދަނީ ރާއްޖެއަށް ދަތުރު ކުރަމުންނެވެ.

ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު ކޮވިޑު ކުރިން އައި ވަރަށް ވުރެ ދެ ގުނަ އިތުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 13 ގައި އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ވިދާޅުވެފަ އެވެ.

"[ޑައިރެކްޓް ފްލައިޓުތަކުގެ] ސަބަބުން އަދި އޭގެ އިތުރަށް މާކެޓިން ފުޅާކުރެވިގެން ދާނެ ޗައިނާގެ ޓޫރިސްޓުންނަށް ކޮވިޑުގެ ކުރިން ރާއްޖެއަށް، ރާއްޖޭގެ ނަމްބާ ވަން، އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީ ޗައިނާ ކަމަށްވާއިރުގައި އެ އަދަދުގެ ކޮވިޑުގެ ކުރިން ހުރި އަދަދުގެ ދެ ގުނައަށް، ޗައިނާއިން ޓޫރިސްޓުން ދެ އަހަރު ތެރޭގައި، ގިނަވެގެން ދެ އަހަރުގެ ތެރޭގައި އިތުރުކުރުމަށްޓަކައި މަސައްކަތްތައް ތަރުތީބުވެގެން ދިޔަ،" ރައީސް ވިދާޅުވި އެވެ.

މި އަހަރަށް ރާއްޖޭއިން ކަނޑައަޅާފައިވާ ފަތުރުވެރިންގެ ޓާގެޓު ދެ މިލިއަނުގައި ހުރިއިރު އިއްޔެގެ ނިޔަލަށް ރާއްޖެ އައި ޗައިނާގެ ފަތުރުވެރިންގެ އަދަދު އުޅެނީ 40,892 ގަ އެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 13.9 އިންސައްތަ އެވެ. މިވަގުތު ރާއްޖޭގެ މާކެޓުގެ އެންމެ ކުރީގައި އޮތީ ޗައިނާ އެވެ.