Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: އޭދަފުށި، ކުރެންދޫ އަދި ކެޔޮދޫ އަށް އަތޮޅު ޗެމްޕިއަންކަން

14 ފެބުރުވަރީ 2024 - 06:29 0

އަތޫފް އާތިފް

އަތޫފް އާތިފް


ގޯލްޑަން ފުޓްސަލް ޗެލެންޖް: އޭދަފުށި، ކުރެންދޫ އަދި ކެޔޮދޫ އަށް އަތޮޅު ޗެމްޕިއަންކަން

14 ފެބުރުވަރީ 2024 - 06:29 0

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ބ. އަތޮޅު ޗެމްޕިއަންކަން އޭދަފުށިން ދިފާއު ކުރިއިރު, ޅ. އަތޮޅު ޗެމްޕިއަންކަން ކުރެންދޫ އިން ވެސް ދިފާއުކޮށްފި އެވެ.

އަދި ވ. އަތޮޅު ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ވ. ކެޔޮދޫ އިން ހޯދައިފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވަނީ ޅ. އަދި ބ. އަތޮޅު ފައިނަލް މެޗު ކުޅެފަ އެވެ. އަދި ވ. އަތޮޅުގެ ދެވަނަ ލެގުގެ މެޗު ވެސް ކުޅުނީ ރޭގަ އެވެ.

ބ. އޭދަފުށިން އެ އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ތުޅާދޫ 5-2 އިން ބަލިކޮށްގެންނެވެ. މި މެޗުގައި އޭދަފުށީގެ ހައިޝަމް ހަސަން (ބިޑި) ދެ ގޯލު ޖެހިއިރު, ހަމްޒާ މުހައްމަދު (ހަމްޕު), އަލީ ފާސިރު (ސެންޓޭ) އަދި އިޝާން އިބްރާހީމް (ސައްޓު) މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ. ތުޅާދޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ, އަހުމަދު ތަސްނީމް އަދި އިބްރާހީމް ރަފާހު އެވެ. ބ. އަތޮޅު ޗެމްޕިއަން ކަމާއެކު, އޭދަފުއްޓަށް ޒޯން ބުރުން ޖާގަ ލިބޭނެ އެވެ.

ބ. އަތޮޅު ބުރުގައި އެންމެ ގިނަ ގޯލު ޖެހީ ތުޅާދޫގެ އިބްރާހީމް ރަފާހު އެވެ. އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ބިޑި އެވެ.

ބ. އޭދަފުށި އާއި ބ. ތުޅާދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު


ޅ. އޮތޮޅު ޗެމްޕިއަންކަން ކުރެންދޫ އިން ހޯދީ ޕެނަލްޓީގައި 5-4 ގެ ނަތީޖާއަކުން ހިންނަވަރު ބަލިކޮށްގެންނެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ހިންނަވަރުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި މި ގޯލު ހިންނަވަރަށް ޖަހާދިނީ މުހައްމަދު މައުރޫފް ހުސެއިން އެވެ. އެކަމަކު ދެވަނަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކުރެންދޫގެ މުހައްމަދު އަންވަރު ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ޕެނަލްޓީގައި ހިންނަވަރުގެ ފުރަތަމަ ޕެނަލްޓީ ޖެހި އަހުމަދު އަޝްރަފްގެ ޕެނަލްޓީ ކުރެންދޫގެ ކީޕަރު މުހައްމަދު އާދަމް ވަނީ ދިފާއު ކޮށްފަ އެވެ.

ޅ. އަތޮޅު ބުރުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ އޮޅުވެލިފުށީގެ އިމްރާން މުހައްމަދެވެ. އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އަންވަރެވެ.

ޅ. ކުރެންދޫ ކުޅުންތެރިން ތައްޓާއެކު އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު


ވ. އަތޮޅު ޗެމްޕިއަންކަން ކެޔޮދޫ އިން ހޯދީ އެގްރިގޭޓް ނަތީޖާ 7-2 ކުން ކުރި ހޯދައިގެންނެވެ. ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ކެޔޮދޫ އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ 16 ވަނަ މިނެޓުގައި ކެޔޮދޫ އަށް ލީޑު ނަގާދިނީ އަހުމަދު ރަޝީދު (އައްމަޑޭ) ޖެހި ގޯލުންނެވެ. އަދި އޭގެ ދެ މިނެޓު ފަހުން ކެޔޮދޫގެ އިބްރާހީމް ފުވާދު އެޓީމަށް ލީޑު ފުޅާކޮށްދިނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ފެލިދޫގެ ތޯއިފް އަހުމަދު ފިރާގު ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ.

ވ. އަތޮޅުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އައްމަޑޭ އެވެ.

ވ. ކެޔޮދޫ ކުޅުންތެރިން ތައްޓާއެކު އުފާފާޅުކުރަނީ -- ފޮޓޯ: އަބްދުالله އިޔާން / އަދަދު


މި މުބާރާތުގައި މިރޭ ވެސް އަތޮޅު ބުރުގެ ދެ ފައިނަލް ކުޅޭނެ އެވެ. މީގެ އިތުރުން މުބާރާތުގެ ޒޯން ބުރުގެ މެޗުތައް މިރޭ ކުޅޭނެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

  1. ކ. ގާފަރު - ކ. ކާށިދޫ : 20:00 (ގްރައުންޑް 1) - ފައިނަލް
  2. މ. މުލަކު - މ. ނާލާފުށި : 20:00 (ގްރައުންޑް 2) - ފައިނަލް
  3. ށ. ފޭދޫ - ށ. ކަނޑިތީމު : 21:00 (ގްރައުންޑް 1) - ޒޯން
  4. ނ. ކެނދިކުޅުދޫ - ރ. ދުވާފަރު : 21:00 (ގްރައުންޑް 2) - ޒޯން
  5. ދަނޑިމަގު - ގއ. ކަނޑުހޮޅުދޫ : 22:00 (ގްރައުންޑް 1) - ޒޯން
  6. ގއ. ގެމަނަފުށި - ސ. ހިތަދޫ : 22:00 (ގްރައުންޑް 2) - ޒޯން