Advertisement

ނުގަވާއިދުން ޕާކު ކުރުން ބޮއްސުންލައި އާންމުންގެ ތަކުލީފު އިތުރުވެއްޖެ

15 ފެބުރުވަރީ 2024 - 08:30 5

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ނުގަވާއިދުން ޕާކު ކުރުން ބޮއްސުންލައި އާންމުންގެ ތަކުލީފު އިތުރުވެއްޖެ

15 ފެބުރުވަރީ 2024 - 08:30 5

ރާއްޖޭގައި މިހާރަކަށް އައިސް ގަވައިދާ ހިލާފަށް ޕާކު ކުރުން އަންނަނީ ބޮޑު މައްސަލައަކަށް ވަމުންނެވެ. މިކަން މާލެ ސިޓީގައި ބޮއްސުންލައިގެން ގޮސްފައިވާއިރު، ބައެއް އެހެން ރަށްތަކުގައި ވެސް މި މައްސަލަ އަންނަނީ ބޮޑުވަމުންނެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ އުނދަގޫތައް ހައްލު ކުރުމަށް މުއައްސަސާތަކާއި، އިދާރާތަކުގެ އިތުރުން ކައުންސިލްތައް ވަނީ ނުކުޅެދިފަ އެވެ.

ގަވައިދާ ހިލާފަށް ޕާކު ކުރުން ފެށިގެން އަންނަނީ އެކަން އެގޮތަށް ކުރާ މިހާއާ ހިސާބުންނެވެ. މިގޮތުން ބައެއް މީހުން އެކަން ކުރަމުން އަންނަނީ ޕާކު ކުރާނެ ތަންކޮޅެއް ނުލިބިގެންނެވެ. އަނެއްބައި މީހުން އެކަން އެގޮތަށް ކުރަމުން އަންނަނީ ފިޔަވަޅެއް ނާޅާތީ ފަސޭހަ ކޮށްލުމުގެ ގޮތުންނެވެ. މި ދެ ގޮތަށް ވެސް ކަންތައް ކުރުމުން ހުރިހާ އުނދަގުލެއް ދިމާވަނީ އެހެން އެންމެންނަށެވެ.

މާލޭގައި އާންމު ގޮތެއްގައި ޓްރެފިކް ބާރު ބޮޑުވަނީ މަގުތަކުގައި އެއް ފަޅިއެއްގައި ސައިކަލާއި، ކާރު ނުވަތަ އެހެނިހެން އުޅަނދުތައް ޕާކު ކޮށްފައި، ނުވަތަ ބައެއް އުޅަނދުތަކުން މުދާ ބާލަން މަޑު ކޮށްލައިގެން ތިބޭތީ އެވެ. މިކަމުގެ ސަބަބުން މުޅި މަގު ތޮއްޖެހި ބަރުގޮނުގެ އަޑުން އެ މަގެއް ގުގުމާލަ އެވެ.

ފިޔަވަޅު ނާޅާތީ ގަވައިދާ ހިލާފަށް ޕާކު ކުރުން ހައްދުން ނެއްޓިފައި

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު އެންމެ ފުރަތަމަ ކުރި ކަންކަމުގެ ތެރޭގައި ނުގަވައިދުން ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލުން ހިމެނެ އެވެ. ބުނީ މާލޭ ސަރަހައްދުގައި ޕާކިން ބިލްޑިންތަކެއް އަޅައި، ޕާކު ކުރާނެ ޖާގަ ދެއްކެން ދެން އެއްވެސް އުޅަނދެއްގައި ސްޓިކާ ނުޖަހާނެ ކަމަށެވެ.

މިއީ ގޮތަކުން ރަނގަޅު ނިންމުމެއް ނަމަވެސް، މާލޭ މަގުމަތިން މި ނިންމުމުގެ ނުރަނގަޅު އަސަރު އެބަ ފެނެ އެވެ. ޕާކު ކުރުމުގައި ހަމައެއް ލަމައެއް ނެތެވެ. ބައެއް މަގުތައް ބްލޮކުކޮށްލާފައި ހުންނަނީ ސައިކަލުތައް އެގޮތް މިގޮތަށް ޖަހާފަ އެވެ. ނަމަވެސް މިހާރު ފިޔަވަޅު ނާޅާތީ ހީވަނީ ޒާތެއްގެ އީދެއް އައިސްގެން އުޅޭ ހެންނެވެ. ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލައި ޓޯވް ނުކުރާތީގަވައިދާ ހިލާފަށް ޕާކު ކުރާ މީހުންނަށް އިތުރަށް ހިތްވަރެކެވެ.

ރޭގަނޑު ގަޑީގައި މާލޭގެ މަގުތަކަށް ނުކުމެ ބަލާލުމުން މި މަންޒަރު ފެންނާނެ އެވެ. ގިނަ މަގުތައް އޮންނަނީ، ޕާކު ކުރުން މަނާ ސަރަހައްދުތަކާއެކު، ވެހިކަލްތަކުން ފުރިފަ އެވެ. ޕާކު ކޮށްފައި ހުންނަނީ ޖެހުނު ދިމާލެއްގަ އެވެ. ބައެއް ފަހަރު ހުންނަނީ ވެސް ވަރަށް ޒިންމާ ދާރުކަން ކުޑަކޮށް ކަން މައްޗެއްގައި ނުވަތަ ގެއެއްގެ ދޮރުމަތީގަ އެވެ.

ހިނގާފައި އުޅޭ މީހުންނަށް ދިމާވާ އުނދަގޫތައް

ގަވައިދާ ހިލާފަށް ޕާކު ކޮށްފައި ހުރުމުން ހިނގާފައި އުޅޭ މީހުންނަށް ވެސް އުނދަގޫތައް ދިމާވެ އެވެ. ހިނގާފައި އުޅޭ މީހުންނަށް މަގުތަކުގެ ޓްރެފިކް ތޮއްޖެހުމުން ބައެއް ފަހަރު މަގުން ހިނގޭ ގޮތެއް ނުވެ އެވެ. ދުވާރު މަތީގައި ވެހިކަލްތައް ޕާކު ކޮށްފައި ހުރުމުން މަގު މެދުން ހިނގަން ޖެހޭ ފަހަރު ވެސް މަދެއް ނުވާނެ އެވެ.

ހަނި ގޯޅިތަކުގެ އިތުރުން އެންމެ ކާރޫބާރު ބޮޑު މަގުތަކުގައި ގުދަންތައް ހުރުމުން، މުދާ ހުސް ކުރަން ނުވަތަ އުފުލަން ވެހިކަލްތައް މަޑު ކޮށްލައިގެން އޮތުމުން އެ މަގެއްގެ ޓްރެފިކް އަބަދުވެސް ބޮޑުވެ އެވެ. ބައެއް ފަހަރު ވެހިކަލްތައް މަގުން ބޮޑު ޖާގައެއް ނަގައިގެން ވެސް މުދާ އުފުލައި، ހުސް ކުރަން ތިބެ އެވެ. އަދި ބައެއް ފަހަރު ދުވާރުން ބޮޑު ޖާގައެއް ނަގައިގެން ވެސް މިކަން ކުރެ އެވެ. މުޅިން ވެސް ތޮއްޖެހެން މެދުވެރިވާ ކަންކަމެވެ.

މިކަމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދާލަން އެމްއެންޔޫގައި ކިޔަވަމުން އަންނަ އައިޝަތު އަލްޔާ އާރިފް، 18 އާ ވާހަކަ ދައްކާލުމުން އެނާ ބުނީ ޕާކު ކުރުމުގެ ގަވައިދު ހަރުދަނާ ކުރަން ޖެހޭ ކަމަށާއި، ނުގަވައިދުން ޕާކު ކޮށްފައި ހުރުމުން ޓްރެފިކް ބާރުބޮޑުވެ، ދާން ބޭނުންވާ ގަޑިއަށް ތަންތަނަށް ވެސް ނުދެވޭ ކަމަށެވެ.

އާންމުކޮށް ފައިމަގުގައި އުޅޭ ނޫސްވެރިޔާ އަހުމަދު އިޔާދު، 25 ބުނީ ސައިކަލްތައް ޕާކު ކޮށްފައި ހުންނަ ގޮތުން ބައެއް ފަހަރު އަނެއް މަގަށް ދާން އުނދަގޫތައް ދިމާވާ ކަމަށާއި ކާރުތައް ޕާކް ކޮށްފައި ހުންނަ ގޮތުން ބައެއް ފަހަރު ދުވާރު މަތިން ވެސް ހިނގަން އުނދަގޫވާ ކަމަށެވެ.

"ބޮޑެތި މަގުތަކުގައި ހުރޭ ދުވާރު މަތީގައި ޕާކް ކޮށްފައި. އެހެން ހުންނާތީ ދުވާރު މަތިން ހިނގާ މީހުންނަށް ވަރަށް އުނދަގޫވޭ. ބައެއް ހަނި މަގުތަކުގައި ސައިކަލުތައް ޕާކް ކޮށްފައި ހުންނަ ގޮތުން ފަހަތް ބަލަމުން ހިނގަން ޖެހޭ ފަހަރުވެސް އާދޭ،" އިޔާދު ބުނި އެވެ.

އެމްއެންޔޫގައި ކިޔަވަމުން އަންނަ ހާރިސަތު، 48، ބުނީ ފިރިމީހާއާއެކު ސައިކަލުގައި ތަންތަނަށް ދާއިރު ބައެއް ފަހަރު މުދާ ބާލާތީ މަޑު ކުރަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ބޭކާރު ވަގުތުތައް ހޭދަވާ ކަމަށެވެ.

ގަވައިދާ ހިލާފަށް ޕާކް ކުރުމުގެ ސަބަބުން ބައެއްފަހަރު ޖޫރިމަނާތައް ކުރި ނަމަވެސް، ކޮންމެ ސަރުކާރަކުން ވެސް އެ ޖޫރިމަނާތައް މައާފް ކުރާކަން ފާހަގަކޮށް އަސްމާ ބުނީ ހަދާފައި ހުންނަ ގަވައިދުތައް ދަމަހައްޓާ ނަމަ މިހާރު ދިމާވަމުން އަންނަ މި މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ވެހިކަލް ދުއްވާ މީހުންނަށް ދިމާވާ އުނދަގޫތައް

މާލޭގައި ކާރު ދުއްވާ ސާމީ، 30، ބުނީ ގަވައިދާ ހިލާފަށް ޕާކު ކުރަން މަޖުބޫރުވަނީ ޕާކު ކުރާނެ ތަންތަން ލިމިޓެޑްވުމުން ކަމަށާއި ޕާކް ކުރެވޭނެ ތަންތަނުގައި އެތައް ދުވަހެއްވީ ވެހިކަލްތައް ވެސް ހުންނަ ކަމަށެވެ.

ކާރެއް އޮންނަ ކޮންމެ މީހެއް އަތުގައި ގަރާޖު ސިޓީއެއް އޮތް ނަމަވެސް، އެ ގަރާޖު ސިޓީއަކީ އައިބޭ ކަހަލަ ތަނަކުން ފޯނެއް ގަންނަން ލިބެން ހުންނަހާ ފަސޭހަކޮށް ލިބޭ އެއްޗެއް ކަމަށް ފާހަގަކުރަމުން އަލީ ބުނީ ގަރާޖު ސިޓީ ގަތުމާއެކު ކާރު ގާނޫނާ އެއްގޮތަށް ރަޖިސްޓްރީ ކުރެވުނީ ކަމަށެވެ.

"މަގުތައް ހަދާފައި ހުންނަނީ ކާރުތައް ޕާކު ކުރެވޭ ގޮތަކަށް ނޫން. ޕާކު ކުރެވޭ ތަންތަން ވަރަށްމަދު. މެލޭޝިއާ ކަހަލަ ގައުމުތަކުގައި ކާރު ޕާކިންއަށް ލާފައި ހިނގާފައި ފަސް ވަރަކަށް މިނެޓުން ދާން ބޭނުންވާ ތަނަކަށް ދެވޭ. މާލޭގައި އެކަން އެގޮތަކަށް ނުކުރެވޭ. ހެންވޭރަށް ޕާކަށް ޖަހާފައި ހިނގާފައި މާފަންނަށް އަންނަން ޖެހޭ ފަހަރުވެސް އާދޭ،" ސާމީ ކިޔައިދިނެވެ.

މާލޭގައި ޓެކްސީ ކުރާ އަހުމަދު، 45، ބުނީ މާލޭގައި މިހާރު ޓެކްސީ ކުރުމަކީ ބޮޑު ރިސްކެއް ކަމަށާއި މާލެ ތެރޭގައި ކުރާ ދަތުރުގެ ވަގުތު މިހާރު އެއްވެސް ވަރަކަށް ޔަގީން ނުކުރެވޭ ކަމަށެވެ.

މިގޮތުން ގިނަ ޓެކްސީ ޑްރައިވަރުން މިހާރު ބަލަނީ ވީހާވެސް ބޮޑަށް މާލެއިން ބޭރަށް ކުރާ ދަތުރުތައް ނަގަންކަން ފާހަގަކޮށް ހުސެއިން ބުނީ އެގޮތަށް ދަތުރުތައް ނެގުމުން މާ ބޮޑަށް ވެސް ވަގުތު ސަލާމަތްވާ ކަމަށެވެ.

"މާލެ ތެރޭގައި ދަތުރު ކުރުން މިހާރަކަށް އައިސް ވެފައި ވަނީ ވަރަށް ބޮޑު ގެއްލުމަކަށް. ޓްރެފިކް އާންމުކޮށް މެންދުރު ގަޑިއަށް ބާރު ބޮޑުވި ނަމަވެސް މިހާރު ޓްރެފިކް ބޮޑުވާން ވަކި ވަގުތެއް ނޯވޭ. ގުދަންތައް ގިނަ ކަމުން ގިނަ ފަހަރު އެ ގުދަނަކުން މުދާ ނަގާތީ އެބަ މަޑުކޮއްލަން ޖެހޭ 10 މިނެޓު ނުވަތަ 15 މިނެޓު،" ހުސެއިން ބުންޏެވެ.

ބާވެ ދަބަރަށްވެފައި ހުރި އުޅަނދުތައް ގިނަވުން

މާލޭގެ އެކި ސަރަހައްދުތަކަށް ނުވަތަ އައްޑޫގެ ބައެއް ރަށްތަކަށް ބެލި ނަމަވެސް ބާވެ ދަބަރަށްވެފައި ހުރި އުޅަނދުތައް އެކި ދިމަ ދިމާލުން ފެނެ އެވެ. ހާއްސަކޮށް މާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު ފުރިފައި ވަނީ ދަބަރަށްވެފައި ހުރި ވެހިކަލްތަކުންނެވެ. ބައެއް ޕިކަޕްފަދަ ވެހިކަލްތައް ހުންނަނީ ކުނިން ފުރިފަ އެވެ. އެއީ މިހާރު ދެވަނަ ވެމްކޯއޭ ބުނުންވެސް ދޮގަކަށް ނުވާނެ އެވެ.

މާލޭގައި މާލެ ސިޓީގެ ޓްރެފިކް ތޮއްޖެހުންތައް މަދުކުރުމަށްޓަކައި މާލެ ސިޓީގެ އެކި ތަންތަނުގައި ބަހައްޓާފައި ހުރި ބައު އުޅަނދުތައް ނައްތާލަން ބޭނުންވާ މީހުން އެކަމަށް އެދި ޓްރާންސްޕޯޓު މިނިސްޓްރީއަށް ހުށަހަޅަން އެ މިނިސްޓްރީން އިއުލާން ކުރީ ހޯމަ ދުވަހު އެވެ.

އައްޑޫ ސިޓީން ކުރިން ނުފެންނަ މަންޒަރެއް މިހާރު ފެންނަމުން އެބަދެއެވެ. އެއީ އައްޑޫގެ ގުޅިފައި ހުރި ރަށްތަކުގެ އެތަން މިތަނުގައި ކާރުތައް ގިނަވެފައި ހުރުމެވެ. ރަޖިސްޓްރީ ނުކޮށް ހުންނަ ކާރުތައް އަދި މާ ގިނައެވެ. އެ ކާރުތައް ބައެއް ފަހަރު ދަބަރަށްވެގެން ދަނީވެސް އެ އޮންނަ ތަނެއްގައި އޮވެގެންނެވެ.

އައްޑޫ އިން ވާހަކަ ދެއްކި ޝިޔާމް، 23، ބުނީ އައްޑޫގައި ކުރިން ވެހިކަލްތައް މިގޮތަށް ގިނަވެފައި ނުވާ ކަމަށާއި މިހާރު ޖެހުނު ތަނަކަށް ޕާކު ކޮށްފައި ހުންނަ ވެހިކަލްތައް ވެސް ގިނަ ކަމަށެވެ. އަދި ގަރާޖުތައް މަދުކަމުން ބައިވަރު ކާރުތައް ނުހެދި ހުރިކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

"އައްޑޫގައި ގަރާޖުތަކެއް އެބަ ހުރި. ނަމަވެސް ގަރާޖުތައް ހުންނަނީ އަބަދުވެސް ފުލްކޮށް. ކާރެއްގެ ކުޑަ މައްސަލައެއް ދިމާވެގެން ގަރާޖަށް ލައިގެންވެސް އެތައް ދުވަހެއް އެބަ ނަގާ. ޑިމާންޑް ވަރަށް ބޮޑު. މިގޮތުން ހަލާކުވާ ކާރުތަކަށްވެސް ހިދުމަތް ނުދެވުމުން އެ ކާރުތައް މަގުމައްޗަށް ގިނަވެފައި ހުރޭ،" ޝިޔާމް ބުނި އެވެ.

ޕާކިންގެ މައްސަލަ އޮތް މިންވަރު އަދަދުތަކުން

މާލޭގައި ޕާކިންއާ ގުޅޭ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓްރީން 2013 ވަނަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ހުޅުމާލެ އާއި ވިލިމާލެ ނުލައި މާލޭގެ ޕާކިން މައްސަލަ ހައްލު ކުރަން އިތުރަށް 11 ޕަސެންޓް ބިން ބޭނުންވެ އެވެ.

އެމްއެންޔޫގެ ޖާދުﷲ ސައީދު 2016 ގައި ހެދި ދިރާސައަކުން ދައްކަށް ދިން އިންޓަވިއުއެއްގައި ފުލުހުން ބުނީ ގަވައިދާ ހިލާފަށް ޕާކު ކޮށްގެން 40،057 އާއި 54،303 ދެމެދުގެ އަދަދަކަށް ސްޓިކާ ވެހިކަލްތަކުގައި ޖަހާފައިވާ ކަމަށާއި، ޓްރެފިކް ގަވައިދާ ހިލާފުވުން ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރުވަމުން ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރާ ގޮތުގައި 2010 އިން 2018 ގެ ނިޔަލަށް ގިނަ އަދަދެއްގެ ވެހިކަލްތައް ވަނީ ރަޖިސްޓާ ކޮށްފަ އެވެ. މިގޮތުން 2018 ވަނަ އަހަރުގެ ނިޔަލަށް 108،532 ސައިކަލު ރަޖިސްޓާ ކޮށްފައިވާއިރު، 89،897 ކާރު ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ.

މައްސަލަ ހައްލު ކުރަން މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް "އަދަދު" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ، ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލުން އަންނަނީ ފުލުހުންގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން މަޝްވަރާތަކެއް ކުރަމުން ކަމަށާއި އެދެވޭ ހައްލުތަކެއް ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ގެނެވޭނެ ކަމަށެވެ.

އާޒިމް ވިދާޅުވީ، ޕާކިންގެ މައްސަލަ ހައްލު ކުރުމަށް ހަމައެކަނި ޕާކިން ޖާގަތެއް އަޅައިގެން މުޅި މައްސަލައަށް ހައްލު ނުލިބޭނެ ކަމަށެވެ. މިގޮތުން ވެހިކަލްތައް އިތުރުވުން މަދު ކުރުމަށް ޓްރާންސްޕޯޓާ ގުޅިގެން ސާވޭއެއް ހަދައި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

"ވެހިކަލްތައް އިތުރުވާ މައްސަލަ ހައްލު ކުރަން ގަރާޖު ސިޓީގެ ކަންތަކާ ގުޅޭ ސާވޭއެއް ޓްރާންސްޕޯޓާ ގުޅިގެން އަޅުގަނޑުމެން އެބަ ފަށަން. އެ ސާވޭ ހެދުމަށްފަހު އަޅުގަނޑުމެން އަނެއްކާ ޓްރާންސްޕޯޓަށް ދޭނަން އޭތި ޑަބަލް ޗެކް ކުރަން. މިގޮތަށް އެކަން ކުރަނީ ވީހާވެސް މިނިވަންކޮށް އަދި ޑަބަލްކޮށް ގަރާޖު ސިޓީ ރަޖިސްޓްރީ ކޮށްފައި ހުރުން މިނިމައިޒް ކުރަން،" އާޒިމް ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޓޯވްކޮށް ނުވަތަ ސްޓިކާ ވަގުތުން ވަގުތަށް ޖަހައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންނާ މަޝްވަރާ ކޮށްފައިވާ ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި އެގޮތަށް ފުލުހުން އަމަލު ކުރާތަން ފެނިގެންދާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މާލޭގައި އެއްވެސް ތަނެއް ހަޑިކޮށް ހުރުމަކީ ބޭނުންވާ ގޮތެއް ނޫންކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މާލޭގައި އެކި ތަންތަނުގައި ހަލާކުވެފައި ހުންނަ ވެހިކަލްތަކުގައި އަޅާފައި ހުރި ކުނިތައް ނެގުމަށް ވެމްކޯއާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެކަމަށް ވެސް ހައްލުތަކެއް ގެންނަން މަސައްކަަތް ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން އާޒިމް ވިދާޅުވީ ފެބްރުއަރީ 29، ވަނަ ދުވަހު މާލެ ސިޓީގެ ރައްޔިތުންނާ އެއްކޮށް ބާއްވާ ބައްދަލުވުމުގައި ޕާކިންއާ ގުޅޭ ގޮތުން ރައްޔިތުންނާ މަޝްވަރާ ކުރާނެ ކަމަށާއި މިގޮތުން އެ މަޝްވަރާތަކަށްފަހު އިތުރު ކަންކަން ވެސް ކުރިޔަށް ރާވާނެ ކަމަށެވެ.

އެޅިދާނެ ބައެއް ހަރުދަނާ ފިޔަވަޅުތައް އަދި ބައެއް ހައްލުތައް

ބޭރު ބައެއް ގައުމުތަކުގައިވެސް ޕާކިންއަކީ ވަރަށް ރަނގަޅަށް މެނޭޖް ކުރާ ކަމަކަށްވާއިރު، ގެތައް ވެސް ހަދާފައި ހުންނަނީ ޕާކިންއާއެކުގަ އެވެ. މިގޮތުން ބައެއް ގައުމުތަކުގައި ޕާކިންގެ މައްސަލަ އެހާ ބޮޑު މައްސަލައަކަށް ނުވާކަން ފާހަގަ ކުރެވެ އެވެ. ސަބަބަކީ ދާ ކޮންމެ ތަނަކަށް ގޮސް އެތަނުގެ ޕާކު ކުރުމަށްފަހު ހިނގާފައި ދެ ތިން މިނެޓުން ދާން ބޭނުންވާ ތަނަކަށް ދެވެ އެވެ.

ވެހިކަލްތައް ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުރުމުން ގަވާއިދުން ސްޓިކާ ޖަހައި، އަދި އުސޫލުތައް ހަދާނަމަ އެ އުސޫލުތައް ދަމަހައްޓަން ޖެހެ އެވެ. މިގޮތުން މަޖީދީ މަގު ނުވަތަ އަމީނީ މަގުގައި ޕާކް ކުރުން މަނާވާ ނަމަ އެތަންތަނުގައި ޕާކް ކޮށްފައި ހުރުމުން ސްޓިކާ ޖަހަން ޖެހެ އެވެ. އަދި ޓްރެފިކަށް އަސަރުކުރާ ގޮތަށް ޕާކް ކުރާނަމަ ވަގުތުން ޓޯ ކުރެވެން ޖެހެ އެވެ.

ހަރުދަނާ އުސޫލުތަކެއް ރަނގަޅު ދިރާސާއެއް ކުރުމަށްފަހު އަލުން ހަދަން ޖެހޭއިރު، ކުދި ހަނި ގޯޅިތަކުގައި ސައިކަލު ޕާކް ކުރުން ވެސް ނިމުމަކަށް ގެންނަން ޖެހެ އެވެ. އަދި ހަނި ގޯޅިތަކަށް ޕިކަޕްފަދަ އުޅަނދުތަކަށް ވަދެވުން އެއްކޮށް މަނާ ކުރަން ޖެހެ އެވެ. މުދާ އުފުލުމުގެ ކަންކަން ހަރުކަށިކޮށް ވަކި ގަޑިއަކަށް ހަދައި، އެއާ ހިލާފުވާ ނަމަ ބޮޑެތި ޖޫރިމަނާތައް ކުރަން ޖެހެ އެވެ.

ބޮޑެތި އޮފީސްތައް ހިމެނޭ ސަރަހައްދުތަކާއި މީހުން ގިނައިން ގޮސް އުޅޭ ސަރަހައްދުތަކުގައި ޕާކިން އިތުރު ކުރުމަކީ ވެސް ހައްލުތަކެއް ލިބިގެންދާނެ ކަމެކެވެ. އަދި ދަބަރަށްވެފައި ހުރި އުޅަނދުތައް ވަގުތުން ނަގައި ޕާކް ކުރަން އެހެން އުޅަނދުތަކަށް ފުރުސަތު ލިބެން ޖެހެ އެވެ.

ފުލުހުން އެމީހުންގެ ޒިންމާ އަދާކޮށް ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތައް ޓޯވްކޮށް، ސްޓިކާ ޖަހަން ޖެހޭ ހާލަތުގައި ސްޓިކާ ވެސް ޖަހަން ޖެހެ އެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން އެ މިނިސްޓްރީގެ ޒިންމާ އަދާކޮށް ގަރާޖު ސިޓީފަދަ ތަކެތި އުސޫލެއްގެ ތެރެއިން ދެވޭނެ ގޮތްތަކެއް ހޯދަން ޖެހެ އެވެ. ކައުންސިލްތަކުން ވަކިން ހާއްސަކޮށް މާލެ ސިޓީ ކައުންސިލުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާ ގޮތަށް މުއައްސަސާތަކާއި މިނިސްޓްރީތަކާ ގުޅިގެން މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހެ އެވެ.