13 ފެބުރުވަރީ 2024 - 22:18 0
ދަ ޑިމޮކްރެޓްސްގެ ފަރާތުން މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާ ހުސައިން އަމްރު މުހައްމަދު ރަޝާދު. އޭނާ އަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު
13 ފެބުރުވަރީ 2024 - 22:18 0
ދަ ޑިމޮކްރެޓްސް އުފެއްދުވުމުގައި އިސްދައުރެއް އަދާކުރެއްވި، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވާތީ، ދާއިރާގެ ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފި އެވެ.
މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި ސިޓީއެއްގައި އަމްރު ވިދާޅުވީ އެ ދާއިރާގެ ގޮނޑިއަށް އަޅުގަނޑު މިކުރިމަތިލެއްވީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމަށް ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ ބިނާކުރަނިވި ހަރުދަނާ ގައުމީ މުހިއްމު މަސައްކަތްތަކެއް ކުރެވޭ ތަނަކަށް ހެދުމުގެ ވިސްނުން އެބަހުރި ކަމަށެވެ. ދިވެހި ރައްޔިތުންނަށް އަބަދުވެސް ނަފާއާ މަންފާ ކުރުވަނިވި ނިންމުންތައް ނިންމައި، ދިވެހިރާއްޖޭގެ ވެރިކަން ކުރެވެނީ އެބީދައިންތޯ ބަލާ ފާރަވެރިވެ، ހެޔޮ ވެރިކަމަށް ބާރުއެޅުމަކީ މަޖިލީހަށް ވާދަކުރައްވާ ސަބަބު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ ތާއީދާއެކު، ރައްޔިތުންގެ މަޖިލީހުގައި މައްޗަންގޮޅި އުތުރުގެ މެންބަރުގެ ހައިސިއްޔަތުން އަޅުގަނޑު މަސައްކަތްކޮށް އަޑުއުފުލާނީ ތިބޭފުޅުން ފަޚުރުވެރިވާނެ ފަދަ ގޮތަށް، ސާބިތުކަމާ ހިތްވަރާ ތެދުވެރިކަމާއެކު،" ސިޓީގައި އަމްރު ވިދާޅުވެފައި ވެ އެވެ.
މަޖިލީހަށް ކުރިމަތިލަނީ ހާސިލްކުރެވުނު ތައުލީމާއި މަސައްކަތުގެ ތަޖުރިބާއާއި ސިޔާސީ އެކި ތަޖުރިބާގެ އަލީގައި އެދާއިރާއަށާއި ގައުމަށް ހިދުމަތްކޮށްދިނުމުގެ ނިޔަތުގައައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ އަމްރަކީ އެމްޑީޕީގެ ފުރަތަ ވެރިކަމުގައި، ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުގައި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެެޓަރީގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭގެ ފަހުން 2010 އަށް އޭނާ އެމްޓީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި އެވެ.
އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސަތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަމްރު ނުކުމެވަޑައިގަންނަވަނީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment