16 ފެބުރުވަރީ 2024 - 06:55 2
މަހްފޫޒް ސައީދު
16 ފެބުރުވަރީ 2024 - 06:55 2
"ރަޖަބު 13، 1366ހ. (4 ޖޫން 1947) ވީ ބުރާސްފަތި ދުވަހުގެ 4:30 ވީއިރު ހެންވޭރު ބޯޅަ ކުޅޭ ބިމުގައި ހެންވޭރު ޓީމަކާއި މާފަންނު ޓީމެއް ފުޓުބޯޅަ މެޗެއްގައި ބައްދަލުވި އެވެ. ކާމިޔާބާއި ނަސްރު ލިބުނީ ހެންވޭރު ޓީމަށެވެ. ނަތީޖާއަކީ ހެންވޭރު ޓީމު އެއް ލަނޑު ދިނުމެވެ."
މިއީ، އެއް ޒަމާނެއްގައި ދިވެހި ދައުލަތުގެ ރަސްމީ ޔައުމިއްޔާ ކަމަށްވާ "އެކިއެި ކަންކަން ހިނގިގޮތް" މި ސިލްސިލާގައި ރެކޯޑުކުރެވިފައިވާ ބަޔާނެކެވެ. މިހާރުގެ ރަސްމީ ރެކޯޑަކަށް އަރާ ވަރަށްވުރެ މާ 'ކުޑަކުޑަ' ކަމެެކެވެ. އެހެން ނަމަވެސް އެއީ ވެސް އެދުވަހު ހިނގި ކަމަކަށްވާތީ، އޭރު ދައުލަތް ހިންގެވި ބޭފުޅުން އެއޮތީ އެ މެޗުގެ ވާހަކަ ވެސް ލިޔުމަށް ތިރިކުރައްވާފަ އެވެ.
"އިންޖީނުލީ މަސް ދޯންޏެއްގައި މަހަށް ގޮސް އުޅެނިކޮށް ދޯނީގެ ހުންގާނު ކައިރިއަށް ވެއްޓި ބަނޑުކަފައިގެން ގޮސް ގޮހޮރު ބުރިވެ، ބޭރަށް ނުކުމެގެން ފަރުވާކުރުމަށްޓަކައި މާލެ ގެންނަނިކޮށް މީހަކު މަރުވެއްޖެ އެވެ."
މިއީ އޮކްޓޯބަރު 10، 1977 ގައި ހިނގި ހާދިސާ އެކެވެ. ހާދިސާގައި ނިޔާވީ މ.މަޑުއްވަރީ ރަންހަނދުވަރުގޭ އަހުމަދު އާދަމް (49) އެވެ. އެ ހާދިސާ ހިނގީ މަޑުއްވަރީގައި ދުއްވާ، ދ.ވާނީ އަހުމަދުގެ ދޮހޮއްކޮގެ 'އޮޅުމަސް' ކިޔާ އިންޖީނުލީ މަސްދޯނީގަ އެވެ.
މި ވާހަކަ ވެސް 'އެކިއެކި ކަންކަން ހިނގިގޮތް' ގައި ވަނީ ރެކޯޑު ކުރެވިފަ އެވެ. މިއީ އާންމުކޮށް ހުރިހާ ރައްޔިތުންނަށް މުހިންމު ކަމަކަށް ނުވިޔަސް، އެ ހާދިސާގައި ހިމެނޭ ފަރާތްތަކުގެ އާއިލާއަށާއި، ގުޅުންހުރި ފަރާތްތަކަށް މުހިންމު ރެކޯޑެކެވެ. އެހެންވެގެން މި ކަހަލަ ހާދިސާތަކުގެ މައުލޫމާތުވެސް ރައްކާކުރެވެމުން ދިޔައީ އެވެ. އޭރު ދައުލަތުގެ ފަރާތުން މި ބަޔާންތައް ލިޔުއްވައި ރައްކާކުރައްވަމުން ގެންދެވީ ދައުލަތް ހިންގަވާން ތިއްބެވި ވެރިން ކުރައްވާނޭ އެހެން ކަމެއް ނެތިގެން، ފޫހިފުޅުވެގެން ނޫންކަން ގައިމެވެ. އަޅުގަނޑަށް މި ތަފުސީލުތައް މި އެނގުނީވެސް ލިޔެވިފައި އޮތީތީ އެވެ.
'ދިވެހިރާއްޖޭގެ އެކިކަންކަން ހިނގިގޮތް' ރަސްމީކޮށް ލިޔުއްވަން ފެށްޓެވީ ޖެނުއަރީ 12، 1942 ގަ އެވެ. އެދުވަހު ހިނގި އެންމެ ހާއްސަ ކަމަކީ ދިވެހި ދައުލަތް ހިންގެވުމުގެ ހުރިހާ ކަމެއް، އޭރުގެ ވަޒީރުލްއައުޒަމްގެ އޮފީހުން ވަޒީރުއްދާހިލިއްޔާ، ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާ ހަވާލުކުރެއްވުމެވެ. އެ ކިލެގެފާނުގެ ދުރުވިސްނުންފުޅުން އެޅުއްވި މި ހަރުދަނާ ފިޔަވަޅުގެ ސަބަބުން މިއަދު ތާރީހު ދިރާސާކުރާ މީހުންނަށް ލިބޭ ފަސޭހައާއި ދިވެހި ތާރީހަށް ލިބުނު މުއްސަނދިކަމުގެ ވާހަކަ ލިޔެ ކޮޅުން ނުލާނެ އެވެ.
ދުވަހު ޔައުމިއްޔާ ލިޔުއްވަން ފެށްޓެވި ޒަމާނަކީ މިހާރު މިފެންނަ ޒަމާނީ ފަސޭހަތައް ހުރި އިރެއް ނޫނެވެ. އެހެންވެގެން އެ ޔައުމިއްޔާ ތަކުގައި ލިޔެވިފައި ހުރީ ދައުލަތުގެ ރަސްމީ ހަރަކާތްތަކުގެ މައުލޫމާތާއި، ލިޔުއްވާ ބޭފުޅުންގެ ސަމާލުކަމަށް އަންނަ ކޮންމެ ހާދިސާއެއް ނުވަތަ ކަމެކެވެ. އެ ހާދިސާ ގުޅިފައި އޮތީ ކޮންމެ ދަރަޖައެއްގެ ކޮންމެ މީހަކާ ކަމުގައިވިޔަސް، އެކަމަކީ އާދަވެގެން ހިނގާ ކަމަކާ ހިލާފު ކަމަކަށްވެފައި، ލިޔުއްވާ ބޭފުޅުންނަށް އެކަމުގެ ހަބަރު ވެއްޖެނަމަ އެ ވާހަކައެއް ކަންކަން ހިނގިގޮތުގައި ރެކޯޑު ކުރެވެ އެވެ. މި ބަޔާންތައް ގައުމީ މުހިންމު ތަރިކައަކަށް ވެގެންދިޔަ އެއް ސަބަބަކީ މިއީ އެވެ.
މި ޔައުމިއްޔާތަކުގައި ލިޔެފައި ހުރި ވަރަށް ގިނަ ބަޔާންތަކުގެ މާ ބޮޑު ތަފްސީލެއް ލިޔެވިފައެއް ނެތެވެ. އެ ބަޔާންތަކުން އެނގެން އޮންނަނީ ވަކި ކަމެއް ހިނގައިފި ކަމެވެ. އެކަމުގެ ތަފުސީލުތައް ސަރުކާރު ހަބަރުގައި ކޮންމެވެސް ބޭފުޅަކު ލިޔުއްވާ މަޒުމޫނެއްގައި އޮވެދާނެ އެވެ. ނުވަތަ އެ ހާދިސާއަކާ ގުޅޭ ގޮތުން ލިޔެވޭ ފޮތެއްގައި ވެސް އޮވެދާނެ އެވެ. ޔައުމިއްޔާގައި އޮންނާނީ ހަމައެކަނި ހުލާސާ އެވެ. އެހެންނަމަވެސް، އެ ހާދިސާއެއް ހިނގައިފިކަން ރެކޯޑު ކުރެވޭކަމީ ވެސް ކުޑަ ކަމެއް ނޫނެވެ. އޭރު، ފުރިހަމަ މައުލޫމާތު ހޯދޭނޭ ވަސީލަތްތަކާއި އިންތިޒާމުވެސް ނެތީ އެވެ.
އަޅުގަނޑުމެން ދިރިއުޅެމުން މިގެންދާ ޒަމާނުގައި މިފަދަ ކަމެއް ހަމަޖައްސައި ހިންގާލުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަ އެވެ. ކޮންމެ ދުވަހެއްގެ ހާދިސާތައް ލިޔުމުގެ އިތުރުން މަންޒަރާއި އަޑު ރައްކާކުރުމުގެ ގާބިލުކަން އޮތީ ލިބިފަ އެވެ.
މި މަސައްކަތް އަލުންބަލުން، އިހު ކުރި ވަރަށްވުރެ މާ ފުރިހަމަ އިންތިޒާމެއްގެ ދަށުން އަލުން ފަށައިގެން ކުރުން ކިހިނެއްވާނެތޯ ހިޔާލު ހުށަހަޅަމެވެ.
އަޅުގަނޑުގެ ވިސްނުމަށް ފެންނަ ގޮތަކީ، ކޮންމެ ރަށެއްގައިވެސް ދުވަހު ޔައުމިއްޔާ ލިޔުމަކީ އެރަށެއްގެ ރަށު ކައުންސިލްގެ ޒިންމާއެއް ކަމުގައި އެކަށައެޅުމެވެ. މިއަދު ރަށުގައި ބޭއްވި ބޮޑު ޖާފަތަށް ތައްޔާރުވި ގޮތާއި، އެކަމުގައި އުޅުނު މީހުންގެ ނަމާއި، ކޭން ތައްޔާރުކުރި މީހުންނާއި، ކޭމުގެ ތަފްސީލުތަކާއި، ހަމަ މިދުވަހު ރަށުން މަހަށް ފުރި އުޅަނދުތަކާއި، ބޭނި މަހުގެ އަދަދު ފަދަ ތަފުސީލުތަކަކީ އެއް ރިޕޯޓަކުން ފެންނަ ގޮތަށް ބޭއްވިދާނޭ އެއްޗެކެވެ.
ކައުންސިލްތަކުން އެ ރަށެއްގެ ދުވަހު ޔައުމިއްޔާގައި ލިޔާނޭ ކަންކަމަކީ ކޮބައިކަން ކަނޑައަޅައި ބަޔާންކުރާ ގަވާއިދެއް ނުވަތަ އުސޫލެއް އޮންނާނެ އެވެ. ދެ މީހަކު އަރައިރުންވާ ކޮންމެ ފަހަރަކު އެ ވާހަކަ ޔައުމިއްޔާ ކުރާކަށް ނުޖެހެ އެވެ. ހާދިސާއެއް ޔައުމިއްޔާ ކުރާނީ ކޮން ހަމަތަކަކުންކަން، އަދި ކޮން ޝަރުތުތަކެއް ފުރިހަމަވީމައިކަން އެ އުސޫލުގައި ބަޔާންކުރާނީ އެވެ.
ރަށެއްގެ ދުވަހު ޔައުމިއްޔާ އޮންނަން ފެންނަނީ މިކަހަލަ ގޮތަކަށެވެ.
ކޮލަމާފުށީ ކުނާވިޔާގޭ ޝަރަފް ޝަރީފުގެ 'ބޯދި' 25 ފަޅުވެރިންނާއެކު މަހަށް ފުރި.
ކޮލަމާފުށި ހިތިލާގޭ މުހައްމަދު ރައޫފުގެ 'ރާސްތާ' 30 ފަޅުވެރިންނާއެކު މަހަށް ފުރި.
2.1. ޓޫރިޒަމް މިނިސްޓްރީން ކޮންމެ އަހަރަކު އިންތިޒާމުކުރާ 'ސަވާދީއްތަ' ދަތުރަށް ތައްޔާރުވުމަށް ކޮލަމާފުށީ ބަނދަރު ސަރަހައްދު ޒީނަތްތެރި ކުރެވުނު. މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވީ ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހީމް ވަހީދު. މި މަސައްކަތުގައި ރަށުގެ ގިނަ ބަޔަކު ބައިވެރިވެފައިވޭ.
2.2. ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރަށު ކައުންސިލްގެ ފަރާތުން ހާއްސަ ހަރަކާތްތަކެއް ބޭއްވުނު. ކައުންސިލްއިން އިންތިޒާމުކޮށްގެން ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި އެކި ކުޅިވަރުތައް ކުޅެވުނު. މި އިހުތިފާލު ޝަރަފުވެރިކޮށްދެއްވީ ކޮލަމާފުށީ ކުރީގެ ކަތީބު ހަސަން ހުސައިން.
3.1. މިއަދު ކުރި ވިއްސާރައިގައި މި ރަށުގައި ހުރި އެންމެ ބޮޑު ބަނބުކެޔޮގަސް ވެއްޓުނު. މިއީ މިރަށު ޔާސީނުގޭ ގޯތި ތެރޭގައި ހުރި ބަނބުކެޔޮގަހެއް.
3.2. މިއަދު މި ރަށު ބަނދަރު ސަރަހައްދުގައި ހިނގި މާރާމާރީއެއްގައި މި ރަށު ޖަހާމުގުރިގޭ ފާތުމަތު ސަލީމްއަށް އަނިޔާވި. މި ރަށުގައި ހަރަކާތްތެރިވާ ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން މިރަށު އާޖީލުގޭ ހަސީނާ ހަސީން ހައްޔަރުކޮށްފައި. ފުލުހުން ބުނަނީ ހާދިސާ ހިނގިގޮތް ތަހުގީގު ކުރަމުން ގެންދާ ކަމަށް.
މިއީ އަވަސް ވިސްނުމަކުން އަޅުގަނޑަށް ވިސްނޭ ގޮތެވެ. ޝައްކެއް ނެތެވެ. މި ހިޔާލު މިޔަށްވުރެ މާ ފުޅާކޮށް، ތަރައްގީކުރެވޭނެ އެވެ. ދައުލަތް ހިންގަވާން މި ތިއްބެވި ބޭފުޅުން މިކަހަލަ ކަންކަމުގައި މާ ތޫނުފިލިވާނެ އެވެ.
މި މަޝްރޫއު ފެށުމުން ރަށު ކައުންސިލްގެ ޒިންމާއަކަށްވާނީ ކޮންމެ ދުވަހެއްގެ ޔައުމިއްޔާ، މަރުކަޒީކޮށް ބަލަހައްޓަމުން ގެންދާ އަރުޝީފުގެ ވިއުގައަށް ހަމަ އެދުވަހު އަޕްލޯޑު ކުރުމެވެ. މިކަން ވިލަރެސްކޮށް ހިންގާ އިދާރާއަކީ ގައުމިއްޔަތު މިނިސްޓްރީ ކަމުގައި ހަމަޖެއްސިދާނެ އެވެ. މި އިންތިޒާމު މިހެން ހަމަޖެހުމުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ހިނގާ، ކަމަކަށް ވާ ކަހަލަ ހުރިހާ ކަމެއްގެ މައުލޫމާތު އެއް ވިޔުގައަކުން ލިބޭނޭ އިންތިޒާމު ހަމަޖެހުނީ އެވެ.
ދިވެހިރާއްޖޭގެ ތާރީހުގެ ވާހަކަ ދައްކައި އުޅޭ ހަމަ ކޮންމެ މީހެއްގެ އެންމެ ބޮޑު އުދާހަކީ، ތާރީހީ ވަރަށް މުހިންމު ހާދިސާތައްވެސް ހިނގި ގޮތް އެނގެން ނެތުމެވެ. އެތަނުން ވާހަކައަކާއި މިތަނުން ވާހަކައެއް ހޯދައިގެން، އެންމެ ކަމެއްގެ ބޮޑު މަންޒަރު ބަލަން ކުރަންޖެހޭ މަސައްކަތް ހިތަށް އެރީމާ އެހެންކަމަކާ އުޅުން މާ ހެޔޮވާނެޔޭ ހިތަށް އަރާހައި ވެއެވެ. މިކަހަލަ އިންތިޒާމެއް ރޭވިއްޖެނަމަ މި ތަކުލީފު ލައްކަތަނުން ކުޑަވާނެ އެވެ.
ހާދިސާތައް ލިޔެވިފައި ނެތީތީ އެކަމުގެ މައްޗަށް ހިތާމަކޮށް، އިހުތިބީންނަށް ބަދުބަސް ބުނުމުގެ ބަދަލުގައި އަޅުގަނޑުމެން ކުރާންވީ ހަގީގީ މަސައްކަތްތަކެވެ. އިހަށް ނުވެ އޮތް ކަންތައް ފަށައި، ހަމަމަގަށް އަޅުވާ ބަޔަކީ މި ޖީލުކަމުގައި ނުހެދޭންވީ ސަބަބެއް ނެތެވެ.
ހިނގަމުން މިދަނީ މިއަދުގެ ވަގުތެވެ. މާދަމާ މި ދުވަސް ވާނީ މާޒީއަށެވެ. މީގެ ފަންސާސް އަހަރު ފަހުން ވާނީ ދިވެހިންގެ ތާރީހަށެވެ. ގައުމިއްޔަތު ދިރުވޭނީ މިކަހަލަ ކަންކަމުން ނޫންހެއްޔެވެ؟
Comment