Advertisement

ޑިމޮކްރެޓްސްގެ ޝިފާޒް ވިލިމާލެ ދާއިރާއަށް ވާދަކުރަނީ

13 ފެބުރުވަރީ 2024 - 14:59 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ޝިފާޒް ވާހަކަ ދައްކަވަނީ. އޭނާ ވަނީ އެމްޑީޕީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައި --- ފޮޓޯ: އަދަދު ފައިލް


ޑިމޮކްރެޓްސްގެ ޝިފާޒް ވިލިމާލެ ދާއިރާއަށް ވާދަކުރަނީ

13 ފެބުރުވަރީ 2024 - 14:59 0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހާމަކުރައްވައިފި އެވެ.

"ވިލިމާލެއަށް ވެފައި އޮތް ގޮތް, ވިލިމާލެއަށް ވަމުންދާ ގޮތް, ވިލިމާލެއަށް ވާނެ ގޮތް, އެއީ މުޅި ރާްއްޖެއަށް ވާނެ ގޮތް. ރާއްޖޭގެ ރައްޔިތުން އުޅޭ ހާލު އެ ރައްޔިތުންނަށް ވަމުންދާ ގޮތް އެ އަންނަ ބަދަލު އެއް ރަށުން ފެންނަންޏާ ފެންނާނީ ވިލިމާލެއިން. އެ ހަގީގަތުގެ މައްޗަށް އެ ކަންބޮޑުވުންތަކަށް ތަސައްލީއެއް ހޯދައިދޭން," ވާދަކުރަން ނިންމި ސަބަބު "އަދަދު" ނޫހާ ހިއްސާކުރަމުން ޝިފާޒް ވިދާޅުވި އެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ހަގު ސިޔާސީ ޕާޓީ ކަމަށްވާ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރުމަށް ޝިފާޒް ހިމެނޭހެން 40 ކެންޑިޑޭޓުން މިހާތަނަށް ފޯމު ހުށަހަޅާފައިވެ އެވެ.

"މިވަގުތު ރާއްޖޭގެ މަޖިލިސް އެބަ ޖެހޭ ފާރަވެރިވެވޭނެ މަޖިލީހެއްގެ ގޮތުގައި އޮންނަން. ފާރަވެރި މަޖިލީހަކަށް ކުރާ އުންމީދުގައި ކުރިމަތި މިލީ," ޝިފާޒް ވިދާޅުވި އެވެ.

އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޝިފާޒް ވަނީ 17 ވަނަ މަޖިލީހުގައި ބާރަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފަ އެވެ. އެ ފަހަރު މަޖިލީހަށް ޝިފާޒް އިންތިހާބުވީ 870 ވޯޓުންނެވެ.

އޭނާ ވަނީ 18 ވަނަ މަޖިލީހުގައި ވެސް ހަމަ އެ ގޮނޑިއަށް ވާދަކުރައްވާފަ އެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް އޭނާއަށް އެ ގޮނޑި ކާމިޔާބު ކުރެވިފައި ނުވެ އެވެ.

ނިމިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ވެސް ޝިފާޒް ހުންނެވި އެވެ. ނަމަވެސް, އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ހިނގައިދިޔަ ކަންކަމުގެ ތެރޭގައި އޭނާ އެ މަގާމުން ވަކިކުރީ މާޗު 29, 2023 ގަ އެވެ.

އެއަށްފަހު އެމްޑީޕީގެ ތެރެއިން ސިޔާސީ މަސައްކަތް ކުރެވެން ނެތުމާއެކު ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސް ދައުރެއް އޭނާ އަދާކުރެއްވި އެވެ. އަދި, އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ވަޑައިގެންނެވި އެވެ.