Advertisement

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ބަންދު ކުރަނީ

13 ފެބުރުވަރީ 2024 - 11:54 2

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ބިދޭސީ މަސައްކަތްތެރިން -- ފޮޓޯ: އަދަދު


ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ބަންދު ކުރަނީ

13 ފެބުރުވަރީ 2024 - 11:54 2

ބިދޭސީންގެ އެކައުންޓަށް ރުފިޔާ ޖަމާވާ ގޮތަށް، ގަވާއިދާ ހިލާފަށް ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވައި، ބަންދުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދާހިލީ ހޯމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، އެކި ނަންނަމުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތަކާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެރޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކާއި ރަޖިސްޓްރީނުކޮށް ހިންގާ ވިޔަފާރިތަށް ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެފަދަ ވިޔަފާރިތަކުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ މީހާ ނޫން އެހެން މީހަކު، ބިދޭސީން ހިންގާ ވިޔަފާރިތަށް ހިމެނޭކަމަށް ހޯމް މިނިސްޓަރު އިހުސާނު ވިދާޅުވި އެވެ.

"އެހެން ނަމެއްގަ ރަޖިސްޓާ ކުރެވި، ނަމަވެސް އެ ކުރެވުނު ރަޖިސްޓްރީގެ ބޭރުން ހާއްސަކޮށް ބޭރު މީހަކު އިންވޯލްވް ވެގެން އޭނަގެ އަމިއްލަ އެކައުންޓަށް ރުފިޔާ ޖަމާވާހެން ހިންގަމުންދާ ތަންތަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ގަވާއިދާ ހިލާފަށް ހިންގާ މިފަދަ ވިޔަފާރިތައް ބަންދުކޮށް، ވިޔަފާރިތައް ހިންގާ ބިދޭސީން ރާއްޖެއިން ޑީޕޯޓުކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ކުރަމުން އަންނަ ކަން މިނިސްޓަރު އިހުސާނު ފާހަގަކުރެއްވި އެވެ.

ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއް ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާއަށް ގަބޫލު ކުރެވޭނަމަ އެ ވިޔަފާރީގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ގާނޫނެއް ވަނީ ޑިސެމްބަރު 2021, ގައި ވުޖޫދުކޮށްފަ އެވެ.