Advertisement

"ދިވެހި ގައުމިއްޔަތު" ގެ އަޖުމަ ބެލުމަށް 11 ސްކޫލެއްގައި އެ މާއްދާ ކިޔަވައިދޭން ފަށައިފި

13 ފެބުރުވަރީ 2024 - 10:26 0

އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ދަރިވަރަކު ދިދައެއް ވިހުރުވަނީ. ގައުމިއްޔަތު މާއްދާ އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށާނެ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


"ދިވެހި ގައުމިއްޔަތު" ގެ އަޖުމަ ބެލުމަށް 11 ސްކޫލެއްގައި އެ މާއްދާ ކިޔަވައިދޭން ފަށައިފި

13 ފެބުރުވަރީ 2024 - 10:26 0

ރާއްޖޭގެ ގައުމީ ތައުލީމީ މަންހަޖުގައި ވަކި މާއްދާއެއްގެ ގޮތުގައި "ދިވެހި ގައުމިއްޔަތު" ހިމަނައި، އަންނަ ދިރާސީ އައު އަހަރު ކިޔަވައިދޭން ފެށުމުގެ ކުރިން 11 ސްކޫލެއްގައި އެ މާއްދާގެ އަޖުމަ ބެލުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ސަރުކާރުގެ މީސްމީޑިއާ ޗެނަލްތަކުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި ލ. މާވަށު ސްކޫލްގެ ޕްރިންސިޕަލް ޒުލައިހާ ރަފީއު ސުވާލު ކުރެއްވި އެ މާއްދާއާ ގުޅޭ ގޮތުންނެވެ. "ދިވެހި ގައުމިއްޔަތު" ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނުމަށް ސޯޝަލް ކައުންސިލުން ނިންމީ ޖެނުއަރީ 10، ގަ އެވެ.

"މިހާރު ގައުމިއްޔަތު މާއްދާގައި އެ ހިނގަނީ ހަމައެކަނި ޕައިލޮޓް ޕްރޮޖެކްޓް. 11 ސްކޫލެއް އެޑިއުކޭޝަން މިނިސްޓްރީން ހިޔާރު ކުރައްވައިގެން ޕައިލޮޓް ކުރުމުގެ މަސައްކަތްތަކެއް އެބަ ހިނގާ. ހުރިހާ ކަމެއް ނިމުނީމާ ދެން ފެށޭ ދިރާސީ އަހަރު ގައުމިއްޔަތު މާއްދާ ރޯލްއައުޓް ކުރެވިގެންދާނެ," އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވި އެވެ.

ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދުނުމުގެ ކަރުދާސް ސޯޝަލް ކައުސިލަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުންނެވެ.

އެގޮތުން, ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި ގައުމިއްޔަތު ކިޔަވައިދޭން ނިންމީ ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ، ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމަށްޓަކައި ކަމަށް ސަރުކާރުން ބުނެ އެވެ.

އާ މާއްދާއެއް ގައުމީ ތައުލީމީ މަންހަޖަށް އިތުރުކުރަން ސަރުކާރުން ނިންމާފައިވާއިރު، ކުރީގެ ކަލަންޑަރަށް ބަދަލުތަކެއް ގެނައުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން މިހާރު ހިނގަމުން މިދާ ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ އޭޕްރީލް 30، ގަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ދިރާސީ އައު އަހަރު މެއި 26، ގައި ފަށައި، އަންނަ 2025 ގެ ފެބްރުއަރީގައި ނިންމާނެ އެވެ. އަދި އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މާޗު، 2025 ގައި ފަށާ ގޮތަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.