Advertisement

ދިވެހިން 12 އަަހަރު ކިޔެވިއަސް ހަތަރު އަހަރު އިސްރާފު: ދިރާސާ

7 ފެބުރުވަރީ 2024 - 13:47 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ރ. ހުޅުދުއްފާރު ސްކޫލް ކުދިންނާއި ބެލެނިވެރިން ތަކެއް: ރާއްޖޭގެ ތައުލީމުގެ ފެންވަރު ދަށް ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރި --- ފޮޓޯ: އަދަދު


ދިވެހިން 12 އަަހަރު ކިޔެވިއަސް ހަތަރު އަހަރު އިސްރާފު: ދިރާސާ

7 ފެބުރުވަރީ 2024 - 13:47 0

ދިވެހިން 12 އަހަރުގެ ތައުލީމު ހާސިލުކުރިއަސް އުނގަންނައިދިނުމުގެ ފެންވަރު ދަށްކަމުން ހަތަރު އަހަރު އިސްރާފުވާކަމަށް ރާއްޖޭގެ އިންސާނީ ވަސީލަތްތައް ހުރިވަރު ދެނެގަންނަން ވޯލްޑް ބޭންކުން އިއްޔެ އާންމުކުރި ދިރާސާއަކުން ދައްކައިފި އެވެ.

ވޯލްޑް ބޭންކުން ތައްޔާރުކުރި ހިއުމަން ކެޕިޓަލް އިންޑެކްސް (އެޗްސީއައި) ނުވަތަ އިންސާނީ ވަސީލަތް ހުރި މިންވަރާ ގުޅޭ ރިޕޯޓަކީ ސިއްހަތާއި ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާ ހާސިލުވަމުންދާ މިންވަރުގެ ސަބަބުން އަންނަން އޮތް ޖީލުގެ މަސައްކަތްތެރިންގެ އުފެއްދުންތެރިކަމަށް ކުރާ އަސަރު މިންކުރާ އިންޑެކްސް ދައްކުވައިދޭ ރިޕޯޓެކެވެ.

މި އިންޑެކްސް ބޭނުންކުރަނީ ގައުމަކަށް އިންސާނީ ވަސީލަތް މަދުވުމުގެ ސަބަބުން އާމްދަނީގެ ގޮތުގައި ގެއްލޭ މިންވަރު ކަނޑައެޅުމަށާއި އަވަސް ފިޔަވަޅު އަޅައި އެފަދަ ގެއްލުންތައް ފައިދާއަށް ބަދަލުކުރެވޭނީ ކިހާ އަވަހަކަށްތޯ ކަނޑައެޅުމަށެވެ.

މިއީ ނެޝަނަލް އަދި ސަބްނޭޝަނަލް ލެވެލްގައި ވޯލްޑްބޭންކުން ރާއްޖޭގެ ހިއުމަން ކެޕިޓަލް ހިސާބުކުރި ފުރަތަމަ ފަހަރެވެ. އެކަމަށްޓަކައި އެ ޖަމިއްޔާއިން ރާއްޖޭގައި ކުރި ދިރާސާގެ ރިޕޯޓުގައިވާ ގޮތުން ދިވެހިރާއްޖޭގެ ފުރަތަމަ ގައުމީ އެޗްސީއައި ސްކޯއަކީ 0.596 އެވެ.

މިއީ ސަރަހައްދީ ގައުމުތަކާއި ރާއްޖެ ފަދަ އެހެން ކުދި ޖަޒީރާ ގައުމުތަކާއި އާމްދަނީ އެއްވަރު ގައުމުތަކަށް ވުރެ މަތީ އަދަދެކެވެ.

ނަމަވެސް މި ސްކޯއަށް ބަލާއިރު ރާއްޖެއަށް މިއަދު އުފަންވާ ކުއްޖަކަށް ލިބޭ ތައުލީމާއި ސިއްހަތާ އެކު އެކުއްޖާއަށް 18 އަހަރު ވާއިރު އެވްރެޖްކޮށް އޭނާ އުފެއްދުންތެރި ވާނީ 60 ޕަސެންޓަށް ކަމަށް ބެލެވޭކަމަށް ރިޕޯޓުގައިވެ އެވެ. އެހެން ގޮތަކަށް ބުނާނަމަ ރާއްޖޭގެ ކުރިމަގުގެ އުފެއްދުންތެރިކަމުގެ 40 ޕަސެންޓް ދަނީ ގެއްލެމުންނެވެ.

ވިލިމާލެ މަގުމަތީގައި ކުޑަކުދިންތަކެއް، 18 އަހަރު ވާއިރު ދިވެހި ކުދިން އުފެއްދުންތެރިވާނީ 60 ޕަސެންޓަށް ކަމަށް ވޯލްޑްބޭންކުން ބުނޭ--- ފޮޓޯ: މިރާޝް/އަދަދު


ރާއްޖޭގެ ފުރަތަމަ ގައުމީ އެޗްސީއައިއާ ބެހޭގޮތުން ވޯލްޑްބޭންކުގެ ރިޕޯޓުގައި މައިގަނޑު ތިން ކަމެއް ފާހަގަކޮށްފައިވެ އެވެ.

ފުރަތަމަ ކަމަކީ ސިއްހީ ގޮތުން ރާއްޖެއިން ލިބޭ ރަނގަޅު ނަތީޖާތަކެވެ. އެގޮތުން އަލަށް އުފަންވާ ކުދިން އުމުރުން ފަސް އަހަރު ވަންދެން ދިރިހުރުމުގެ ނިސްބަތް 99 ޕަސެންޓަށް އަރާއިރު ބޮޑެތި މީހުން އުމުރުން 60 އަހަރު ވަންދެން ދިރިހުރުމުގެ ނިސްބަތުން ރާއްޖެއަށް 95 ޕަސެންޓް ހާސިލުކުރާކަމަށް ދިރާސާއިން ދައްކަ އެވެ. ރާއްޖޭގެ އެޗްސީއައި ސްކޯ އެހާ ރަނގަޅުވުމުގެ މައިގަނޑު ސަބަބަކީވެސް މިއީ ކަމަށް ރިޕޯޓުގައިވެ އެވެ.

ދެވަނަ ކަމަކަށް ރިޕޯޓުގައި ފާހަގަކުރީ ރާއްޖޭގެ އިންސާނީ ކެޕިޓަލް ގާބިލުކަން ފުރިހަމަ ކުރުމަށްޓަކައި ތައުލީމުގެ ފެންވަރުގެ ގޮތުން ހައްލުކުރަންޖެހޭ މުހިންމު ގޮންޖެހުންތަކެވެ. އެގޮތުން ރާއްޖެއަށް އުފަންވާ ކުދިން ކިޔަވާ އަހަރު، ދެކުނު އޭޝިއާ ރާއްޖެ ފަދަ އެހެން ގައުމުތަކަށް ވުރެ މަތި ނަމަވެސް ތައުލީމީ ފެންވަރު ދަށްކަމުން ހަތަރު އަހަރު އިސްރާފުވާ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ވަޒީފާގެ ނިސްބަތަށް ރިއާޔަތްކޮށް އެޗްސީއައި މިންވަރު ކުރާއިރު މޯލްޑިވްސް ޔުޓިލިޒޭޝަން އެޖަސްޓްޑް އެޗްސީއައި (ޔޫއެޗްސީއައި) ނަމްބަރުތަކުން، ރާއްޖޭގައި ބޭނުން ނުކުރެވޭ އިންސާނީ ކެޕިޓަލްގެ ސަބަބުން ގައުމީ ކުރިއެރުމުގެ ފުރުސަތު ގެއްލޭކަމަށް ބުނެފައިވެ އެވެ.

އެގޮތުން މިއަދު އުފަންވާ ކުދިންނަށް ރާއްޖެއިން މިހާރު ލިބޭ ތައުލީމާއި ސިއްހަތު ލިބި، ވަޒީފާ އަދާކުރާ ބޮޑެތި މީހުންނަށް ވެވޭއިރު އެ އުމުރުގައި އުފެއްދުންތެރިކަން ލިބޭނެ ކަމަށް ލަފާކުރެވެނީ އެންމެ 37 ޕަސެންޓަށް ކަމަށާއި ލޭބަ މާކެޓަށް ދިއުމުން ރާއްޖޭގެ ޕޮޓެންޝަލް ޕްރޮޑަކްޓިވިޓީގެ ގާތްގަނޑަކަށް 23 ޕަސެންޓް ޕޮއިންޓް ގެއްލިގެންދާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.