Advertisement

އުދިނޭޒީ އަތުން ބަލިވެ ޔުވެންޓަސް އަށް ގެއްލުން

13 ފެބުރުވަރީ 2024 - 08:22 0


އުދިނޭޒީ އަތުން ބަލިވެ ޔުވެންޓަސް އަށް ގެއްލުން

13 ފެބުރުވަރީ 2024 - 08:22 0

ޓިއުރިން (ފެބްރުއަރީ 13) - އިޓާލިއަން ލީގުގައި އުދިނޭޒީ އަތުން 1-0 އިން ބަލިވެ، ލީގު ހޯދުމުގެ ރޭހުގައި ޔުވެންޓަސް އިން ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޔުވެންޓަސްގެ މި ނަތީޖާއާ އެކު، ލީގުގެ އެއް ވަނައިގައި އިންޓަ މިލާނަށް މި ވަނީ ލީޑު އިތުރަށް ފުޅާކުރަން ފުރުސަތު ފަހިވެފަ އެވެ. އެއީ، އިންޓަ އިން މި ވަގުތު ހަތް ޕޮއިންޓުގެ ލީޑަކާ އެކު އޮތީ، 23 މެޗުން 60 ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް އަށް 53 ޕޮއިންޓް ހޯދުނީ، 24 މެޗު ކުޅެގެންނެެވެ. މެޗު ހަމަކުރާއިރު، ލީޑު 10 ޕޮއިންޓަށް ފުޅާކުރުމުގެ ފުރުސަތު އިންޓަ އަށް އެބައޮތެވެ.

މި މެޗުގައި އުދިނޭޒީ އަށް ގޯލު ޖަހައިދިނީ، 25 ވަަނަ މިނިޓްގައި އާޖެންޓީނާގެ ޑިފެންޑަރު، ލައުޓާރޯ ޖިއަނެއްޓީ އެވެ. މިއީ ލީގުގެ 15 ވަނައިގައި އޮތް އުދިނޭޒީން މި ފަހަރު ލީގުގައި ހޯދި ތިން ވަނަ މޮޅެވެ.

ޔުވެންޓަސް އިން މި މެޗުގައި ކުޅުނީ އެ ޓީމުގެ އެއް ނަމްބަރު ފޯވާޑް، ޑޫސާން ވްލާހޮވިޗް ނުލަ އެވެ. މި މެޗުގައި ޔުވެންޓަސްގެ އާކައުންޑިއުޒް މިލިކް ވަނީ ގޯލެއް ޖަހައިފަ އެވެ، އެކަމަކު، އެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރިއިރު، ފެޑެރީކޯ ކިއޭސާ އަތުން ބޯޅަ ވަނީ ބޭރުވެފަ އެވެ.

ލީގުގައި ފުރަތަމަ ފަހަރަށް މި ސީޒަނުގައި އަމިއްލަ ދަނޑުގައި ބަލިވި މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނީ، ނަތީޖާއެއް ނެރެވޭ ވަރުގެ ކުޅުމެއް އެ ޓީމަށް މި މެޗުގައި ނުދެއްކޭ ކަމަށާއި ލީގުގެ ރޭހުގައި މިހާރު އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.