Advertisement

އިސްރަށްވެހިންގެ މަރުކަޒުގެ ފެކްޓު ޗެކް

13 ފެބުރުވަރީ 2024 - 09:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޤުރުއާނާ ބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތް. -- ފޮޓޯ: އަދަދު


އިސްރަށްވެހިންގެ މަރުކަޒުގެ ފެކްޓު ޗެކް

13 ފެބުރުވަރީ 2024 - 09:00 0

އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ގާއިމުކުރުމަށް ކެބިނެޓުގެ ލަފައާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި ކަމަށް ޑިސެމްބަރު 24، 2023 ވަނަ ދުވަހު ރައީސް އޮފީހުން ހާމަކުރީ މުޅިން އާ މަޝްރޫއެއްގެ ގޮތުގަ އެވެ.

"އިސްރަށްވެހިންނަށް ހާއްސަ އިޖުތިމާއީ މަރުކަޒުތައް ގާއިމުކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ފުރަތަމަ މިފަދަ މަރުކަޒެއް، މާލެ ސިޓީގައި ކުރިން ޤުރުއާނާބެހޭ މަރުކަޒު ހިންގަމުންދިޔަ އިމާރާތުގައި ހުޅުވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަރުކަޒުތައް ގާއިމުކުރުމަށް ކެބިނެޓްގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމެވި," ޑިސެމްބަރު 25، 2023 ގައި ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. އެ ނިންމުން ކެބިނެޓު އޮތް ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހާމަކުރި އެވެ.

މިކަން ނިންމީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހުށަހެޅި ކަރުދާހަކަށް ކެބިނެޓުގައި މަޝްވަރާ ކުރެއްވުމަށްފަހެވެ. އެ ކަރުދާސް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. މަޝްރޫއާ ގުޅޭ ގޮތުން މި ސަރުކާރުން ހާމަކުރި އެއްވެސް މައުލޫމާތެއްގައި އެފަދަ މަޝްރޫއެއް ކުރިން ފެށިގެން ހިންގަމުންދާކަން ބަޔާން ކޮށްފައި ނެތެވެ. އެހެންވެ، ޑިސެމްބަރު 24، 2023 ވަނަ ދުވަހުގެ ކެބިނެޓުގެ މި ނިންމުމަކީ މުޅިން އާ މަޝްރޫއެއްގެ ގޮތަށް ގަބޫލު ކުރެވިދާނެ އެވެ.

މަޝްރޫއުގެ ފެށުން

އިސް ރަށްވެހިންނަށް އެއްތަނަކުން ބައްދަލުވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލައި އުޅެވޭ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަކެއް މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްދެއްވުމަށް ގަސްދު ކުރައްވާކަން ފެބްރުއަރީ 16، 2023 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރެއްވި އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގަ އެވެ.

އެއާއެކު އެ މަޝްރޫއުގެ މަސައްކަތް ކަމާ ގުޅޭ މުއައްސަސާތަކުން ހިންގަން ފެށި އެވެ.

އިސްރަށްވެހިންގެ މަރުކަޒުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު ނަގާފައިވާ ފޮޓޯއެއް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ގުރުއާނާބެހޭ މަރުކަޒު ހިންގި އިމާރާތް ހިޔާރު ކުރުން

އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒެއްގެ ގޮތުގައި ތަރައްގީ ކުރަން ކުރީގެ ސަރުކާރުން ނިންމީ އަމީރު އަހުމަދު މަގުގައި ކުރިން ގުރުއާނާބެހޭ މަރުކަޒު ހިންގި އިމާރާތެވެ. އެ މަޝްރޫއު މިދިޔަ އަހަރުގެ ކުރީކޮޅުގައި ފެށި އެވެ. ސޯލިހުގެ ވެރިކަން ނިމުނުއިރު މަރުކަޒު މަރާމާތުކޮށް މުޅި އިމާރާތް ނިމެން ހުރީ ގާތްވެފަ އެވެ. ސޯލިހުގެ ވެރިކަމުގައި އިސްރަށްވެހިންގެ މަރުކަޒު ހުޅުވަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވި އެވެ.

ގުރުއާނާބެހޭ މަރުކަޒު ހިންގި އިމާރާތުގައި އިސްރަށްވެހިންގެ މަރުކަޒެއް ހަދާނެކަން އިއުލާނު ކުރުމުގެ ކުރިން އެ ޔަގީންކަން ރާއްޖޭގެ އިސްރަށްވެހިންގެ ޖަމިއްޔާއަށް ވެސް ސަރުކާރުން އޮތީ ދެއްވައިފަ އެވެ. އެކަން އެ ޖަމިއްޔާގެ އިސް އޮފިޝަލަކު ޔަގީންކޮށް ދިނެވެ.

މި ސަބަބުތައް މިހެން ހުރުމާއެކު، ގުރުއާނާބެހޭ މަރުކަޒުގައި ހަދާ އިސްރަށްވެހިންގެ މަރުކަޒަކީ މި ސަރުކާރުގެ މަޝްރޫއެއް ނޫންކަމާއި، އެއީ އާ މަޝްރޫއެއް ވެސް ނޫންކަން ކަށަވަރުވެ އެވެ.