Advertisement

އާތީ އަށް މަސް އޮޑިން ހަވާލުކުރި ޓާގެޓް ހާސިލްކޮށްފި، ތަށީގެ ވާހަކަ ދޫކޮށްލީ ކުޅުންތެރިންނަށް!

12 ފެބުރުވަރީ 2024 - 12:55 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މަސް އޮޑީގެ މެޗެއްގެ ތެރެއިން ކޯޗު އާތީ: ޓާގެޓަކީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުން ކަމަށާއި ތަށި ހޯދަން މަސައްކަތްކުރާނީ ކުޅުންތެރިންގެ ހިތްވަރުން ކަމަށް ބުނެފައިވޭ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އާތީ އަށް މަސް އޮޑިން ހަވާލުކުރި ޓާގެޓް ހާސިލްކޮށްފި، ތަށީގެ ވާހަކަ ދޫކޮށްލީ ކުޅުންތެރިންނަށް!

12 ފެބުރުވަރީ 2024 - 12:55 0

މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް، މަސް އޮޑި ސްޕޯޓްސް ކްލަބުން އޭނާއާ ހަވާލުކުރި ޒިންމާ އަކީ، ފުރަތަމަ ޑިވިޝަނަށް އެ ޓީމު ޕްރޮމޯޓްކޮށްދިނުން ކަމަށާއި ފައިނަލްގެ ޖާގައާ އެކު އެ ޓާގެޓް ހާސިލްވެއްޖެ ކަމަށް މަސް އޮޑި ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ފުރުސަތު ލިބޭ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެ އެވެ.

އެ ގޮތުން، ފުރަތަމަ ސެމީގައި، މަސް އޮޑިން ވަނީ އިއްޔެ ހަވީރު ޓެންޓް ސްޕޯޓްސް ކްލަބް އަތުން 5-1 އިން މޮޅުވެ، ފައިނަލްގެ ޖާގަ ހޯދައި، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.

މިއީ މަސް އޮޑިން ދެ ވަނަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ ފަހަރެެެވެ. ތިން ވަނަ ޑިވިޝަނުގެ ރަނަރަޕް ގޮތުގައި ދެ ވަނަ ޑިވިޝަނުގައި އައިސް ކުޅުނު މަސް އޮޑިން މި ވަނީ އެއްބުރުން، ފުރަތަަމަ ޑިވިޝަނުން ޖާގަ ހޯދައިފަ އެވެ. އެއީ، މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ.

"އިރާދަކުރެއްވީތީ، މަސް އޮޑިން މި މަސްއޫލިއްޔަތު ހަވާލުކުރުމަށް ފަހު ޓާގެޓަކަށްވީ، ފަސްޓް ޑިވިޝަނަށް ޓީމު ޕްރޮމޯޓްކުރުން. ދެން ވަރަށް ބޮޑަށް އެ އަށް ފޯކަސް ކޮށްގެން މި އައީ. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަގްސަދު ހާސިލްވެފައި މި އޮތީ،" ފުރަތަމަ ޑިވިޝަނުގައި، ވިކްޓަރީ، ޔުނައިޓެޑް ވިކްޓަރީ، ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކްލަބަށް އިރުޝާދުދީފައިވާ އާތީ ބުންޏެވެ.

އަންނަ ހުކުރު ދުވަހުގައި ކުޅޭ ފައިނަލުގައި މަސް އޮޑިން ކުޅެން ޖެހޭނީ، މިއަދު ކުޅޭ ދެ ވަަނަ ސެމީގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކޮށްގެން، މޮޅުވާ ޓީމަކާ އެވެ.

ފައިނަލާ ގުޅޭގޮތުން، އާތީ ދިނީ ކުޅުންތެރިންނަށް މެސެޖެކެވެ.

"ދެން، ކުދިން ބޭނުމިއްޔާ ކޯޗަށް ތަށި ނަގާލަދޭންވީ. ދެން ކޯޗު، ބޭނުންވާ ހިސާބަށް މި އޮތީ ޓީމު އައިސްފައި،" އާތީ ބުންޏެވެ.

މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުރިމަތިވި ގޮންޖެހުންތަކަށް އިޝާރާތްކޮށް ވެސް އާތީ ވާހަކަ ދެއްކި އެވެ. އެ ގޮތުން، މަސް އޮޑި ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ކުޅޭ ކުޅުންތެރިން ކަމަށްވާއިރު، އެެ މުބާރާތާ އެކު، ދެ ވަނަ ޑިވިޝަން ކުރިއަށްދިއުމުން، ކުޅުންތެރިންގެ ފިޓްނަސް ބޭނުންވާ ލެވަލްގައި ހިފަހައްޓަން އުނދަގޫވި ކަމަށް އާތީގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.

"އެއް ގޮތަކަށް ވެސް މުޅި ޓީމުގެ ފިޒިކަލް ފިޓްނަސް އިންނަނީ އަޅުގަނޑު އަތަކު ނޫން. ގާތްގަނޑަކަށް 50 ޕަސެންޓް ވަރު މި އިންނަނީ. އެ ފިޔާ (ބިރު) އިދޭ، ނޫނިއްޔާ ވަރަށް ކޮމްފޮޓަބަލްކޮށް (ފަސޭހަކޮށް) މި ކުރީ،" ގައުމީ ޓީމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ އާތީ ބުންޏެވެ.

މުބާރާތުގެ ފެންވަރާ ބެހޭ ގޮތުުން އާތީގެ ވާހަކަ އަކީ، ޓީމުތަކަށް ބައެއް މެޗުތަކަށް ހާޒިރުނުވުމުގެ ގެއްލުން ބޮޑު ކަމަށެެވެ.

"އެއީ ވަރަށް ދެރަ ކަމެއް. އެއީ ބައެއް ޓީމުތަކަށް ވަރަށް ގެއްލުން އެބަވޭ. ހާޒިރުނުވީމަ ވާ ގެއްލުމަކީ، ދެން އޮތް މެޗަށް ޕްރެޕަރޭޝަަނަށް (ތައްޔާރީތަކަށް) ދަތިކަން އެބައާދޭ. އެހެންވީމަ އެއީ ވަރަށް ދެރަ ކަމެއް. ދެން ބައެއް ޓީމުތަކުގެ ތައްޔާރުވުން މި ހުންނަނީ ބައިވެރިވެލަން. އެ ގޮަތަކަށް ނޫން ކަންނޭނގެ މުބާރާތް ކުޅޭނީ،" އާާތީ ބުންޏެވެ.

މީގެ އިތުރުން، ދެ ވަނަ ޑިވިޝަންގެ ހުރިހާ މެޗެއް ހަވީރު ކުޅުމާއި ސެމީ ފައިނަލް އާއި ފައިނަލް މެޗު 15:30 ގައި ފަށާ ގޮތަށް އޮތުމަކީ، ކުޅުންތެރިންގެ ސިއްހަތާއި މި ކަންކަމަށް ބަލާއިރު، އެންމެ ރަނގަޅު ކަމެއް ނޫން ކަމަށް އާތީ ބުނެފައިވެ އެވެ.

އަދި މި ކަމުގައި އާތީގެ އިލްތިމާސަކީ، އެފްއޭއެމް އާއި ސްޕޯޓްސް މިނިސްޓްރީން ގަލޮޅު ދަނޑުގެ ލައިޓިން ކަންކަން ހައްލުކޮށް، އެންމެ ރަނގަޅު ޝެޑިއުލެއްގެ ތެރެއިން މުބާރާތް ރޭވިގެންދާނެ ގޮތެއް ހޯދުން ކަމަށެވެ.

"އުންމީދު މި ކުރަނީ ޔޫތު (ސްޕޯޓްސް) މިނިސްޓްރީ އާއި އެފްއޭ އިން ޒުވާނުންނަށް މިކަން ކޮށްދޭނެ ކަމަށް.،" އާތީ ބުންޏެވެ.

މި ފަހަރުގެ ދެ ވަނަ ޑިވިޝަންގެ މެޗުތައް މުޅިން ހަވީރުކުޅޭ ގޮތަށް ހެދީ، ގަލޮޅު ދަނޑުގެ ލައިޓްތަކަށް ދިމާވެފައިވާ މައްސަލައާ ހެދި، ރޭގަނޑު މެޗު ކުޅެވެން ނެތުމުންނެވެ. ލައިޓިން މައްސަލަ ހައްލުކުރަން، ސްޕޯޓްސް މިނިސްޓްރީން ވަނީ ސިވެކާ ހަވާލުކޮށްފަ އެވެ. އެކަމަކު، އެއީ ދެ ވަނަ ޑިވިޝަން ފެށިތާ މަހެއްހާ ދުވަސް ފަހުންނެވެ.