Advertisement

ނިއު-ވިކްޓްރީ: މާޒީގެ ހަނދާންތަކާ އެކު ތާރީހީ ބުރަދަން ހުރި މެޗަކަށް

12 ފެބުރުވަރީ 2024 - 09:47 0

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

ނިއު އާއި ވިކްޓްރީގެ ކުރިމަތިލުންތައް: އަބަދުވެސް ފޯރިގަދަވޭ.


ނިއު-ވިކްޓްރީ: މާޒީގެ ހަނދާންތަކާ އެކު ތާރީހީ ބުރަދަން ހުރި މެޗަކަށް

12 ފެބުރުވަރީ 2024 - 09:47 0

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކުރިމަތިލުމެއް ދެ ވަނަ ޑިވިޝަނުގައި އެބައޮތޭ ބުނެފި ނަމަ، މީގެ އަހަރުތަކެއް ކުރިން އެކަކު ވެސް ގަބޫލެއް ނުކުރާނެ އެވެ. އެއީ އެއަށް ވުރެ ބޮޑަށް ދިވެހި ފުޓްބޯޅައިގެ މަތީ ފަޑީގައި ފައިހަރުކޮށްފައި އޮތް ދެ ޓީމެވެ. ނަމަވެސް ހާލަތު މިވަނީ ބަދަލުވެފަ އެވެ.

ކުރިން، އަބަދުވެސް އެއް ވަނަ ޑިވިޝަނުގެ ތަށްޓަށް ވާދަކުރި ދެ ޓީމު މިއަދު ހަވީރު ގަލޮޅު ދަނޑުގައި ނުކުންނާނީ ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ޖާގައެއް ހޯދާށެވެ. ދިވެހި ފުޓްބޯޅައިގެ ފޯރިކެނޑިފައިވީ ނަމަވެސް މި ދެ ޓީމުގެ ކުރިމަތިލުން މިއަދު ފެންނަނީ ވަރަށް ޝައުގުވެރިކޮށެވެ. އެއީ ހަމައެކަނި ދެ ޓީމުގެ ތާރީހާއި، ނަމުގެ ސަބަބަކުން ނޫނެވެ. މިއީ އަހަރުތަކަކަށް ފަހު، މީގެ ތެރެއިން އެއް ޓީމަށް އެއް ވަނަ ޑިވިޝަނުން ޖާގަ ލިބެން އޮތް މެޗަށް ވާތީވެ އެވެ.

ދެ ޓީމަށް ވެސް ދިމާވީ އެއް ކަހަލަ ގޮތެކެވެ. މާލީ މައްސަލަތަކެވެ. ކުޅުންތެރިންނާއި، ކޯޗުންނަށް މުސާރަ ނުދެވި، ދަރަނިވެރިވީ އެވެ. ކަންދިމާވި ގޮތުން 2018 ގައި ނިއު އާއި ވިކްޓްރީ އަށް އެ ހާލަތު މެދުވެރިވީއިރު، ދެ ޓީމުގެ މެނޭޖްމަންޓުން ދިޔައީ އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ހުށަހަޅަން ތައްޔާރުވަމުންނެވެ. އެކަން ނާކާމިޔާބުކޮށްލަން ފުރުސަތަކަށް ބަލަބަލާ އޮތް އެފްއޭއެމަށް، ރަނގަޅު ސަބަބެއް ލިބި ދެ ޓީމު ވެސް އަދަބުދިނީ އެވެ.

ވިކްޓްރީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އެ ހިސާބުން ދެ ޓީމު ވެސް ދެ ވަނަ ޑިވިޝަނުގައި ނުމެ ކެވި، ނުމެ ދިރި އެެހެން އޮތީ އެވެ. ޓީމު ކޮޅަށް ނެގޭތޯ ސަޕޯޯޓަރުން މަސައްކަތްކުރި ނަމަވެސް، ބިޔަ ދަރަންޏާ ހިފާހިފާ ކުރިއެރުމެއް ނުލިބުނެވެ. އެންމެ ފަހުން އެހީގެ އަތެއް ދިއްކޮށްލީ މިދިޔަ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ އެހީއާ އެކު ދަރަނި ހަލާސްކޮށް 2022 ވަނަ އަހަރު ނިއު އާއި ވިކްޓްރީން ދެ ވަނަ ޑިވިޝަނުގައި ވާދަކުރި ނަމަވެސް، ފައިނަލާ ހަމަޔަށް ދެވޭ ގޮތް ނުވުމުން، އެއް ވަނަ ޑިވިޝަނުން ފުރުސަތު ލިބޭ ގޮތެއް ނުވި އެވެ.

މި ފަހަރު މިއޮތީ މީގެ ތެރެއިން ކޮންމެވެސް އެއް ޓީމަކަށް މިވަނީ ޖާގަ ކަށަވަރުވެފަ އެވެ. ނިއު އާއި ވިކްޓްރީ އަށް ވެސް ފުރުސަތު ލިބެން ގިނަ ބަޔަކު ބޭނުންވި ނަމަވެސް، ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބެނީ ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެ ޓީމު ކަމަށް ވެފައި، މި ފަހަރު ދެ ޓީމު އޮތް ފަޅީގެ ގޮތުން، އެކަން އެހެން ވާން ނެތީ އެވެ.

އެކަމަކު ދެ ޓީމުގެ ވާދަވެރިކަމަށް ބަލާއިރު، މިގޮތަށް ވުމަކީ މެޗުގެ ފޯރިގަދަވާނެ ސަބަބެކެވެ. ނިއު އާއި ވިކްޓްރީއާ ދެމެދު އޮތީ މި ދެ ޓީމު އުފެދުމުގެ ވެސް މާ ކުރިން ހެންވޭރާއި، ގަލޮޅާ ދެމެދު ފެށުނު ވާދަވެރިކަމެކެވެ. މާލޭ ޒަމާނީ މިއުޒިކީ ކްލަބުން ވަކިވި ކުޅުންތެރިންތަކެއް 1971 ވަނަ އަހަރު އުފެއްދި ވިކްޓްރީ އާއި، ރޭޑިއަންޓް ކްލަބް ދެބައިވެ 1979 ވަނަ އަހަރު އުފެއްދި ނިއު ރޭޑިއަންޓާ، ވާދަވެރިކަމުގެ ސިލްސިލާ ފެށުނީ 1980ގެ އަހަރުތަކުގެ ކުރީކޮޅެވެ.

ނިއު ބަލިކޮށް 1980 ވަނަ އަހަރުގެ ގައުމީ މުބާރާތް ކާމިޔާބުކުރުމަށް ފަހު ވިކްޓްރީ ކުޅުންތެރިން އުފާފާޅުކުރަނީ.


ނިއު އިން 1982 ވަނަ އަހަރު ގައުމީ މުބާރާތް ކާމިޔާބުކޮށްފައި ވަނިކޮށް ވިކްޓްރީން ޖެހިގެން އައި ދެ އަހަރު މުބާރާތް ހޯދައި، 1985 ގައި މިލްކުކުރުމުގެ ފުރުސަތު ހޯދި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ވިދިވިދިގެން ތިން ފަހަރު ހޯދުމަކީ އެހާތަނަށް އެއްވެސް ޓީމަކަށް ވެފައި އޮތް ކަމަކަށް ނުވާތީ، ވިކްޓްރީ އަށް އެ ޝަރަފް ލިބިޔަނުދޭން ނިއު އިން 1985 ގެ ފައިނަލަށް ނުކުތީ އާދަޔާހިލާފު ރޫހެއްގަ އެވެ. އޭރު އަލަށް ވިދާލި މޫސާ މަނިކު (ކުޑަމޫސަ) އާއި މުހައްމަދު ކަލީމާއި އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) ފަދަ ކުޅުންތެރިންނާ އެކު ނިއު އޮތީ ވަރުގަދަ ފޯމެއްގައި ވެސް މެ އެވެ.

މުޅި މާލެ އެ މެޗެއް ބަލަން އެއްތަންވި، ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ އެއްވަރުވެފަ އެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި، ވިކްޓްރީގެ ޒުވާން ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) ޕެނަލްޓީ ވައްދާލުމަށް ފަހު އަނބުރާ ގޯލަށް ދިޔައިރު ނިއު އިން ޖަހަން ގޮސް ހުރީ މޫސަ އެވެ. ދެން އައީ ދިވެހި ފުޓްބޯޅައިގައި މިހާތަނަށް އައި އެންމެ ތާރީހީ އެއް ހިނދުކޮޅެވެ. މޫސަގެ ޕެނަލްޓީ މާއްޓޭ މަަތަކުރީ އެވެ. ވިކްޓްރީ އަށް ތަށި މިލްކުވީ އެވެ.

ނިއު އަށް ވީ ގޮތް ހެއްޔެވެ؟ އެ ޓީމުގެ ސަޕޯޓަރުން އެ ތިބި ތަނަށް ގާވީ އެވެ. ކުޅުންތެރިން ދަނޑުމައްޗަށް ދެމުނީ އެވެ. ކުޅުންތެރިން ދަނޑުން ނެރެން ޖެހުނީ ބައެއް ސަޕޯޓަރުން ކަށިން ނެރުނު ހިތްވަރާ އެކު ތެދުވެ، ކުޅުންތެރިން އަތުލަފިކޮށްގެންނެވެ. އެ ލިބުނު ހިތާމައާ އެކު ރުއިން ނުހުއްޓި މާލޭގައި ވެސް ތިބެން އުނދަގޫވުމުން އެ ކުޅުންތެރިން ގެންދިޔައި، ކްލަބުގެ އިސްވެރިޔަކާ ގުޅުން އޮތް މާލެ ކައިރީ ރިޒޯޓަކަށެވެ.'

"އެއީ މިހާތަނަށް ކުޅިވަރުގައި އެންމެ ދެރަވި ދުވަސް،" އަންދަރޭ ބުންޏެވެ."

ނިއު އިން 1999 ވަނަ އަހަރުގެ ކަޕްވިނާސް ކަޕުގެ ކާމިޔާބީގެ އުފާފާޅުކުރަނީ.


އެ ހިސާބުން ނިއުގެ އަމާޒަކަށްވީ، ވިކްޓްރީގެ އެ ކާމިޔާބަށް ހިޔަނި އަޅުވާލުމަށްޓަކައި، ގައުމީ ތަށި މިލްކުރުމެވެ. އެ ޓީމުން 1990 އާއި 1991 ގައި ގައުމީ ތަށި ހޯދައި 1992 ގައި މިލްކުކުރުމުގެ ފުރުސަތު ހޯދި އެވެ. ކަންދިމާކުރި ގޮތުން ފައިނަލުގައި ވާދަކުރަން ޖެހުނީ ވިކްޓްރީއާ އެވެ. މި ފަހަރު ވެސް ކުރި ހޯދީ ރަތް ޓީމުންނެވެ. ޒުވާން އިސްމާއީލް އަނިލްގެ ގޯލުން 1-0 އިން މޮޅުވެ ވިކްޓްރީން، އެ ޓީމުން ހޯދި ޝަރަފް ވާދަވެރި ނިއު އަށް ލިބިޔަނުދިނެވެ.

އެފަދަ ނަތީޖާތަކާ އެކު، ދެ ޓީމުގެ ވާދަވެރިކަން ދިޔައީ ބޮޑުވަމުންނެވެ. އެ ވާދަވެރިކަން އެންމެ ބޮޑަށް ފެނުނީ 1990 ވަނަ އަހަރުގެ ޕޮމިސް ކަޕުގައި އިންޑިއާގެ ކެރެލާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ވިކްޓްރީ ކުޅުނު މެޗުގައި ނިއުގެ ސަޕޯޓަރުން ފާޅުގައި ކެރެލާ ޓީމަށް ސަޕޯޓްކުރުމުންނެވެ. އެކަމާ ގުޅިގެން އެ މެޗުގެ ޓީވީ ކޮމެންޓްރީ ދިން މަޝްހޫރު ފިލްމް ޑިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ނިއުގެ ސަޕޯޓަރުން ތިބޭ މަޖީދީމަގާވީ ފަޅީގެ ސިޑިބަރިއަށް ނިސްބަތްކޮށް ބުނީ އެއީ ކެރެލާ ސިޑިބަރި ކަމަށެވެ.

ގައުމީ މުބާރާތުގެ ރަސްކަން އޭރު ކުރަމުން އައި ވިކްޓްރީން 2000 ވަނަ އަހަރުގެ ފައިނަލުން ވެސް، ހަމަ އަނިލްގެ ލަނޑުން ނިއު ބަލިކުރި އެވެ. ވިކްޓްރީން ދެ ވަނަ ފަހަރަށް ގައުމީ ތަށި މިލްކުކުރީ އެ އަހަރު ތަށި ހޯދައި ފެށި ސިލްސިލާގެ ދަށުން 2002 ވަނަ އަހަރެވެ. ނަމަވޗެސް ފަހަރު ތަށި މިލްކުކުރީ ފައިނަލުގައި ވެލެންސިއާ ބަލިކޮށްފަ އެވެ.

2001 ވަނަ އަހަރު ނިއުގެ ލުއްޑާ (ވ) އަތުން ބޯޅަ ހޯދަން ވިކްޓްރީގެ ސުޒޭން މަސައްކަތްކުރަނީ.


މި ދެ ޓީމުގެ ވާދަވެރިކަން އެންމެ ބޮޑަށް، މި ފަހުން ފެނުނީ 2006 ވަނަ އަހަރު އެވެ. އެ އަހަރުގެ ދިވެހި ލީގުގެ ފަހު މެޗަށް ނިއު އާއި ވިކްޓްރީ ކުރިމަތިލީއިރު، އެ މެޗު އެއްވަރުކޮށްގެން ވެސް ނިއު އަށް ލީގު ލިބެން އޮތެވެ. ވިކްޓްރީ އަށް ޖެހެނީ މޮޅުވާށެވެ. މެޗު އެއްވަރުވެގެން ނިއު، ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރުމާ ދިމާލަށް ދަނިކޮށް، ފަހު ވަގުތު، މި ފަހަރު ވެސް އަނިލްގެ ގޯލުން ވިކްޓްރީ ލީޑު ނެގި އެވެ. ވިކްޓްރީ އަށް ތަށި ލިބޭނެ ކަމަށް ބަލައި އެ ޓީމުގެ ސަޕޯޓަރުން ކާމިޔާބީގެ ބެނާތައް ދަމަން ތިއްބާ، އަދި ނިއުގެ ބައެއް ސަޕޯޓަރުން ވެސް ދަނޑުން ނުކުމެ ނުމެ ތިއްބާ މަންޒަރު ބަދަލުވީ އެވެ. އަލީ އަޝްފާގް (ދަގަނޑޭ) ފަހު ސިކުންތުގައި ގޯލު ޖަހައި ނިއު އަށް ލީގު ކާމިޔާބުކޮށްދިނީ އެވެ.

އެހެންވެ، ޖެހިގެން އައި ގައުމީ މުބާރާތުގެ ސެމީ ފައިނަލަށް މި ދެ ޓީމު ނުކުތްއިރު އޮތީ އެ މެޗުގެ ފޯރިގަދަވެފަ އެވެ. މެޗުގެ ވަރަށް ކުރީކޮޅު ސަޕޯޓަރުން ހޫނުވާން ފެށި އެވެ. އެގޮތުން ނިއުއާ ދެކޮޅަށް ރެފްރީ ނިންމި ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން އެ ޓީމުގެ ސަޕޯޓަރުން އިސްތިހާތު ބޯޑުތައް ވައްޓާލައި ދަނޑަށް އަރަން ދިމާކުރި އެވެ. ހާލަތު ކޮންޓްރޯލްކޮށް އަލުން ފަށައިގެން ގޮސް ދެ 2-2 އިން އެއްވަރުވެފައި އޮއްވާ އަނެއްކާ ވެސް ނިއުގެ ސަޕޯޓަރުން ދަނޑަށް އެއްޗެހި އުކަން ފެށުމުން ރެފްރީ މެޗު ހުއްޓާލީ އެވެ.

އެފްއޭއެމުން މައްސަލަ ބެލުމަށް ފަހު ނިންމީ ސަޕޯޓަރުން ނުވައްދައި މެޗު އަލުން ކުޅޭށެވެ. އެކަމާ ގުޅިގެން ވިކްޓްރީގެ ނުރުހުން ނިއު އަށް އަމާޒުވުމުން އެ ޓީމުގެ ޗެއާމަން އަލީ އާޒިމް ވިދާޅުވީ ސަޕޯޓަރުންގެ ސަބަބުން ކަމެއް ދިމާވާނީ ވެސް ސަޕޯޓަރުން ތިބޭ ޓީމުތަކަށް ކަމަށާއި، ވިކްޓްރީގައި ސަޕޯޓަރުން ނުތިބޭނެ ކަމަށެވެ. ރައްދުގައި ވިކްޓްރީގެ ކޯޗު އަލީ ސުޒޭން ބުނީ އާޒިމް ވިދާޅުވީ ތެދެއް ކަަމަށާއި، ވިކްޓްރީގައި ދަނޑަށް ފުޅިއުކާ ސަޕޯޓަރުން ނުތިބޭނެ ކަމަށެވެ. ފަޅު ދަނޑެއްގައި ކުޅުނު އެ މެޗުގެ ރީޕްލޭ 2-0 އިން ކާމިޔާބުޮކޮށް ފައިނަލަށް ދިޔައީ ވިކްޓްރީ އެވެ.

މި އަހަރުގެ ދެ ވަނަ ޑިވިޝަނުގެ މެޗެއްގައި ލަނޑު ޖެހުމަށް ފަހު ނިއުގެ ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އޭގެ ފަހުން ދިވެހި ފުޓްބޯޅައިގެ ވިދުން ފަނޑުވަމުން ދިއުމާއި، ދެ ޓީމުގެ ފެންވަރު ވެސް ދެ ވަރެއްގައި އޮތުމުން މާބޮޑު ވާދަވެރިކަމެއް ނެތެވެ. އޭގެ ހެއްކަކީ، ވިކްޓްރީގެ އަމިއްލަކޮށްފައި އޮތް ގައުމީ ތަށި މިލްކުކުރުމުގެ ޝަރަފް ނިއު އިން 2014 ގައި ހާސިލްކުރި ކުރުމުގައި ވެސް ކުލައެއް ނެތުމެވެ. އަދި ތަށީގެ ގޮތުން ވިކްޓްރީ ކުރީގައި އޮތް އޮތުން ނިއު ނިމުމަކަށް ގެންނަމުން ދިޔައިރު ވެސް ވިކްޓްރީ އަށް ރައްދުގައި ކުރެވޭނެ ކަމެއް ނެތުމެވެ.

ހާލަތު އެހެން އޮތް ނަމަވެސް، މިއަދު މި ދެ ޓީމުގެ ކުރިމަތިލުމަކީ ތާރީހީ މެޗަކަށް ވާނެ އެވެ. ސަބަބަކީ ދެ ޓީމުން މާޒީގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދިއުމަކީ ކުޑަ ކަމަކަށްވީ ނަމަވެސް، މި މެޗު ދެ ޓީމުގެ ވެސް ކުރިމަގާ ގުޅިފައިވުމެވެ. ކުރީގެ ހާލަތަށް ދެވެން އޮތީ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރެވިގެން ކަމަށްވާތީ، މިއަދު މޮޅުނުވެވިއްޖެ ނަމަ އެކަމަށް އިތުރު އިންތިޒާރެއް ކުރަން ޖެހި، އިތުރު އެތައް ތަކުލީފުތަކެއް އުފުލަން ޖެހޭތީވެ އެވެ. އެހެންކަމުން ހާލަތަށް ބަލާއިރު، މިއަދުގެ މެޗުގެ މެޗަކީ، މި ދެ ޓީމުގެ ތާރީހީ ކުރިމަތިލުންތަކުގެ ބުރަދަން ހުރި، އަދި މޮޅުވެއްޖެ ނަމަ އެހާމެ ފޮނި ކާމިޔާބަކަށް ވާނެ މެޗެކެވެ.

ނިއު އާއި ވިކްޓަރީގެ މެޗު ފަށާނީ މިއަދު ހަވީރު، 15:30 ގަ އެވެ.