Advertisement

ތޮއްޕޭ އެނބުރި ވިކްޓަރީ އަށް

8 މާރިޗު 2025 - 13:15 0

ވެލެންސިއާ މެޗެއްގެ ތެރެއިން ތޮއްޕޭ (ވ) ބޯޅަ ހިފައިގެންދަނީ.---


ތޮއްޕޭ އެނބުރި ވިކްޓަރީ އަށް

8 މާރިޗު 2025 - 13:15 0

ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަަކަކަށް ކުޅެފައިވާ އަލީ ޝާމިސް (ތޮއްޕޭ)، ފުރަތަމަ ޑިވިޝަނުގައި އޭނާ ކެރިއަރު ފެށި ވިކްޓަރީ ސްޕޯޓްސް ކްލަބާ ގުޅިއްޖެ އެވެ.

ލ. ގަމަށް އުފަން ތޮއްޕޭ، ފުރަތަމަ ޑިވިޝަނުގައި އެންމެ ފުރަތަމަ ކުޅެފައިވަނީ، 2017 ވަނަ އަހަރު ވިކްޓަރީ އަށެވެ. އަލީ ސުޒޭންގެ ކޯޗުކަމުގައި، އެ ފަހަރު މާލޭ ލީގުގައި ތޮއްޕޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އޭގެ ފަހުން، ތޮއްޕޭ ވަނީ ފުރަތަމަ ޑިވިޝަނުގައި ގިނަ ޓީމުތަކަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް ވެލެންސިއާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ށ، ފޯކައިދޫ ޓީމު އަދި ޓީސީ ސްޕޯޓްސް ކްލަބް ހިމެނެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ވެސް މީގެ ކުރިން ހިމެނުނު ތޮއްޕޭ، އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ، ދެ ވަނަ ޑިވިޝަން ކާމިޔާބުކުރި އޮޑި ސްޕޯޓްސް ކްލަބުންނެވެ.

ފަސް ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު، ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރު ވިކްޓަރީން އަންނަނީ އަންނަ މަހުގެ އަށް ވަނަ ދުވަހު ފަށަން ތައްޔާރުވާ ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ޓީމު ވަރުގަދަ ކުރަމުންނެވެ.

2017 ވަނަ އަހަރުގެ މާލޭ ލީގުގައި ތޮއްޕޭ ވިކްޓަރީ އަށް ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: މިހާރު


ވިކްޓަރީން ސޮއި ހޯދި ކުޅުންތެރިންނަށް ބަލާއިރު، ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް ކުރިން ކުޅުނު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، ޓީސީ އަށް ކުޅުނު މުހައްމަދު ސާދު ނިޒާރާއި ނަޝާހު އަހުމަދު (ނައްޓު)، ކްލަބް ވެލެންސިއާގައި ހުރި ހަސަން ސުފިޔާން (ސޫފީ)، މާޒިޔާ އާއި ވެލެންސިއާ އަށް ކުޅުނު އަމްދާން އަލީ (އެންޑީ)، ކުރިން ވިކްޓަރީ އަށް ކުޅެ، އެންމެ ފަހުން އީގަލްސް އިން ފެނުނު އަހުމަދު ހަސަން (އައްމަޑޭ) ހިމެނެ އެވެ.

ދަރަނީގެ މައްސަލައިގައި އެފްއޭއެމް އިން ވިކްޓަރީ ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ ވިކްޓްރީން މުސާރަ ނުދޭ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ މައްސަލަ އެފްއޭއެމާއި ފީފާގައި އޮތުމުންނެވެ. ވިކްޓަރީގެ އާ ބޯޑުން ވަނީ އެ ދަރަނިތައް ދައްކައި، ކްލަބް ސަސްޕެންޝަނުން ސަލާމަތްކޮށްފަ އެވެ. ޖެހިޖެހިގެން ދެ ފަހަރު ދެ ވަނަ ޑިވިޝަނުގައި ކުޅުމަށް ފަހު، ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރު ވިކްޓަރީ މި ވަނީ އަލުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ. އެއީ، އެންމެ ފަހުން ކުޅުނު ދެ ވަނަ ޑިވިޝަނުގެ ރަނަރަޕްގެ ގޮތުގަ އެވެ.