Advertisement

ހުލާސާކޮށް އިއްޔެ: ދައުރު ވަނީ ފޭކް ލިސްޓެއް

12 ފެބުރުވަރީ 2024 - 06:31 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މިހާރު ހަދަމުންދާ ފްލެޓުތައް -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: ދައުރު ވަނީ ފޭކް ލިސްޓެއް

12 ފެބުރުވަރީ 2024 - 06:31 0

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ފްލެޓު ހަވާލުކުރާ 4000 ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކޮށްފައިވާ ލިސްޓެއް ކަމަށް ބުނެ ދައުރުކުރަމުން ދަނީ ސައްހަ ލިސްޓެއް ނޫން ކަމަށް އެ ކޮމިޝަނުން އިއްޔެ ބުންޏެވެ،

މިދިޔަ ސަރުކާރުގައި ފްލެޓު ދިނުމަށް ކުރިއަށްގެންދިޔަ ސްކީމާ ގުޅޭ މައްސަލަތަކެއް އޭސީސީން އަންނަނީ ބަލަމުންނެވެ. ފްލެޓު ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި މީހުންގެ ތެރެއިން 59 ޕަސެންޓު މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެ އެވެ. އަދި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އުޅޭ 19.7 މީހުންނަށް ފްލެޓު ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މައްސަލަ ތަހުގީގުކޮށް ހައުސިން މިނިސްޓްރީއަށް ތަފްސީލުތަކެއް އޭސީސީން ހިއްސާކޮށްފައިވާއިރު އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓުގެ ބައެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިސްޓެއް އަންނަނީ ދައުރުވަމުންނެވެ.

އޭސީސީން ވަނީ ތަހުގީގު ބޭނުމަށް ތައްޔާރުކުރި ލިސްޓެއް ހައުސިން މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ހިއްސާކުރި ކަމަށް ބުނެފަ އެވެ. އަދި, ތަހުގީގުގައި ފާހަގަކުރެވުނު ކަންކަން މީޑިއާއާ ހިއްސާކުރި ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

"މީގެ އިތުރުން, އެއްވެސް ފަރާތަކަށް މި މައްސަލައާ ގުޅޭ މައުލޫމާތެއް ނުވަތަ ލިޔުމެއް ކޮމިޝަނުން ނުވަތަ ކޮމިޝަނުގެ މުވައްޒަފެއް ވެސް ހިއްސާކޮށްފައި ނުވާނެ," އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފްލެޓު ލިބޭ މީހުންގެ މައްސަލަތައް އޭސީސީން ބަލާފައި ވަނީ ގޯސްކޮށް ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އަދި ފްލެޓު ލިސްޓަށް ބަދަލު ގެންނަން އުޅެނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

ފްލެޓު ލިބޭ މީހުންގެ ލިސްޓު ސަރުކާރުން އަލުން އެކުލަވާލަން ނިންމާފައިވާއިރު، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯތި ދިން ގޮޮތުގެ މައްސަލަތަކެއް ވެސް ބަލަމުންދާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކުރީ ސަރުކާރުން ނިންމައި ގެޒެޓުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެންމެނަށް ފްލެެޓާއި ގޯތި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ

މުހިއްމު ބައެއް ހަބަރު